އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރި ޒުވާން އީމާންގެ މަރުން އިބުރަތްތެރި ފިލާވަޅުތަކެއް ނަގަން ޖެހޭ

Loading

Facebook
Twitter
WhatsApp

މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ހިންގި އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރި ޒުވާން އާމިނަތު އީމާން 29އ ގެ މަރުން ދިވެހިން ވަރުގަދަ ފިލާވަޅުތަކެއް ނަގަން އެބަޖެހެއެވެ. އޭނާއަކީ އުޖާލާ ކުރިމަގެއް އޮތް ޒުވާނެކެވެ. ކުޑަކުޑަ ދެކުދީންގެ މަންމައެކެވެ. އޭނާ އާޚިރަތަށް ދަތުރުކުރިއިރު އޭނާއަކީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތްތެރި އަދި ހިންގުންތެރި މެންބަރެކެވެ.

އީމާން އެކްސިޑެންޓުވީ، ސްޕީޑް މަޑުކުރަން ހަދާފައި ހުންނަ ބަމްޕަރެއްގެ މަތިން ސައިކަލު ކަހާލައި ކޮންޓްރޯލް ނެއްޓުމުގެ ސަބަބުން ތާރު މަގަށް ވެއްޓުމުގެ ސަބަބުންނެވެ. ސައިކަލް ދުއްވާފައިދިޔަ ބާރު މިނެއް ޔާގީންކޮށް ދޭކަށް ނޭނގެއެވެ. އެކަމަކު އެ ބަމްޕަރަކީ ކުލަ ގޮސްފައި ހުރުމުން ރަނގަޅަށް ފާހަގަ ކުރަން އުނދަގޫ ބަމްޕަރެއް ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

ސްޕީޑު މަޑުކުރުވަން ހަދާފައި ހުންނަ ބަންޕަރުތައް ހުންނަން ޖެހޭނީ ދުއްވާ މީހުންނަށް ދުރުން ފާހަގަކުރެވޭގޮތަށް ކުލަލާފައެވެ. އަދި ދުއްވާ މީހުން ދުއްވަން ޖެހޭނީ ވެސް ގަވައިދުތަކާއި އެއްގޮތަށެވެ.

އީމާން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނީ އެކްސިޑެންޓުވީތާ ވިއްސަކަށް މިނިޓު އިރު ފަހުންނެވެ. ލަސްވީ އެމްބިއުލެންސެއް ނުލިބުމުގެ ސަބަބުންނެވެ. ރާއްޖެ ތަރައްގީ ވިޔަސް މީހުން އުޅޭ ސަރަހައްދުތަކުން ހަތަރު ފަސްމިނިޓުއިރުގެ ތެރޭގައި އެމްބިއުލެންސްގެ ޚިދުމަތް ލިބޭނޭ އިންތިޒާމެއް ސަރުކާރަކަށް އަދި ހަމައެއް ނުޖެއްސެއެވެ. ރަށްރަށުގައި އެމްބިއުލެންސެއް ނެތުމުގެ ސަބަބުން ދަމާ ގާޑިޔާތަކަށާއި އަތްގާޑިޔާތަކަށާއި ޕިކަޕަށް ލައިގެން ބަލި މީހުން ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ގެންދިއުން ހުއްޓުވޭނޭ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އެބަ މަސައްކަތް ކުރެއެވެ. އީމާނަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެއީ ހަވީރުގެ ވަގުތެކެވެ. ނަމަވެސް ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫއިން އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން ރޭގަނޑުގެ ވަގުތެއްގައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރިއެވެ. އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްގެން އީމާނަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އީމާން މަރުވުމުގެ ކުރިން އޭނާ މަރުވިކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވެއެވެ. ރާއްޖޭގެ މީޑިއާގައި އެ ޚަބަރު ފެތުރިގެންދިޔައީ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ވަރަށް މައުމޫލޫމާތުގެ ޔަގީންކަން ނުހޯދައި ޚަބަރު ފެތުރުމުންނެވެ.

އީމާން މަރުވި ޚަބަރު ފެތުރި ބައެއް މީޑިއާތަކުން ވަނީ އެކަމާގުޅޭ ގޮތުން މާފަށް އެދިފައެވެ. އެއީ މީޑިއާއިން ކުރި ވަރަށް ރަނގަޅު ކަމެކެވެ.

ބޮލަށާއި ސިކުނޑިއަށް ލިބުނު ގެއްލުމެއްގައި އީމާން މިދުނިޔެ ދޫކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ގަދަ ކީރިތި މާތް ﷲ އީމާނަށް ހެއު ރަހުމަތް ލައްވާށިއެވެ!

އީމާންގެ މަރުން ވަރުގަދަ ފިލާވަޅުތަކެއް ދިރިތިބި މީހުން ލިބިގަންނަން އެބަ ޖެހެއެވެ. ބާރަށް އުޅަނދުތަކާއި ފުޅަނދުތައް ނުދުއްވުމެވެ. ދުއްވާ މީހުންނަށް ދުވެލި މަތައިގެ ސަމާލުކަން ލިބޭފަދަ ގޮތަކަށް އެފަދަ ތަންތަން ހެދުމެވެ. ބަލި މީހުންނަށް އެމްބިއުލެންސްގެ ޚިދުމަތް އަވަހަށް ލިބޭނޭ ފަދަ އިންތިޒާމެއް ހަމަޖެއްސުމެވެ. ބޮލަށް ލިބޭ ގެއްލުމުގައި ސިކުޑިއަށް ލޭ އެޅޭ މީހުންނަށް ރައްކާތެރި އަވަސް ފަރުވާ ލިބޭނޭ ނިޒާމެއް ގާއިމުކުރުމެވެ.

 

Loading

One Response

  1. އަޅުގަނޑުމެންގެ ގައުމު ކުރިއަރާތަރައްގީވުން މިބަލަނީ ހަނދަށް ދިއުމުގެ ފެންވަރަށް ބިނާކޮށްގެންނެވެ. އެންމެ އަސާސީ ޚިދުމަތްތައް އޮތީ އެއްވެސް ކަމަކަށް ނުހަދާ އޮތްތަނެއްގައި ބާއްވާފައެވެ. ރައްޔިތުން ދިރިއުޅުމަށްޓަކައި ލިބެންޖެހޭ ޚިދުމަތްތަކާއެކު ތަރައްގީ ކުރެވިދާނެ ބިޔަ ބޮޑެތި ރަށްތައް ހުއްޓާ އެފައިސާ ޚަރަދުކޮށްގެން ކަނޑުހިންކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރާނެ ރައްޔިތަކު ނެތެވެ. ޢާންމު ދިވެހިންނަށް ދަތުރުފަތުރުގެ ވަސީލަތުން ލިބިލިބ އޮތް އާމްދަނީއަށް ފަރުވާލެއްނެތި ދަރަނިވެރިވެގެންވެސް ކަނޑުހުރަސްކޮށް ފާލަންތައް އަޅަން މިއުޅެނީ ގައުމު ކުރިއެރުމަކީ ބަނޑަށްހުރެގެންވެސް ފާލަން ބަލާލަން ދިއުން ހެއްޔެވެ ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް