މިސަރުކާރަކީ އެމްޑީޕީގެ ފިކުރު ތަންފީޒު ކުރާ ސަރުކާރެއް ނޫން: ޕަބްލިކް

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ސަރުކާރެއްކަމަށް ބުނާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމްޑީޕީގެ ހަގީގީ ފިކުރު ބަދަލު ކޮށްފިއެވެ. އެމް.ޑީގެ ޝިޢާރަކީ ރައްޔިތު މީހާ ތަރައްގީ ކުރުމެވެ. އެހެނަސް މި ސަރުކާރުން ތަރައްގީ ކުރަނީ މުޅިން އެހެން ކަންކަމެވެ. ގައުމުގެ ޢަދުލު އިންޞާފާއި ހަމަހަމަކަން ގެއްލި ހިނގައްޖެއެވެ. ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ފަސާދަ ޢާންމުވެއްޖެއެވެ.

އެކި ސަރުކާރުތަކުން ވަގަށް ނަގާފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. ދައުލަތުން ގެއްލިފައި ވަނީ ރައްޔިތުން އަތްވާއި ވާރޭގައި ބުރަމަސައްކަތް ކޮށްގެން ދައުލަތަށް ނަގާފައިވާ ޓެކްސް ފައިސާއެވެ. މިފައިސާ ވަގުންނަށް ދީގެން ރައްޔިތުންނަށް އިންޞާފު ހޯދައި ނުދޭނަމަ، ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވުޖޫދުވި ފަހުން ދިމާވި ވެންޓިލޭޓަރުގެ މައްސަލަ ނުބެލުނެވެ. ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ މައްސަލަ ވެސް އެކަށީގެންވާ ގޮތަކަށް ނުބެލުނެވެ. ނުވެސް ބަލާނެއެވެ. އެކި ސަރުކާރުތަކުން ރައްޔިތުންގެ ޚަޒާނާއިން 39.6 ބިލިއަން ރުފިޔާ ވަނީ ދިރުވާލާފައެވެ. އެމް. އެމް.ޕީ.އާރުސީގެ ޚިޔާނާތް، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔާފާރި، އެފްޕީއައިޑީގެ ޚިޔާތް، އެއަރމޯލްޑިވުސް ގެ ޚިޔާނާތް، ވެންޓިލޭޓަރުގެ މައްސަލަ، ޑޮކްޓަރ އަފްރާޝީމު ޢަލީ ކަތިލިމައްސަލަ، ނޫސްވެރިޔާ ރިލްވާނު ކަތިލިމައްސަލަ، ޔާމީން ރަޝީދު ކަތިލި މައްސަލަ، މި މައްސަލަތައް ސަރުކާރަށް ނުބެއްލެވޭ ސަބަބެއް މި މައްސަލަ ތަކުގެ ޙައްގުވެރީންނަށް އޮޅުންފިލުވައި ދިނުމަށް ކަމާ ބެހޭފަރާތްތަކަށް ގޮވާ ލަމެވެ.

ރައީސް ޞާލިޙަށް ވެރިކަމަށް އާދެވުނު ގޮތް ނޭނގޭ ބަޔަކަށް ނޭނގުނަސް އެނގޭ ބަޔަކަށް އެނގޭނެ ތާއެވެ! އެއީ ނުލަފާ ހިޔަޅު ރޭވުމެއްގެ ތެއިން ހިންގާފައިވާ ޖަރީމާއެކެވެ. ރައީސް ނަޝީދަށް ކުރިމަތި ނުލެވުނީ ރައީސް އިބޫ މިހާރުގެ ކޯލިޝަންގައި ހިމެނޭ ބަޔަކާ ގުޅިގެން ކަމަށް ވީއިރު އަދި ގައުމުގައި ހިންގާފައިވާ ޖަރީމާތަކާ ވައްކަމުގެ މައްސަލަތައް ނުބަލާގޮތަށް އެއްބަސް ވެގެން ކަން މިހާރު ރައްޔިތުންނަށް އެނގޭނެއެވެ.

މި އީ އެއްވެސް އިޚުލާޞްތެރި ކަމެއް ހުރި ބަޔަކު އުޅޭ ސަރުކާރެއް ނޫނެވެ.

އަމިއްލަ ޖާހަތާއި ލައްޒަތަށް ޓަކައި އުޅޭ ހަރާމްކޯރު ބަޔަކު ވަނީ މިސަރުކާރު ޙިޞާރު ކޮށްފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެވޭނެއެވެ. އެހެނަސް ދެވަނަ ދައުރަކަށް އުންމީދު ނުކުރައްވާށެވެ! އަބަދު ވަގުންނާއި ގާތިލުންނާއި ޚިޔާނާތްތެރިންނާއި އަނިޔާވެރިން ކިހިލި ފަށްދަށަށް ލައިގެން ވެރިކަން ކުރަން ރައްޔިތުން ފުރުޞަތެއް ނުދޭނެއެވެ. ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތައް ޕެރަލައިޒް ކޮށް ރައްޔިތުންނަށް ލިބެންޖެހޭ އިންޞާފުގައި އަތްއަޅައިގެން އުޅޭ ސަރުކާރަކަށް ރައްޔިތުން ބޭނުމެއް ނުވާނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ބައިވެރިން ކަފު ޖަހައިގެން، މުޅި ސަރުކާރުގެ އެންމެހައި އިންޞާފުގެ ދޮރާށިތަކުގައި އެވަނީ ތަޅުއަޅުވާފައެވެ. ބޭރު ގައުމުތަކުން ބިމާއި ގެދޮރުގަނެ އެންމެ ޒަމާނީ ފެންވަރުގެ ލަގުޒަރީ އެޕާޓްމެންޓް ތަކުގައި އިނގިރޭސި ކާނާ ކައުގެން އެންމެ އަގުބޮޑު ކާރުތަކުގައި އުޅެމުން އެދަނީ މައިންބަފައިންގެ ތަރިކަ މުދާލަކުން ނޫނެވެ. ރައްޔިތުންގެ ފައިސާއިންނެވެ.

ތިމާއަށް މަގާމު ހޯދައިދިން މީހުންގެ މަތީން ހަނދުމަ ނުވި މީހަކަށް ދެވަނަ ފުރުޞަތެއް ލިބޭނެ ކަމަށް އުންމީދު ނުކުރާށެވެ!

އެމްޑީޕީގެ 65 މެންބަރުން ވަކިމީހެއްގެ ބާރުގެ ދަށަށް ގެނެވެނީ ކޮން އުޞޫލަކުން ކޮން ހަމައަކުން ކަން އެގެންޖެއެވެ. ރައްޔިތުން ވޯޓް ދިނީ އެމްޑީޕީގެ ފިކުރަށެވެ. އެފިކުރަކީ ރިޝްވަތަށް ހެއްލޭ ފިކުރެއްނޫނެވެ. އަދި އެފިކުރަކީ އަނިޔާވެރިވާ ފިކުރެއް ވެސް ނޫނެވެ. އެހެނަސް ރައްޔިތުންގެ މަޖީލީހުގެ އެމްޑީޕީގެ ގިނަމެންބަރުން މިހާރު ތިބީ ފައިސާއަށް ވިކިފައިކަމަށް އެމްޑީޕީގެ ޢާންމު މެންބަރުން ދަނީ ބުނަމުންނެވެ.

މިއީ ރޭވުމެއްގެ ތެރެއިން ހިނގަމުން އަންނަ ކަމެއް ކަމަށާއި އެ ރޭވުމަކީ ރައީސް ނަޝީދު ޕާޓީއާ ދުރުކޮށްލުމުގެ ވިސްނުން އިސްކޮށްގެން ހިންގާ ނުބައި ހިޔަޅު ރޭވުމެއް ކަމަށް ގިނަބަޔަކު ސިފަކުރެއެވެ.

އެމްޑީޕީ އަކީ ވަކި ފިކުރެކެވެ. އެފިކުރުގެ ބާނީ އަކީ ރައީސް ނަޝީދެވެ. އެހެންކަމުން ރައީސް މައުމޫނުގެ ޕާޓީ ރައީސް ޔާމީނު ޖަހައިގަތް ބީދައިން ރައީސް ޞާލިޙަށް އެމްޑީޕީ އަތުލަން އުނދަގޫ ވާނެއެވެ.

އެމްޑީޕީގެ ފިކުރަކީ ރައްޔިތުމީހާ ތަރައްގީވުން ކަމަށް ވީނަމަވެސް މި ސަރުކާރަށް ރައްޔިތުމީހާ ނުފެނެއެވެ. ސަރުކާރަށް ރައްޔިތުން އުޅެމުންދާ ނިކަމެތި ކަމާއި ހިތްދަތިކަން ނޭނގުމުގެ ނަތީޖާއާ ރައީސް ޞާލިޙަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ރައްޔިތުން މިޙާލުގައި ތިއްބާ ވޯޓު ހޯއްދަވަން މި ސަރުކާރުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ވަޑައި ގަތީމާ ނަތިޖާ ފެނިގެން ދާނެއެވެ.

 

Loading

3 Responses

  1. Mihaaru migaumuga e othee varah ves hiyalhu sarukaareh gaumah raiyyathakah kameh Koh dheyn sis ulhey baegge sarukaareh noon, amilla edhumun foavefa vaa varah ves jaahilu sarukaareh.

  2. ލިއުންތެރިން ވާންޖެހޭނީ ކަންތައްތަކުގެ ހަގީގަތް އޮޅުންފިލުވާދޭން މަސައްކަތްކުރާބަޔަކަށެވެ. މިލިއުން ކިޔާލުމުން ލިއުންތެރިޔާ ވަރަށްބޮޑަށް އެއްފަރާތަށް ބުރަވެފާކަން ދޭހަވެއެވެ. ލިއުންތެރިންނަށް ވަރަށްގިނަފަހަރު މައުލޫމާތު ލިބެނީ ޢާންމުކޮށް ފެންނަމުންދާ އަދި ޢާންމުންގެ މެދުގައި ދެކެވެމުންދާ ވާހަކަ ތަކުގެ މައްޗަށް ބިނާކޮށެވެ. ދިރާސާކޮށްގެން ނުވަތަ ފުރާނައިގެން ލިއުންތެރިޔާ ނަގަނީ އޭގެ އޮއްޓަރުކޮޅެވެ. ދެން އޭގެ ތެރެއަށް އޭނާގެ ވިސްނުމާފިކުރު އަޅާމޮޑެގެން ވިއްކަން މަސައްކަތްކުރަނީއެވެ. އެހެންކަމުން ކަމެއް ހާމަކުރުމުގެ ކުރިން ގަލަމުގެ ތުނޑުން ބޭރުވަންދެން ލިއުންތެރިޔާގެ ބާރުގެ ދަށުގައި އޮތް ނަމަވެސް ގަލަމުގެ ތުނޑުން ބޭރުވާ ހިސާބުން ލިއުންތެރިޔާގެ ބާރު ކެނޑުނީ ކަމުގައި ދެނެގަންނަން ޖެހޭނެއެވެ. ތުންތުންމަތިން އިވޭ އަޑުތަކަށްބަލާއިރު މިއަދުވެސް ޕާރޓީ ސިސްޓަމާމެދު ރައްޔިތުން ދެކޭގޮތް ބަލައިފިނަމަ އާއެކޭ ބުނާ ރައްޔިތުންނަށްވުރެން ނޫނެކޭ ބުނާރައްޔިތުން ގިނަވާނެއެވެ. އެހެންވީމާ ޕާރޓީ ތަކުގެ ވިސްނުން ވިއްކަން އުޅުމަކީ އަމިއްލަ އެޖެންޑާއެކެވެ. ރައްޔިތުންނަށް ފައިދާކުރާނީ ހެޔޮވެރިކަމަކަށް މަގު ފަހިކުރުވަނިވި ފިކުރުތައް ހާމަކުރުމެވެ. ސަންދާނުގެ މަގްސަދަކީވެސް އެއީ ކަމުގައި ވަރަށް ފާޅުކަންބޮޑުގޮތެއްގައި އެއޮންނަނީ ހާމަކޮށްފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް