އިމޯޝަނަލް އިންޓެލިޖެންސް

Loading

Facebook
Twitter
WhatsApp

ވިހި ވަނަ ޤަރުނާއި ހަމައަށް ”އިންޓެލިޖެންސް“ މިބަސް ޑިކްޝަނަރީގައި ހިމެނިފައެއްނުވެއެވެ. މިބަސް އާންމުވެފައި ވަނީ 1930 ގެ ފަހުންނެވެ. މިއަދާއި ހަމައަށްވެސް ”އިމޯޝަނަލް އިންޓެލިޖެންސް“ ޑިކްޝަނަރީގައި ހިމެނިފައެއްނުވެއެވެ. އިމޯޝަނަލް އިންޓެލިޖެންސް ނުވަތަ ”އީ.ކިއު“ ބިނާވަނީ އިޙުސާސްތަކާއި، ފަރުދީ، އިޖްތިމާޢީ އަދި އަދި ދިރިއުޅުމުގެ މައިދާނުގައި ތިމާގެ ވިސްނުން ގެންގުޅޭ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، އަމިއްލަ ނަފްސު ދެނެގަތުމާއި، ވަށައިގެން ދިރިއުޅޭ އެހެނިހެން މީހުން ދެނެގަތުމާއި ދޭދޭމީހުންގެ ގުޅުންތަކާއި އެކަންކަމާއި ގުޅުންހުރި ކަންތައްތަކަށް ތިމާގެ ނަފްސު ހޭނުވުމާއި ދިރިއުޅުމުގެ މާހައުލަށް ނަފްސު ތައްޔާރު ކުރުމުގެ ކުޅަދާނަކަމަށްވެސް އިމޯޝަނަލް އިންޓެލިޖެންސް މި ސިފަ ނިސްބަތްކުރެވެއެވެ. ( ސްޕޮކް އަދި ޕީ.ބީ.އެސް ބްރެއިން އިންޖަރީ ކޭސް ސްޓަޑީ)

އިމޯޝަނަލް އިންޓެލިޖެންސް ގެ ފުރިހަމަ ތަޢާރަފެއް ދޭނަމަ ބުނެވޭނީ އެއީ، ތިމާމެންގެ އަމިއްލަ އިޙުސާސްތަކާއި އަނެކާގެ އިޙުސާސްތައް ދެނެގަތުމުގެ ކުޅަދާނަކަމާއި، ތިމާގެ ޝައުޤުވެރިކަން ތަރައްޤީ ކުރުމާއި އަދި އަމިއްލަ އިޙުސާސްތަކާއި ދޭދޭ ގުޅުންތަކުގެ އިޙްސާސްތައް ކޮންޓްރޯލްކޮށް އެ އިޙްސާސްތަކަށް ބާރުފޯރުވުމެވެ. (ގޯލްމަން، 1998)

އިމޯޝަނަލް ކޯޝަންޓް ނުވަތަ އީ.ކިއު ގެ ވާހަކަ ދައްކާއިރު އިންޓެލިޖެންސް ކޯޝަންޓް ނުވަތަ އައި.ކިއު އާއި ބެހޭގޮތުންވެސް އެއްޗެއް ބުނެލުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ، އައި.ކިއު އާއި އީ.ކިއު އަކީ އެއްކަހަލަ އެއްޗެއްކަމުގައި ވީނަމަވެސް، މި ދެ މާއްދާ ނުހަނު ބޮޑަށް ތަފާތުވީމައެވެ. އައި.ކިއު އަކީ ތިމާގެ ކިބައިގައިވާ އުނގެނުމާއި ދޭހަވުމުގެ ކުޅަދާނަކަމާއި އެކުޅަދާނަކަން އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ޤާބިލުކަމެވެ. އައި.ކިއު އާއި އީ.ކިއު އެއްމާއްދާ އަނެއް މާއްދާއަށް އަސަރުފޯރުވާކަމަށް މާބޮޑު ހެކިތަކެއް ފެނިފައި ނުވާއިރު އެއީ ތަފާތު ދެ މާއްދާކަމުގައި ބަލައިގަންނަން ޖެހެއެވެ. ސަބަބަކީ، އައި.ކިއު ރަނގަޅު ނުވަތަ ތޫނުފިލި މީހުންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އީ.ކިއު ދަށްވުމެވެ.

އީ.ކިއު ގެ މުހިންމުކަން

ހާރވަޑް ގެ ގްރެޖުއޭޓުން ކުރި ދިރާސާއަކުން ދައްކާގޮތުން އެންޓްރެންސް އެގްޒާމް ތަކުގެ ނަތީޖާއަކީ ދަރިވަރުންގެ ކެރިއަރ ގެ މުސްތަޤުބަލު އޭގެ މައްޗަށް ބިނާވާ އެއްޗެއްނޫނެވެ. ބޮޑެތި ކުންފުނިތަކުގެ 100 އަށްވުރެ ގިނަ ވެރިންގެ މައްޗަށް ކޮށްފައިވާ އެހެން ދިރާސާއަކުން ހާމަވެފައިވާގޮތުގައި، ކާމިޔާބު ވެރިންނަކީ އިމޯޝަނަލް އިންޓެލިޖެންސްއިން ކުރި ހޯދާފައިވާ މީހުންނެވެ. މިދެންނެވި ކުންފުނިތަކުގެ ތެރޭގައި އައި.ބީ.އެމް، ޕެޕްސީ އަދި ވޮލްވޯ ފަދަ މަޝްހޫރު ކުންފުނިތައް ހިމެނެއެވެ. ޑެނިއަލް ގޯލްމަން، 121 ކުންފުންޏެއްގެ 181 ވަޒީފާގެ މައްޗަށް ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާގޮތުގައި، ވަޒީފާގައި ކާމިޔާބު އަދި ރަނގަޅަށް ހަރަކާތްތެރިވާ މުވައްޒަފުންނާއި އާދައިގެ ގޮތަކަށް ހަރަކާތްތެރިވާ މުވައްޒަފުން ތަފާތުވާ މިންގަނޑަކީ އެމީހުންގެ އީ.ކިއު ލެވެލް އެވެ. މިފަދަ ހޯދުންތަކަށް ރިޢާޔަތް ކުރާއިރު، އީ.ކިއު އަކީ އިންސާނާ ދިރިއުޅުމުގައި ކާމިޔާބުވުމަށްޓަކައި ބޭނުންވާ ވަރަށް މުހިންމު މާއްދާއެއްކަން އެނގިގެންދެއެވެ.

އީ.ކިއު ގެ މައިގަނޑު އަސާސްތައް

އީ.ކިއުގައި ވަނީ މައިގަނޑު ދެ އަސާސެކެވެ. އެއީ ފަރުދީ ދާއިރާއާއި އިޖްތިމާޢީ ދާއިރާއެވެ. މިގޮތުން ފަރުދީ ދާއިރާ ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ނަފްސުގެ ހޭލުންތެރިކަމާއި ނަފްސު ތަރުބިއްޔަތު ކުރުމެވެ. އިޖްތިމާޢީ ދާއިރާވެސް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ، އިޖްތިމާޢީ ހޭލުންތެރިކަމާއި، ދޭދޭ ގުޅުންތައް ދެމެހެއްޓުމެވެ. (ޑެނިއަލް ގޯލްމަން، 2002) މިއިން ކޮންމެ ދާއިރާއަކަށް ވަކިވަކިން ބަލައިލާނަމެވެ.

ނަފްސުގެ ހޭލުންތެރިކަން

ނަފްސުގެ ހޭލުންތެރިކަމަކީ، ތިމާގެ އަމިއްލަ ނަފްސު ދެނެގަތުމެވެ. ތިމާގެ ހުރި ޤާބިލުކަމާއި، ބަލިކަށިކަން އަދި ތިމާގެ އިޙުސާސްތަކާއި އެކަންކަމާއި ގުޅުންހުރި އެންމެހައި ކަންކަމަށް ތިމާގެ ސިކުނޑި ހުޅުވިފައިވާ މިންވަރެވެ.

ނަފްސުގެ ހޭލުންތެރިކަން އަށަގެންނެވުމަށްޓަކައި ސަމާލުކަންދޭންޖެހޭ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ؛

1. ނަފްސުގެ އިޙުސާސްތަކުގެ ހޭލުންތެރިކަން : މިއީ ތިމާގެ އިޙުސާސްތައް ދެނެގަތުމާއި އެ އިޙުސާސްތަކުގެ އަސަރުތަކާއި އޭގެ ނަތީޖާ ދެނެގަތުމެވެ.

2. ތިމާގެ ނަފްސު ކިރާލުން : މިއީ ތިމާގެ ހުރި ކުޅަދާނަކަމާއި ނާޤާބިލްކަން ދެނެގަތުމެވެ.

3. އަމިއްލަ ނަފްސުގެ އިތުބާރު : މިއީ ތިމާގެ ނަފްސުގެ ބުރަދަން ވަޒަންކުރުމާއި އެމީހެއްގެ ކުޅަދާނަކަމާމެދު ހިތުގެ އެންމެ ފުންމިނުގައި އަށަގަންނުވާ އިތުބާރެވެ.

ނަފްސު ތަރުބިއްޔަތުކުރުން

މިއީ އީ.ކިއު ގެ ވަރަށް މުހިންމު ދާއިރާއެކެވެ. މިދާއިރާގައި ހިމެނެނީ؛

1. އިހުސާސްތަކަށް ބާރުފޯރުވުން : މިއީ ތިމާގެ އިޙުސާސްތައް ކޮންޓްރޯލް ކުރުމެވެ. އަދި އެ އިޙުސާސްތަކަށް ސަމާލުވެ ރައްކާތެރިވެ ހުރުމެވެ. މިސާލަކަށް ރުޅިއަންނަހިނދު ނުވަތަ ދެރަވާހިނދު އެކަން ދެނެގަނެ، ކެއްތެރިކަމާއެކު އެ އިޙުސާސްތަކުގެ މައްޗަށް ގަދަވެގަތުމެވެ. ބިރުގަންނަހިނދު ނަފްސު ކޮންޓްރޯލްކޮށް ހަމަޔަށް އަޅުވަން އެނގުމެވެ. އަދި ކަމަކަށް ބޭނުންވާހިނދުވެސް، އެކަމުގެ އޮންނަ އެންމެ ރަނގަޅުގޮތް އިޚްތިޔާރުކުރުމަށް ކެތްތެރިކަން ބިނާކުރަނިވި ގޮތުގައި ބޭނުންކުރަން އެނގުމެވެ.

2. ދެފުށްފެންނަ މީހެއްކަމުގައިވުން : މިއީ ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ކަންކަން ކުރުމުން ޙާޞިލުވާނެ ކަމެކެވެ. މިފަދަ މީހަކަށް ވެވޭނީ އަމާނާތްތެރިކަމާއެކު ކަންކަން ކުރާމީހެއްކަމުގައި ވެގެންނެވެ.

3. ބަދަލުތަކަށް ހޭނުމުގެ ކުޅަދާނަކަން : ތިމާ އުޅޭ މާޙައުލަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން ތިމާގެހުންނަންވާނެއެވެ. ތިމާދެކޭގޮތް އެއީ އެންމެ ރަނގަޅުގޮތް ކަމުގައިދެކެ ގޮތްދޫނުކޮށް ހުރުމަކީ ރަނގަޅުގޮތެއްނޫނެވެ. ބަދަލުތަކާއެކު ކުރިއަށްދާން ނަފްސު ހާނުވަންޖެހޭނެއެވެ. ޗާލިސް ޑާވިން ބުނެފައިވެއެވެ. ”ދިރިހުންނަނީ އެންމެ ވަރުގަދަ އަދި އެންމެ ވިސްނުންތޫނު ޚަލްޤެއްނޫނެވެ. އެއީ، މާހައުލުގެ ބަދަލުތަކަށް ހޭނުމުގެ ކުޅަދާނަކަން އެންމެ ބޮޑަށް ލިބިގެންވާ ޚަލްޤެކެވެ.“

4. ކާމިޔާބުވުމުގެ ޢަޒުމު : ކާމިޔާބުވުމަށް ތިމާގެ ލަނޑުދަނޑިތައް ބައްޓަންކޮށް އެކަމަށް ތިމާގެ ސިކުނޑިއާއި ނަފްސު ތައްޔާރުކުރުމަކީ މުހިންމު ކަމެކެވެ. އެންމެ އާދައިގެ މީހެއްގެ ގޮތުގައިހުރެ އެންމެ މަތީ ހަރުފަތުގައި ތިބި މީހުންނަކީ އެމަތީ ހަރުފަތަށް ވާޞިލުވުމުގެ ގަދަ ޢަޒުމުގައި މަސައްކަތްކުރި މީހުންނެވެ.

5. އިސްނެގުން : ފުރުޞަތުހޯދުމަށްޓަކައި އިސްނެގުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އިސްނެގުމުގެ ސިފައަކީ ކާމިޔާބުގެ އެއް ތަޅުދަނޑިއެވެ.

6. ދަތިތައް ހުރަސްކުރުމުގައި ސާދާވިސްނުން ގެންގުޅުން : ތިމާއަށް ދެރަކަމެއް ނުވަތަ ދަތިކަމެއް ކުރިމަތިވިކަމުގައި ވިޔަސް އެކަންކަމާއި ކެރިގެން ކުރިމަތިލާންވާނެއެވެ. ސާދާ ވިސްނުން ނުވަތަ ޕޮޒިޓިވް ވިސްނުމުގައި ކަންކަމާއި ކުރިމަތިލާން ދަސްކުރަންޖެހޭނެއެވެ.

އިޖުތިމާޢީ ދާއިރާ، އިޖުތިމާޢީ ހޭލުންތެރިކަން

މިތަނުގައި މިނަންގަނެވެނީ އީ.ކިއު އާއި ގުޅޭ އިޖްތިމާޢީ ހޭލުންތެރިކަމެވެ. މިއީ ޢާންމު ޙާލަތުގައި ބޭނުންކުރާ އިޖްތިމާޢީ ހޭލުންތެރިކަމެއްނޫނެވެ. މިއީ ތިމާ ދިރިއުޅޭ މާޙައުލުގައި ހިނގާ ހަރަކާތްތަކާއި ދިރިއުޅޭ އެހެނިހެން މީހުން ދެނެގަތުމުގެ ދާއިރާއެވެ. އެހެން މީހުންގެ އިޙުސާސްތަކާއި، ބޭނުންތަކާއި ފިކުރުކުރާކަންތައްތައް ދެނެގަތުމުގެ ދާއިރާއެވެ. އެކަންކަމަށް ތިމާގެ ލޯހުޅުވިފައިވާ މިންވަރަކީ ތިމާގެ އީ.ކިއު ކިރާލުމަށް ބޭނުންކުރެވޭ އިޖުތިމާޢީ އަސާސްގެ މާއްދާއެކެވެ.

އިޖުތިމާޢީ ހޭލުންތެރިކަން އަށަގެންނެވުމަށް ސަމާލުވާންޖެހޭ ބައިތަކުގެ ތެރޭގައި ހިމެނެނީ؛

1. އަނެކާގެ އިޙުސާސްތަކަށް އިޙުތިރާމްކުރުން: އެއީ، އަނެކާގެ ޚިޔާލަށް ނުވަތަ އަނެކާ ދެކޭގޮތަށްވެސް އިޙުތިރާމްކުރުމެވެ. އަނެކާގެ ވާހަކަތައްވެސް ކަނުލާ އެހާ އެވާހަކަތަކަށް ސަމާލުކަން ދިނުމެވެ. އަދި، އޭނާގެ ޚިޔާލުތަކަށް ތިމާގެ ޝައުޤުވެރިކަން ހުރިކަން ހާމަކުރުމެވެ. މިސާލަކަށް، އަނެކާގެ ހިތާމަތަކުގައާއި އުފަލުގައި ތިމާބައިވެރިވުމަކީ އިޙުސާސްތަކަށް އިޙުތިރާމް ކުރުމެވެ.

2. މުއައްސަސާގެ އިޙުސާސްތައް ނުވަތަ މުވައްޒަފުން ދެނެގަތުން: މިއީ މުވައްޒަފުންގެ ބޭނުންތަކާއި، އެމީހުންގެ އިޙުސާސްތަކާއި، ޤާބިލުކަމާއި، ނުކުޅެދުންތެރިކަމާއި، އަޚުލާޤީ އާދަތައް ދެނެގަތުމެވެ. މިގޮތުން މުވައްޒަފުންގެ އަމިއްލަ ދިރިއުޅުމުގެ ޙާލަތާއި އެމީހުންނާއިގުޅޭ އެހެނިހެން މަޢުލޫމާތުތަކަށް ތިމާ އަހުލުވެރިވާންވާނެއެވެ.

3. ޚިދުމަތް ދިނުމުގެ ވިސްނުން: ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ކޮންމެވެސް ދައުރެއް އަދާކުރާނެ މީހެކެވެ. ތިމާގެ ފަރާތުން އަނެކާއަށް، ރަށަށް ނުވަތަ ޤައުމަށް ޚިދުމަތް ކުރުމުގެ ވިސްނުން ކޮންމެ މީހެއްގެވެސް ހުންނަންޖެހެއެވެ. އެއީ، ޚިދުމަތް ކުރުމުގެ ލޯތްބެވެ. ދޭ ކޮންމެ ޚިދުމަތެއް އެންމެ ރަނގަޅަށް ދިނުމުގެ ވިސްނުމެވެ. އެއީ، ވިޔަފާރީގައި ކަމުގައިވިޔަސް، އޮފީހެއްގައި ކަމުގައިވިޔަސް ނުވަތަ ޖަމިއްޔާ ޖަމާޢަތެއްގައި މަސައްކަތްކުރާ މީހެއްކަމުގައި ވިޔަސްވެހެވެ. މިސާލަކަށް، ވިޔަފާރީގައިނަމަ ”ބައި ވަން ގެޓް ވަން ފްރީ“ މިއީ ޚިދުމަތް ހޯދާފަރާތްތައް ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ބޭނުންކުރާ ވިޔަފާރީގެ ޚިދުމަތުގެ އުސޫލެކެވެ. އެއީ، ރަނގަޅު ޚިދުމަތް ދިނުމުގެ ގޮތުންނެވެ. ނުވަތަ، އަނެކާ، ހިތްހަމަޖެހޭފަދަ ޚިދުމަތެއް ދިނުމަށެވެ.

ދޭދޭ ގުޅުންތައް ދެމެހެއްޓުން

ދޭދޭ ގުޅުންތައް ދެމެހެއްޓުން ނުވަތަ ”ރިލޭޝަންޝިޕް މެނޭޖްމަންޓް“ އަކީ އަނެކާގެ ހިތް ފަތަހަ ކުރުމުގައި ތިމާއަށް ލިބިފައިވާ ކުޅަދާނަކަމެވެ. މިގޮތުން ތިމާބޭނުންވާފަދަ ގާތްކަމެއް އުފެއްދުމަށް އަނެކާއަށް ރަނގަޅުގޮތުގައި ނުފޫޒުފޯރުވުމަށްޓަކައި ހުންނަންޖެހޭ ޤާބިލްކަމާއި ސިފަތަކެވެ. މިގޮތުން ރަނގަޅުގޮތުގައި މުއާމަލާކުރުމައި ސާދާ މިޒާޖެއް ތިމާގެ ފަރާތުން ދައްކުވައިދޭންޖެހެއެވެ. އަދި ތިމާ އަނެކާއަށް އަޅާލާކަމުގެ އިހުސާސް އޭނާއަށް ކުރެވޭނެފަދަ ގޮތަށް ތިމާގެ ޢަމަލުތައް ބަހައްޓަންޖެހެއެވެ.

ދޭދޭ ގުޅުންތައް ދެމެހެއްޓުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަންދޭންޖެހޭނެއެވެ.

1. މީހުން ބިނާކުރުން: މުއައްސަސާއެއް ނުވަތަ ޖަމްޢިއްޔާއެއްނަމަ އެތަނެއްގައި އުޅޭ މީހުން ބިނާކުރުމަކީ މުހިންމުކަމެވެ. މިގޮތުން އަނެކާގެ ކިބައިގައި އިތުރަށް މުއްސަނދިކުރަންޖެހޭ ސިފަތަކާއި ހުނަރުތައް ދެނެގަނެ އެދާއިރާތަކުން މީހުން އިތުރަށް ތަރައްޤީ ކުރުމަކީ މުހިންމުކަމެކެވެ. މިއީ، ކުރިއެރުމަށްޓަކައި މުހިންމު ކަމެކެވެ.

2. ނަފްސުގެ ނަމޫނާއިން ލީޑަރޝިޕް ދެއްކުން: ތިމާއަކީ، ތިމާގެ ޢަމަލުތައް ހުންނަގޮތުން އަނެކާއަށް ހިތްވަރުލިބޭފަދަ ނަމޫނާ ހިތްވަރުގަދަ މީހެއްކަމުގައި ވާންވާނެއެވެ. އަދި އަނެކާއަށް މަގުދައްކައިދީ ވިސްނައިދީ ކެތްތެރިވުމަށް ހިތްވަރުދޭ ލީޑަރުންނަކީ އީ.ކިއު ރަނގަޅު ކާމިޔާބު ލީޑަރުންނެވެ.

3. ބަދަލުތަކަށް ހޭނުން: ކުރިމަތިވާ ކުއްލި ބަދަލުތަކަށް ހޭނެން އެނގުމަކީ މުހިންމުކަމެކެވެ. ބަދަލުތަކާއިއެކު ކުރިޔަށްދާނެ ހިތްވަރު ތިމާގެ ހުންނަންވާނެއެވެ. އަދި، ކުރިއެރުމަށްޓަކައި އާބަދަލުތައް ގެންނަންވެސް ޖެހޭނެއެވެ.

4. ނުފޫޒުފޯރުވުން: އަމާޒަށް ވާސިލުވުމުގައި އަނެކާއަށް ރަނގަޅުގޮތުގައި ނުފޫޒުފޯރުވަން ދަސްކުރަންޖެހެއެވެ. އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އަނެކާގެ ޝައުޤުވެރިކަން ދަމައިގަންނާނެ ގޮތްތައް ތިމާއަށް އެނގެންޖެހެއެވެ.

5. މައްސަލަތައް ހައްލުކުރުން: މިއީ އައި.ކިއުގެ ވަރަށް މުހިންމު މާއްދާއެކެވެ. މީގައި ހިމެނިގެންވަނީ، މައްސަލަތައް ހައްލުކުރުމާއި ދެބަސްވުންތައް ނައްތާލުމަށްޓަކައި ތިމާ އެކަންކަމާއި ކުރިމަތިލާ ގޮތްތަކެވެ. ވިސްނުންތޫނު ކޮންމެ މީހަކީ މައްސަލަތައް ހައްލުކުރުމުގެ ހުނަރު ހުރި މީހެއްނޫނެވެ. މިއީ އިޙުސާސްތައް ރަނގަޅަށް ދެނެގަންނަން އެނގޭ މީހުންނަށް ލިބިފައިވާ ހުނަރެކެވެ. މައްސަލަ ހައްލުކުރުމުގައި ދެފަރާތުގެ ވާހަކަތައް ކަނުލައި އަޑުއަހައި ދެފަރާތުގެ ބޭނުންތައް ދެނެގަންނަންޖެހޭނެއެވެ.

6. ބަދަހިކަމާއެކު ގުޅިގެން މަސައްކަތްކުރުން: އެއް އަމާޒަކަށް ވާސިލުވުމުގައި އެކުވެރިކަމާއި އެއްބައިވަންތަ ބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙޫ ހުންނަންޖެހެއެވެ. ޝިޢާރަކަށް ވާންޖެހޭނީ ”އެކުވުމަކީ ބާރޭ، ވަކިވުމަކީ ނެތިދިއުމެވެ.“

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް