އެމްޑީޕީ ގަޑުބަޑުވެ މެންބަރުގެ ތެރެއިން ގިނަބަޔަކު ފައިސާއަށް ވިކިގެން ހިނގައްޖެ

Facebook
Twitter
WhatsApp
Foto MDP - Copy

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙަންމަދު ޞާލިޙު (އަންނިގެ ޅިޔަނު) ރައީސުލް ޖުމްހޫރިޔާއަކަށް 2018 ގައި ރައްޔިތުން ހޮވީ ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް މިރާއްޖެ ހެކިވާނެއެވެ. އެހެނަސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސްކަމުގެ ހުވާކުރެއްވި ހިސާބުން އެމް.ޑީޕީ ހާވިޔާވާން ފެށުނެވެ. ސަބަބަކަށްވީ އެމްޑީގެ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޓަކައި ކުރި ބުރަމަސައްކަތުގެ އަގު ރައީސް ޞާލިޙު ވެއްޔާ މޮޑެލުމެވެ. އެމްޑީޕީގެ ހަގީގީ އެކްޓިވިސްޓުން ފެއަށް ޖައްސައި ޕާޓީގެ ތެރެއަށް ޕާޓީ ނުވެސް ދަންނަ ފިކުރެއްގެ ބަޔަކު ޕާޓީގެ އިސްސަފަށް ގެނައުމަކީ ވެސް ޕާޓީ ވިސްވިހާލިވެ ދިޔަ އެއްސަބަބެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ޕާޓީއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ފުރާނަ އަތްމައްޗަށް ލައިގެން ޕާޓީއަށް ޓަކައި ގުރުބާންވި ބައެކެވެ. އެހެނަސް ރައީސް ޞާލިޙު މަސައްކަތްޕުޅު ކުރެއްވީ ޕާޓީގެ ފަލްސަފާއާ މުޅިން އިދިކީލަ ވިސްނުން ފުޅެއްގައެވެ. ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން އެމްޑީޕީގެ ގިނަގުނަ ޙަރާކާތްތައް ވަނީ ސްޓްރޯކެއް ޖެހި ޕެރަލައިޒް ވެފައެވެ. ހަރުގެއަށް ވަދެލާނެ މީހަކު ނުވެއެވެ. ޕާޓީގެ ރޫޙު ގެއްލި އެކްޓިވިސްޓުން ތިބީ މޮޅިސާލުގައެވެ.

ޗެއަރ ޕާސަނެއް ހުރީ ނަމަކަށެވެ. ޕާޓީ ބައިބައިވެ މެންބަރުން ވިސްވިހާލިވެ ދިޔައިރު ޗެއަރ ޕާސަނަށް ރެކާލިހެނެއް ހީވެސް ނުވެއެވެ. މެންބަރުންނަށް ހައްދަވަނީ އިތުފުޅެވެ. މެންބަރަކަށް ޗެއަރޕާސަނާ ބައްދަލެއް ނުވެއެވެ. އެޕޮއިންޓްމަންޓް ކިޔޫގެ ކޮޅު އޮތީ ނުފެންނަ ހިސާބަށް ގޮސް މާފަހަތުގައެވެ. މެންބަރުން ގޮވައިގެން އުޅެން ނުދަންނަ ބޭފުޅަކަށް ޗެއަރ ޕާސަން ކަންދެވުނު މޮޔަ ހިވާ ކަމަށް މެންބަރުން ބުނެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންނަކީ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ޕާޓީ ނެގެހެއްޓީ މޭސްތިރީންނެވެ. އެހެނަސް ރައީސް ޞާލިޙަށް މެންބަރުންގެ މިދެންނެވި ގުރުބާނީ އޮޅިވަޑައި ގަތުމުގެ ސަބަބުން ޕާޓީ ވީ ޗަސްވެފައެވެ.

އަނެއްކޮޅުން މިފަހަރުގެ ގައުމީ މަޖިލީހަށް ވެސް ހޮވާފައި އެވަނީ ޕާޓީ ދެކެ ލޯބިވާ ބައެއްވެސް ނޫނެވެ. މުޅީން އާ ބައެކެވެ. މިހެން ކަންކުރުމުން ހުރިހާ ގެއްލުމެއް ވާނީ ޕާޓީއަށެވެ. ރައީސް ނަޝީދަށް 2019 ވަނައަހަރު ކުރިމަތި ލެވޭނެނެ ގޮތް ނުވެދިޔަ ސަބަބާމެދު މެންބަރުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. މިއީ ރައީސް ޞާލިޙު ވެރިކަމަށް ގެންނަން ކޯލިޝަންގެ ތެރޭގައި ތިބި ބަޔަކު ހެދި ޑީލެއްގެ ތެރެއިން ކުރިމަތި ކުރުވި ކަމެކެވެ. ކޯލިޝަނަށް ޓަކައި ޕާޓީ އާ މެދު ނުވިސްނުމުގެ ނަތީޖާއާ ރައީސް ޞާލިޙު ކުރިމަތި ލައްވަން ޖެހިވަޑައި ގަންނަވާނެއެވެ.

ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވި ވޯޓަކީ ރައީސް ނަޝީދަށް ރައްޔިތުން ދިން ވޯޓެވެ. ރައީސް ޞާލިޙަކީ ރައްޔިތުންގެ ގާތަށް ގޮސް އުޅުއްވި ބޭފުޅެއްނޫނެވެ.

ރައީސް ޞާލިޙަށް 2023 ގެ ރިޔާސީ އިންތިޚާބުން އެމަނިކުފާނުގެ ސައިޒު ފެނިވަޑައިގަންނަވާނެއެވެ. ދިވެހި ރައްޔިތުންނަކީ ކޮންކަހަލަ ބައެއްކަން ރައީސް ޞާލިޙަށް އަދި ދަސްފުޅެއް ނުވެއެވެ. ކޯލިޝަން ހިފަހައްޓައިގެން ޕާޓީ ފުނޑާލުމުގެ ހިތި ނަތީޖާ ރައީސް ޞާލިޙަށް ފެނިވަޑައިގަންނަވާނެއެވެ.

ރިޔާސީ އިންތިޚާބުން ކޯލިޝަންގެ އެހީތެރިކަމާއެކު އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %52 އިންސައްތައެވެ. ކޯލިޝަނުގެ ތެރެއިން ސަރުކާރު ބޯކިބަލެއްހެން ފޮތިފޮތި ކޮށްގެން އެމްޑީޕީއަށް ލިބުނީ %40 އިންސައްތައެވެ. މިއީ ކޮން ޕާޓީއެއްގެ ވެރިކަމެއްކަން މެންބަރުންނަށް ސާފެއް ނޫނެވެ.

އެމްޑީޕީ އާއެކު ދިގުމާޒީއެއް ކަޑައްތު ކުރި ޕާޓީގެ ހަގީގީ އެކްޓިވިސްޓުން ދުރަށްޖައްސައި ޕާޓީ ފުނޑާލަން ޕާޓީއަށް ދާޚިލުވި ބަޔަކު ޕާޓީގެ މަތިފަޑިއަށް އެރުވުގެ ހިތި ނަތީޖާވެސް ވަރަށް އަހަށް އެމްޑީޕީ ދެކޭނެއެވެ.

ޕާޓީ ހިންގޭނީ ޕާޓީ ހިންގަން ދަސްވެފައި ތިބި މީހުންނަށެވެ. އަމިއްލަ އެދުން އިސްކޮށް ވެރިކަމުގެ ޖާހަތާއި ލައްޒަތަށް ޓަކައި އެމްޑީޕީ ގަޑުބަޑުވެ މެންބަރުގެ ތެރެއިން ގިނަބަޔަކު ފައިސާއަށް ވިކިގެން ހިނގައްޖެއެވެ.

 

2 Responses

  1. ރައްޔިތުން ހޮވީ އަންނި ބުނެގެނެއް ނޫން. އުކުޅަހުގަ އެމްޑީޕީން ބޭއްވި ޖަލްސާއިން ޞާލިހު ހޮވީ އަންނި ބުނެގެން. ސަންދާނެއް ކަމަކު ހަގީގަތް އޮޅުވަން ނޫޅޭ

  2. ކަންތައް ރަނގަޅުކުރައްވަން ބޭނުންފުޅުވާނަމަ އެންމެފުރަތަމަ ކުރައްވަންޖެހިވަޑައިގަންނަވާކަމަކީ މިރާއްޖޭގައި މިއޮތީ އެމް. ޑީ. ޕީ. ގެ ވެރިކަމެކޭ މި ވިސްނުން ސިކުޑިން ފޮހެލުމެވެ. ލިއުންތެރިޔާގެ ވިސްނުންފުޅުގައިވެސް ޕާރޓީގެ ވެރިކަމެއްކަމުގައި އެއޮތީ އެހެންމީހުންނަށްވެސް ވިސްނާދޭން މަސައްކަތް ކުރައްވާފައެވެ. ޑިމޮކްރެސީއަކީ ރައްޔިތުންގެ ވެރިކަމެކެވެ. ވޯޓު ދިނުމުގައި ވަކިމީހަކު ބުނެގެން ވޯޓު ދިނުމަކީ ޢާންމުކޮށް އެކަން ހިނގާގޮތެވެ. ޢާއިލާގެ މީހުންނާއި ރައްޓެހިންގެ މެދުގައިވެސް އެކަން ހިނގަނީ އެމަގުންނެވެ. ރައްޔިތުންގެ ނޫނީ ދިވެހިންގެ ވެރިކަމެކޭ ބުނަން ޖެހިލުންވާހާ ހިނދަކު ކަންތަކެއް ރަނގަޅެއް ނުވާނެއެވެ. ޚާންދާނީ ވެރިކަމަކުން ނެއްޓި ޕާރޓީގެ ވެރިކަމަށް ދިއުމަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއްނެތެވެ. ދިވެހި ރައްޔިތުންގެ ވެރިކަމެއް ހޯދޭނެ މަގުތަކަށް އަލިކޮށްދޭނޭ ވިސްނުމެއްގައި ލިއުއްވަން މަސައްކަތްކުރައްވާށެވެ. ކާމިޔާބުވާ ދުވަހަކުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް