ނަފްސަށް އިޚްލާޞްތެރިވާށެވެ! އޭރުން ޤައުމަށް އިޚްލާޞްތެރިވެވޭނެއެވެ.

Loading

Facebook
Twitter
WhatsApp

ކޮންމެ ކަމެއްގެ ވެސް އިޞްލާޙު ފެށޭހިސާބަކީ ތިމާގެ އަމިއްލަ ނަފްސެވެ. އެނަފްސު އިސްލާޙު ކޮށްފިނަމަ، އެކަމުގެ ސަބަބުން ތިމާއަށްވެސް އަދި ޤައުމަށް ވެސް މަންފާ ކުރާނެއެވެ. ނަފްސަށް ތެދުވެރި ވެއްޖެ މީހަކު ފަރުދުންނަށާއި ޤައުމަށް ތެދުވެރިވާނެއެވެ. ނަފްސަށް އިޚްލާޞްތެރި ވެއްޖެ މީހަކު ފަރުދުންނަށާއި ޤައުމަށްވެސް އިޚްލާޞްތެރިވާނެކަން ޔަޤީނެވެ. އެހެންކަމުން، ތިމާކުރާ ކޮންމެކަމެއްގައި ޚިޔާނާތާއި، މަކަރުވެރިކަމާއި، ރިޝްވަތުން ދުރުހެލިވުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ބުނެއުޅެއެވެ. އެންމެން ވެސް ހަދަނީ ދޮގެވެ. އެހެންވީމާ ތިމަންނާވެސް ހަދާނީ ދޮގެވެ. އެންމެން ވެސް ރިޝްވަތު ހިފައެވެ. ނުޙައްޤުން މުދާ ހޯދައެވެ. އެހެންވީމާ، ތިމަންނާއަށް ވެސް މަންފާއެއް ކުރާނީ އެމަގުން ހިނގައިގެންނެވެ. ނުވަތަ އެންމެން މަކަރާއި ހީލަތްތެރި ރޭވުންތަކުން ދުނިޔޭގެ އުފާ ޙާޞިލު ކުރާއިރު ތިމާ އެކަނި ތެދުވެރިވިޔަސް އެކަމުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. މިފަދަ މީހުން ބުނެއުޅެއެވެ. ”ގަބުޅި ކެވޭނީ ހަކުރާ ޖަހައިގެންނެވެ. ދުނިޔެ ކެވޭނީ މަކަރާ ޖަހައިގެންނެވެ.“ މިއީ ހަމަ ޔަޤީނުންވެސް ދިއުން ޙައްޤު މަގެއްނޫނެވެ. މިވެނި އެވެނި މީހަކު ވަކިގޮތަކަށް އުޅުމަކީ ތިމާގެ ނަފްސަށާއި ޤައުމަށް ޚިޔާނާތްތެރިވުމަށް އޮތް އުޒުރެއްނޫނެވެ. އެހެންމީހެއްގެ ފަތް މަޙްޝަރު ދުވަހުން ތިމާގެ އަތަކަށް ނުދެވޭނެއެވެ. އެކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ.

ބައެއް ޙާލަތްތަކުގައި އަޣްލަބިއްޔަތަކީ ފާސިދު ގޯސް ވިސްނުމެއްކަމުގައި ވެދާނެއެވެ. އެޙާލަތުގައި ތިމާ އެވިސްނުމަށް ތަބާވާކަށް ނުޖެހެއެވެ. އެންމެ މީހަކު ޙައްޤުގެ މަގުގައި ނުވަތަ ޙައްޤު ބަހުގައި ސާބިތުވެ ހުރިނަމަ ތިމާވެސް ތާއީދުކޮށް އެއްބާރުލުން ދޭންޖެހޭނީ އެމަގަށެވެ. އެއީ، ޑިމޮކްރަސީއާއި ޚިލާފް އުޞޫލެއްކަމުގައި ފަހަރުގައި ވިޔަސް އެއީ އަޅުގަނޑުމެންގެ އިސްލާމީ ރިވެތި އުޞޫލެވެ. ނުޙައްޤުން ތިމާއަށް ކިތަންމެ ބޮޑު މަންފާއެއް ވެސް ހޯދޭނެ މަގުތައް ޝައިޠާނާ ތިމާއަށް ދައްކަމުން ދާނެއެވެ. އެފަދަ ޙާލަތުގައި އެމަގަށް ފުރަގަސް ދިނުމަށް މާތް ﷲ ގެ ރައްކާތެރިކަމަށް އެދޭށެވެ. އަދި އެފަދަ ގޮތަކަށް ތިމާ ހޯދާ މަންފާއަކީ ވަގުތީ އުފަލެއްކަމުގައި ނޫނީ ނުވާނެކަން ދަންނާށެވެ.

 ތިމާގެ ނަފްސުގެ އަގު ހިފެހެއްޓޭނީ އެ ނަފްސަށް އިޚްލާޞްތެރިވެގެންނެވެ. އެންމެންވެސް ޤަބޫލުކުރާ ހެޔޮ ރިވެތި އުޞޫލުތަކުގައި އަމިއްލަ ނަފްސު ޖާމިނުކޮށްގެންނެވެ. މީހަކު ނުބައި ގޮތަކަށް އުޅުނަސް ތިމާ އެގޮތަށް އުޅުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އެހެން މީހުންގެ ލޯތްބާއި ދުނިޔޭގެ ހިތްހަމަޖެހުމާއި ހިތުގެ އަރާމާއި އުފާ ޙާޞިލުވާނެ މަގަކީވެސް މިއީއެވެ. އިންސާނާގެ ދުނިޔޭގެ ވަގުތީ ޙަޔާތް ނުތަނަވަސްކަމުން މިންޖުވާނޭ މަގަކީ ވެސް މިއީއެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އެމީހެއްގެ ނަފްސު، ހަވާނަފްސު އެދޭ ނުބައި އެދުންތަކުން ޠާހިރު ކުރުމަށް ޢަޒުމު ކަނޑައަޅާށެވެ. ހުރިހާ ވަގުތެއްގައި، އަދި ވަކީން ޚާއްޞަކޮށް އެފަދަ ޚިޔާލުތަކާއި ވަސްވާސްތައް އަންނަހިނދުގައި މާތް ﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެ ހުރިހާ މީސްތަކުންގެ ޢަމަލުތައް ބައްލަވައިވޮޑިގެންވާކަން ދަންނާށެވެ. ތިމާގެ ނަފްސަށް ތެދުވެރިވާ އެ ނަފްސުގައި މަކާރިމުލް އަޚްލާޤުގެ ރިވެތި ސިފަތައް ހުރި އިޚްލާޞްތެރި މީހަކަށް ވުމަށް މަސައްކަތް ކުރާށެވެ. އޭރުން ތިމާގެ ޢާއިލާއަށާއި، މަސައްކަތްކުރާ މުއައްސަސާއަށާއި ޤައުމަށްވެސް އިޚްލާޞްތެރި މީހަކަށް ވެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް