ޑރ. އޭޕީޖޭ އަބްދުލްކަލާމްގެ ހަޔާތްޕުޅުން ރަން ސަފްޙާތަކެއް!

Loading

Facebook
Twitter
WhatsApp

ޑރ.އޭޕީޖޭ އަބްދުލް ކަލާމަކީ އިންޑިޔާގެ މަޝްހޫރު އޭރޯސްޕޭސް ސައިންޓިސްޓެކެވެ. 1931 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޑރ.އަބްދުލް ކަލާމް ވަނީ އިންޑީޔާގެ 11ވަނަ ރައީސްކަމުގެ މަޤާމް ފުރުއްވައިފައެވެ. އެމަނިކުފާނު ރައީސްކަން ކުރައްވައިފައިވަނީ 2002 އަކުން 2007 ކަށެވެ. ޝައްކެއްނެތި ޑރ. ކަލަމް އަކީ ލާމަސީލު ނަމޫނާ ރައީސް އެކެވެ.

އެމަނިކުފާނު މަޝްހޫރު ވެފައިވަނީ އެއްވެސް ހާލެއްގައި ބޮޑު ސައިންޓިސްޓަކަށް ވެގެންނެއް ނޫނެވެ. އެހެނެއް ކަމަކު އެމަނިކުފާނުގެ ދިރިއުޅުއްވުމު ވައްޓަފާޅި ގެންގުޅުއްވި ރީތި ސިފަފުޅުތަކުގެ ސަބަބުންނާއި، އެމަނިކުފާނުގެ ހަރުދަނާ ޝަޚްސިއްޔަތުގެ އަމާނާތްތެރިކަމާއި އީމާންދާރީގެ  ސަބަބުންނެވެ.

މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލައިފައިވާނީ ރައީސް ޑރ. އަބްދުލްކަލާމުގެ ކުރީގެ ސެކެޓްރީ މރ. ޕީއެމް ނަޔަރް ޓީވީ އިންޓަރވިއުއެއްގައި ހިއްސާ ކޮށްފައިވާ ބައެއް ހަގީގީ ވާހަކަތަކަށެވެ. މރ.ނަޔަރް އަކީ ކުރީގެ އައިއޭއެސް އޮފިސަރެކެވެ. އެބޭފުޅާ ވަނީ ޑރ.ކަލާމްގެ ހަޔާތްޕުޅާ ބެހޭގޮތުން ”ކަލާމް އިފެކްޓް“ގެ ނަމުގައި ފޮތެއްވެސް ލިޔުއްވައިފައެވެ. އެބޭފުޅާގެ އިންޓަރވިއުގެ ބައެއް ޚާއްސަ ނުކުތާތަކަށް އަލިއަޅުވާލާނަމެވެ.

  • ޑރ.އަބްދުލް ކަލާމުގެ ޒަޢާމަތުގައި އެމަނިކުފާނު އެކި ޤައުމުތަކަށް ޒިޔާރަތް ކުރައްވާ ދަތުރުތަކުގައި އެކި އަގުބޮޑެތި ހަދިޔާ ލިބިވަޑައިގަންނަވައެވެ. ޑރ.ކަލާމް އެފަދަ އަގުބޮޑެތި ހަދިޔާތަށް ޤަބޫލު ކުރައްވަނީ އެއީ އެ ހަދިޔާތަށް ގަބޫލުފުޅު ނުކުރެއްވުމަކީ ބައެއް އާދަކާދައިގެ މަތިން އެފަރާތަކަށް ކުރެވޭ ކުޑާމީސް ކަމަކަށް ވެދާނެތީއެވެ. ރައީސް ޑރ.ކަލާމް އެހަދިޔާތަށް ޤަބޫލުކުރެއްވުމަށް ފަހު ސަރުކާރުގެ ޚަޒާނާގެ ތެރެއަށް ލައްވައެވެ. އަދި ޚަޒާނާއަށް އެ އެހަދީޔާއެއް ލެއްވުމަށް ފަހު އަނބުރާ އެއެއްޗަކާއި ދިމާލަށް ބައްލަވައިވެސްނުލައެވެ. އެތަކެތި ހުންނަނީ ރައްޔިތުންގެ ރައުސުލްމާލުގައި ރައްކާ ކޮށްފައެވެ. މުޅި ރިޔާސީ ޓާރމުގައި ލިބިވަޑައިގެންނެވި ބައިވަރު ހަދިޔާގެ ތަކެތީގެ ކުޑަމިންވަރެއްވެސް އެމަނިކުފާނު ބޭނުން ނުކުރައްވާއެވެ.
  • 2002 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާއި ހަވާލު ވީއިރު، ރަމަޞާން މަހުގައި އާދަކާދައިގެ މަތިން ކޮންމެ އަހަރަކުވެސް ރައީސްއާއި ދައުލަތުގެ އިސްވެރިންނާއި އެކު ޝާހީ ރޯދަ ވީއްލުމެއް ބާއްވާ އުޅެއެވެ. ނަމަވެސް ޑރ. ކަލާމް ގާތުގައި މިވާހަކަ ދެންނެވުމުން، މުދާވެރި ބަޔަކަށް އެފަދަ ޚަރަދެއް ކުރައްވަނީ ކީއްކުރަންތޯ ސުވާލުކުރެއްވިއެވެ. އަދި އެކަމަށް ހޭދަވާ ފައިސާގެ އަދަދު މރ.ނަޔަރް ގާތުގައި އެއްސެވި ކަމަށް ވެއެވެ. މރ.ނަޔަރ އެއީ 22 ލައްކަ ރުޕީސް ކަމަށް ދެންނެވުމުން، އެފައިސާ އެޤައުމުގެ ބައެއް ޔަތީމުޚާނާ ތަކަށް ހަދިޔާ ކުރެއްވުމަށް އެންގެވިއެވެ. އަދި އެއަށްފަހު އެމަނިކުފާނުގެ އަމިއްލަ ފައިސާއިން 1 ލައްކަ ރުޕީސްގެ ޗެކެއް ދެއްވިއެވެ. މިވާހަކަ މރ.ނަޔަރ ރައްޔިތުންނާއި ހިއްސާކުރައްވަން އުޅުމުން އެކަމާވެސް ދެކޮޅުހައްދަވާ، އެކަން މަނާ ކުރެއްވިއެވެ. އަދި އެފައިސާއަށް ވާވަރަށް ކާބޯތަކެއްޗާއި، އަންނައުނު ފަދަ ތަކެތި އެ ޔަތީމުޚާނާތަކަށް ހަދިޔާ ކުރަން އެންގެވިއެވެ.
  • ޑރ. ކަލާމަކީ އެއްވެސް ވަރަކަށް ”ޔެސް ސަރ“ ބުނެއުޅޭ މީހުންނާއި ހިތްޕުޅާކުރަށްވާ ބޭފުޅެއްވެސް ނުމެ ނޫނެވެ. އެގޮތުން އެއްދުވަހަކު އިންޑިޔާގެ ޗީފް ޖަސްޓިސް އެމަނިކުފާނު އަރިހުގައި ކަމަކާއި މަޝްވަރާ ކުރައްވައި ރައީސްގެ ލަފާފުޅަކަށް އެދުމުން،  ރައީސް ޑރ.ކަލާމްގެ ޚިޔާލު އެކަމުގައި ދެއްވިއެވެ. އަދި މރ.ނަޔަރގެ އަރިހުގައި    Do you agree?“” (މިގޮތްތާއި އެއްބަސްވެވޭތޯ ރަނގަޅުތޯ ) ސުވާލު ކުރެއްވިއެވެ.  ނަމަވެސް މރ.ނަޔަރ އަށް އެޚިޔާލު ކަމުނުދާކަމަށް ދަންނަވައި އެޚިޔާލަށް ތާޢީދެއް ނުކުރެވޭ ވާހަކަ ދެންނެވުނެވެ. އެހިނދު އިންޑީޔާގެ ޗީފް ޖަސްޓިސް އެކަމާ ހައިރާންވެގެން ނައަރ ގާތު ސުވާލު ކުރެއްވުމުން ނަޔަރ ޖަވާބުގައި ޗީފް ޖަސްޓިސްއަށް  ދެއްވީ އޭނާ ހައިރާންވެ އަންތަރީސް ވާކަހަލަ ޖަވާބެކެވެ. ނަޔަރ ދެންނެވީ އެއީ އެހެން ބުނީ ކޭއްވެތޯ ޑރ.ކަލާމް ފަހުން ސުވާލުކުރައްވާނެ ކަމަށެވެ. އަބަދުވެސް ބޭނުންފުޅުވާނީ ތެދުބަހުން ޚިޔާލު އެރުވުމަށެވެ. އަދި އޭނާގެ ޚިޔާލް ރަނގަޅުކަމުގައި ވާނަމަ އަބަދުވެސް ޑރ.ކަލާމްގެ ނިންމުން ބަދަލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މިއީ އާއްމުކޮށް މިޒަމާނުގެ ވެރިންގެ ކިބައިގައި ނުހުންނަ މާތް ރީތި ސިފައެއްކަމުގައެވެ..
  • އެއްފަހަރެއްގައި ޑރ.ކަލާމްގެ އާއިލާގެ 50 ބޭފުޅަކަށް ދިއްލީގައި ޗުއްޓީ ހޭދަކުރަން ދަޢުވަތު ދެއްވިއެވެ. އެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ދިއްލީގައި ހުންނަ ރައީސުންނަށް ޚާއްސަ ގެކޮޅު ކަމުގައިވާ ރާޝްތްރަޕަތި ބާވަންގައެވެ. އެހަފްތާގެ ތެރޭގައި އާއިލާގެ ބޭފުޅުން އެކިތަންތަނަށް ޒިޔާރަތް ކޮށް އުޅުމުގައި ވެސް ދަޢުލަތުގެ އެއްވެސް އުޅަނދެއް ބޭނުމެއް ނުކުރައްވައެވެ. އެ ދަތުރުފުޅުތަކުގެ ޚަރަދު ބަރަދުވެސް ހަމަޖެއްސެވީ އެމަނިކުފާނުގެ އަމިއްލަފުޅަށެވެ. ހަމަ އެހެންމެ އާއިލާގެ ބޭފުޅުން އުޅުއްވި ކޮޓަރިތަކަށްވެސް އަމިއްލަފުޅު ޖީބުން ސަރުކާރަށް ކުލީގެ ގޮތުގައިވެސް ފައިސާ ދެއްކެވިއެވެ. އެމަނިކުފާނު ނަޔަރގެ އަރިހުގައި ހުރިހާ އެދަތުރުގެ ހުރިހާ ކަމަކަށް ދިޔަ ލާރީގެ ހިސާބު ހައްދަވަން އެންގެވި ކަމަށް ވެއެވެ. އަދި އަމިއްލަ ޖީބުން ފައިސާ ދެއްކެވި ކަމަށް ވެއެވެ. އަދި އޮތީ މިއަށްވުރެން ވެސް ހައިރާންކުރަނިވި ވާހަކައެކެވެ. މި ދަތުރުގައި ވަޑައިގަތް ޑރ.ކަލާމްގެ ބޭބެއަކު އެމަނިކުފާނުގެ ރަސްމީ ކޮޓަރީގައި ބެހެއްޓެވިއެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ކޮޓަރިއަށް ވެސް މިކަމާއި ގުޅުވައިން ކުލި ދައްކަން އުޅުއްވިއެވެ. ނަމަވެސް މުވައްޒަފުން އެކަމާ ދެކޮޅު ހަދައި އެވިދާޅުވާ ގޮތަށް ފައިސާ ނަގަން ދެކޮޅުހެދިއެވެ. ”މިއީ އިންޑިޔާގެ ތާރީޚުގައި އެއްވެސް ރައީސަކު ކަންކުރެއްވި ގޮތެއް ނޫން!“. އަދި ކިއެއްތަ މުޅިދުނިޔޭގައިވެސް މިފަދަ އިއްޒަތްތެރިއަކު ޢަމަލު ކުރެއްވި ގޮތެއްކަމަށް އެނގޭކަށް ނެތެވެ. ނަޔަރގެ މިދެންނެވި އިންޓަރވިއުގައި ވަރަށް އަސަރާއިއެކު ފާހަގަ ކުރެއްވިއެވެ.
  • ޑރ.ކަލާމްގެ ރިޔާސީ ދައުރު ނިންމަވާލައްވާ ގެކޮޅު ދޫކުރައްވަން އޮތް ދުވަހު ހުރިހާ މުވައްޒަފުންނާއި އެމީހުންގެ އަނބިކަނބަލުން އެމަނިކުފާނަށް ޒިޔާރަތް ކުރެއްވިއެވެ. އެދުވަހު މރ.ނަޔަރ ވަޑައިންނަވަން ޖެހުނީ ގިނިކަންޏާއެވެ. މިކަމާބެހޭ ގޮތުން ޑރ.ކަލާމް ސުވާލުކުރެއްވުމުން އެބޭފުޅާގެ އަނބިކަނބަލުންގެ ފަޔަށް އަނިޔާވެގެން ބައިވެރި ނުވެވުނީކަމުގައި ދެންނެވިއެވެ. އޭގެ އަނެއް ދުވަހު ނަޔަރ އަށް ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ. ގޭވަށައިގެން ގިނަ އަދަދެއްގެ ފުލުހުން ތިބި މަންޒަރެވެ. ނައިރް އެތަނުން ފުލުހަކާ ސުވާލުކުރެއްވުމުން ވިދާޅުވީ ޑރ.ކަލާމެ އެދުވަހު އެގެޔަށް ޒިޔާރަތް ކުރައްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އުފަލާއި ހިތަހަމަޖެހުމާއި އެކު ނަޔަރ ކިޔައިދިންގޮތުގައި ޑރ.ކަލާމް އެގެޔަށް ޒިޔާރަތް ކުރައްވާ  އޭނާގެ އަނބިކަނބަލުންގެ ހާލުބައްލަވާ ވާހަކަ ދެއްކެވިއެވެ. އެއްވެސް ޤައުމެއްގެ ރައީސަކު މިފަދަ ކަމެއްގައި ސިވިލް ސާވިސް މުވައްޒަފެއްގެ ގެޔަށް ޒިޔާރަތް ނުކުރައްވާ ކަމަށް ނައިރް ވަރަށް އަސަރާއިއެކު ދެންނެވިއެވެ.

ޑރ. އަބްދުލްކަލާމަކީ ޙަޤީޤަތުގައިވެސް އެފަދަ ދެވަނައެއް ނެތް ސާދާ ޝަޚުސިއްޔަތެއްގެ ވެރި ލާމަސީލު ބޭފުޅެކެވެ. އެމަނިކުފާނު ދުނިޔެ ދޫކުރެއްވި އިރު އަމިއްލަ މުދަލުގެ ގޮތުގައި ހުރީ 4 ފަޓުލޫނާއި، 4 ގަމީހާއި، 2 ޑީއާރްޑީއޯ ޔުނިފޯމާއި، 3 ސޫޓާއި، 2500 ފޮތާއި، 1 ގެއެވެ. (އެގޭ ވެސް ވަނީ ފަހުން ބަޔަކަށް ހަދިޔާ ކޮށްފައި)

އޭގެ އިތުރުން ސަނަދުތަކުގެ ގޮތުގައި 1 ޕަދްމާޝަރީ، 1 ޕަދްމާބޫޝަން، 1 ބާރަތް ރާތްނާ އަދި 16 ޑޮކްޓްރޭޓް އެމަނިކުފާނުގެ އަތްޕުޅުގައި އޮންނެވިއެވެ. އޭގެ އިތުރުން އެމަނިކުފާނު ސޯޝަލް މީޑީޔާ އެކައުންޓްތަކުގެ ގޮތުގައި 1 ވެބްސައިޓްއާއި، 1 ޓްވިޓާރ އެކައުންޓް އަދި އެއް އީމެއިލް އައިޑީ އޮންނެވިއެވެ.

އެމަނިކުފާނުގެ އަތުގައި މީގެ އިތުރުން ކާރެއް، ޓީވީއެއް، ގެޔެއް، ނުވަތަ ފައިސާއެއްވެސް ދުނިޔެ ދޫކޮށް ދިޔައިރު ނެތެވެ. ހުރިހާ އެއްޗެއްވެސް ވަނީ ބޭނުން ޖެހިފައިވާ ފަރާތަތަކަށް ހަދިޔާ ކުރައްވައިފައެވެ.

ހާދަ މާތް ޝަޚުސިއްޔަތެކެވެ. ހާދަ މަޑުމޮޅި ހިތްހެޔޮ ބޭފުޅެކެވެ. އެހެންނޫންތޯއެވެ؟ އެއީ މުޅިދުނިޔޭގެ ތާރީޚުގައިވެސް ރަންއަކުރުން ބިންވަޅުނެގޭނެ ފަދަ ބޭފުޅެކެވެ.

އެމަނިކުފާނު އަވަހާރަވެފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އިންޑިޔާގެ ޝިލޮންގް ގައެވެ. އެމަނިކުފާނުގެ އިލްމީ މަސައްކަތްތަކަކީ މިއަދުވެސް މުޅި ދުނިޔެ ބަލައިގަންނަ، ފުރިހަމަ މަސައްކަތްތަކެކެވެ. އެމަނިކުފާނުގެ ވަކިވެގެން ދިޔުމަކީ މުޅި ޢިލްމީ ދުނިޔެއަށް ވެސް ލިބުނު ފަޅުކަމެކެވެ.

https://www.britannica.com/biography/A-P-J-Abdul-Kalam

Loading

4 Responses

  1. މރ. ނަޔަރަށް އަހަރެމެންގެ ވެރިންނާއި އެކު އުޅުއްވަން ފުރުސަތު ނުލިބުނީތީ ތިޔަހެން ނަޔަރ އަށް ބުނެވުނީ ކަމަށް ހީކުރެވެއެވެ. ބައްލަވާ އަޅުގަނޑުމެން މިތިއްބެވި އަމިއްލަ އެދުމެއްނެތް ބޭފުޅުން. ނޫންތޯ؟

  2. ރައްޔިތުންގެ ޚާދިމުންގެ ކިބައިގާ އެންމެ މަދުވެގެން ހުންނަންޖެހޭ ސިފަތަކަކީ މިއެވެ. މިއުޅޭ ވެރިންނަށް މި އުޅެނީ މީގެ ބައިކުޅަބައެއްވެސް ނުދެއްކިގެންނެވެ. ތަންކޮޅެއްކުރިން ޕާކިސްތާނުގެ ބޭފުޅަކަށް އީރާނުގެ ރައީސް ނެޖާދު ދެއްވި އިންޓަރވިޔުއެއް ކިޔާލީމެވެ. އެމަނިކުފާނުގެ ފަރީއްކޮޅުގެންނަނީ ގެއިންކަމަށާއި ފަރީއްކުޅުވަނީ އޮފީހުގެ ތަޅުމުގައި އިށީންދެ އިންނަވައިގެންކަމާއި އަދި މުސާރަ ނުނަންގަވާ ކަމަށް އޮތެވެ. މުސާރަ ނުނަންގަވާ ކަމާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ކުރެވިފައި އޮވެދާނެކަމުގެ ބިރަށްޓަކައި މުސާރަނަންގަވަން ނުކެރެނީކަމަށެވެ. ދިރިއުޅުމަށް ޚަރަދުކުރައްވަނީ ޔުނިވަރސިޓީ ގައި ކިޔަވާދެއްވުމުންލިބޭ މުސާރައިންނެވެ. މިއީވެސް އިސްލާމި ގައުމެއްގެ ވެރިޔަކު ކަންތައްކުރެއްވިގޮތެވެ. ނަމަވެސް ގިނައީ މީގެ ދިމާ އިދިކޮޅަށް ކަންތައްކުރައްވާ ބޭފުޅުންނެވެ. ޑިމޮކްރެސީއަކީ އެއީތާއެވެ..އަޣްލަބިއްޔަތަށް ތަބާވުމެވެ.

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް