ހެޔޮ ޖީލެއް ބިނާކުރުމުގައި ޅެމުގެ ދައުރު

Loading

Facebook
Twitter
WhatsApp

އިންސާނީ ތާރީޚް ގޮސް ގެއްލި އޮބާލާ ހިސާބަށް ދުރު ދަތުރެއްކޮށް ހޯދައި ބަލައިލައިފިނަމަ، އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތު ކުރުމުގައްޔާއި ޚިޔާލުތައް ބަދަލުކުރުމުގައި ޅެމާއި ޅެންބަހުރުވަ ބޭނުންކޮށްފައިނުވާ ޒަމާނެއް ތާރީޚުން ފެނުމަކީ މުސްތަޙީލުކަމެކޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ޅެމަކީ އިންސާނާގެ ޙަޔާތާއި މިހާބޮޑަށް ގުޅި ލާމެހިފައިވާ އެއްޗަކަށް ވެފައި މި ވަނީ، އޭގައި އެކުލެވޭ ތަފާތު ސިފަތަކުގެ ސަބަބުންކަމުގައި ވުން އެކަށީގެންވެއެވެ. އެހެނީ، ޅެމަކީ އިންސާނާގެ ޝުޢޫރުތަކާއި، އިޙްސާސްތަކާއި، ޖަޒްބާތުތަކަށް އަސަރުފޯރުވާ އެއްޗެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ފަހުގެ ދިރާސާތައް މިކަމަށް ހެކިދެއެވެ. އެހެންކަމުން، އެންމެފުރަތަމަ ޅެމަކީ ކޮންއެއްޗެއްތޯ ބަލައިލަމާތޯއެވެ.

ފުޅާމާނާގައި ޅެމަކީ ކޮބައިތޯ ބަލައިލާއިރު، ރައިވަރާއި، ބަންޖާއި، ކަލާއި، ފަރިއްސާއި ލަވައަކީވެސް ޅެމުގެ ތެރެއިން ހިމެނޭ ބާވަތްތަކެވެ. ނަމަވެސް، މި މަޒުމޫނުގައި އަޅުގަނޑު އަލިއަޅުވާލަން ގަސްތު ކުރަނީ ޅެންވެރިކަމުގެ އެންމެ މުހިންމު އަދި އެންމެ ނުފޫޒުގަދަ ބާވަތުގެ ގޮތުގައި ބެލެވޭ ޅެމަށެވެ.

އަލްއުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލު ވިދާޅުވަނީ، ޅެމަކީ ވަޒަނަށްފެތޭގޮތަށް، ކާފިޔާ ހަމަކޮށް ކިޔާފައިވާ ބަސްތަކެއްކަމުގައެވެ. ޅެމުގެ ކުރު ތައާރަފެއް އަޅުގަނޑުދޭނަމަ ދަންނަވާނީ، ޅެމަކީ އެބައެއްގެ ބަހާއި އެކަށޭނަ އުޞޫލުތަކަކާއި ސިފަތަކެއްގެ މައްޗަށް އުފަންކުރުވައި، ވަޒަނަކަށްފެތޭ، ވަކި ޚިޔާލެއް ނުވަތަ ފަލްސަފާއެއްގެ މައްޗަށް ބިނާކޮށް އަތުރާލެވޭ ލަފުޒުތަކެކެވެ.

ޅެމަކީ އިންސާނާގެ ޙަޔާތުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވީހިނދު، އަޅުގަނޑުމެންގެ ލޮބުވެތި ފަސްގަނޑުގެ މުސްތަޤުބަލުކަމުގައިވާ އަދުގެ ޖީލުތައް ހެޔޮގޮތުގައި ބިނާކުރުމުގައި ޅެމުގެ ބޭނުން ވަރަށް އެދެވޭ ގޮތެއްގައި ކުރެވިދާނެކަމުގައި އަޅުގަނޑު ދެކެމެވެ. ސަބަބަކީ، ޅެމުން ފަރުދުންނަށް ކުރާ އަސަރުތަކާއި، އެއިން ކުރާ ފައިދާތައް ނުހަނު ގިނަކަމެވެ. މިގޮތުން، ޅެމަކީ ހަނގުރާމައިގެ މައިދާނުގައާއި މަސައްކަތުގެ މާހައުލުގައި ރޫޙާއި ޖޯޝް އިތުރުކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޅެމަކީ އުނގެނުމުގެ ވަޞީލަތެކެވެ. ޅެމުގެ ޒަރީޢާއިން ތަފާތު ބަސްބަހަށް އަހުލުވެރިވުމަށް އެހީތެރިވެދެއެވެ. އެހެނިހެން ބަސްތަކުން ލިޔެފައިވާ ޅެންތައް ކިޔައިއުޅުމުން ދިވެހިބަހަށާއި ބަހުގެ އަދަބިއްޔާތަށް ކުރިއެރުން ލިބިގެންދެއެވެ. ޅެމަށް އަހުލުވެރި މީހާގެ ޚިޔާލު ތަނަވަސްވެއެވެ. ޅެމުގައި އެކުލެވޭ ހަމައާއި ލަހުޖާއިން އިންސާނުންގެ އިޙްސާސްތަކާއި ކުޅެލައެވެ. ޅެމަކުން، އިންސާނަކު ދުނިޔެއާއި، ޙަޔާތުގެ ދިރިއުޅުމާމެދު ދެކެމުން އައިގޮތް ބަދަލުކޮށްލަފާނެއެވެ.

ތަފާތު ޅެންތައް ކިޔައިއުޅުމަކީ އެހެން މީހުންގެ ތަޖުރިބާތަކުން ޢިބްރަތް ޙާޞިލްކުރުމަށްވެސްކޮށޭ މަގެކެވެ. ޅެމަށް އަހުލުވެރިވުމަކީ، އޭގެސަބަބުން ގައުމުގެ ސަގާފަތަށް ވެސް ކުރިއެރުން ލިބޭނޭކަމެކެވެ. ދިމާވާ ބޮޑެތި މައްސަލަތަކަށް ފަސޭހަ ހައްލެއް ދެނެގަތުމުގައި ވެސް ޅެމަކީ މުހިންމު ދައުރެއް އަދާކުރާ އަދަބީ ބާވަތެކެވެ. ޅެމަކީ މުޖުތަމަޢަށް މިހާ ގިނަގުނަ ފައިދާތަކެއް ލިބިދޭ އެއްޗަކަށް ވުމާއެކު، މި ފައިދާތަކަށް ތަފްޞީލީ ގޮތެއްގައި ބަލައިލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

މިއުންމަތުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އިސްލާމްދީނުގެ ދަޢުވަތާއިގެން ވަޑައިގަތުމުގެ ކުރީގައި ވެސް ޢަރަބީންނަކީ ޅެންވެރިކަމުގައި އެފަދަ ދެވަނައެއްނެތްފަދަ ބައެކެވެ. މިގޮތުން މުޢާމަލާތު ކުރުމުގައާއި، ހަނގުރާމަތަކުގައި ލަޝްކަރުގެ ރޫޙު ދަމަހައްޓައި، ޖޯޝާއި ޝައުޤުވެރިކަން އިތުރު ކުރުމަށް ޓަކައި ޅެންބައިތުތައް ކިޔައިއުޅެފައިވާކަން އިސްލާމީ ތާރީޚުގެ ފަތްފުށްތަކުން ފެންނާން އެބަހުއްޓެވެ. އުޙުދު ހަނގުރާމާގައި އަބޫ ސުފްޔާންގެ މޭސްތިރިކަމުގެ ދަށުން، މުސްލިމުންނާއި ދެކޮޅަށް ނިކުތް ކާފިރުންގެ ލަޝްކަރަށް ޖޯޝް ގެނައުމަށްޓަކައި އަބޫ ސުފްޔާންގެ އަނބިކަނބަލުން ހިންދު ބިންތި ޢުތުބާ ޅެންބައިތުތައް ވިދާޅުވެފައި ވެއެވެ. އިސްލާމްވުމަށްފަހުގައި، ޔަރުމޫކް ހަނގުރާމާގައި މުސްލިމުންގެ ލަޝްކަރަށް ފޯރިދިނުމަށްޓަކައި ހަމަ މި ޅެންބައިތުތައް ހިންދު ވިދާޅުވެފައި ވެއެވެ. މިކަމުން އެނގިގެންދަނީ، ޅެމަކީ ހަމައެކަނި ބަހުގެ އަދަބިއްޔާތުގެ ހަވާސާގައި ބަނދެވިފައިވާ އެއްޗަކަށްވުރެ ފުޅާދައުރެއް އަދާކުރާ، މާ ނުފޫޒުގަދަ އެއްޗެއްކަމެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް، މިގޮތަށް ހެދިފައިހުރި ތަފާތު ޅެންތަކަށް މިޔުޒިކު ހަދައި، ގައުމީ އަދި އިޖްތިމާޢީ ބޮޑެތި މަސައްކަތްތައް ކުރެވެމުންދާއިރުގައި، ޖޯޝާއި ފޯރިދޭ ލަވަތަކެއްގެ ގޮތުގައި ޖަހާއުޅެއެވެ.

ތިމާއަށް ކުރެވޭ ނުވަތަ ކުރެވުނު އިޙްސާސެއް ބައެއްފަހަރު އަމިއްލަ ދުލުން ބަޔާންކުރަން ދަތިވެއެވެ. މިފަދަ ޙާލަތްތައް، އަސަރާއި، އޭގެ އަޞްލު ރަހަޔާއެކު ޅެންވެރިޔާގެ ދުލުން ނުވަތަ ގަލަމުން ބަޔާންކޮށްފައިހުރެއެވެ. މިގޮތަށް އަމުނާލެވިފައިވާ ޅެންތައް ކިޔާލުމުން، އެއީ ހަމަ ތިމަންނާއަށް ވީގޮތޭ، ތިމަންނާއަށް ކުރެވުނު އިޙްސާސޭ ހިތަށް އަރާ ފަހަރު މަދެއްނުވާނެއެވެ. މިގޮތުން، ޅެމުގައި ހުށަހަޅައިދީފައިވާ ޚިޔާލާތާއި ތިމާމެންގެ ދިރިއުޅުމާއި އަމިއްލަ ނަފްސުގެ ޙާލަތާއި ގުޅުވާލެވެއެވެ. މިކަމުން އެނގިގެންދަނީ، ޅެމަކީ ތިމާގެ އަމިއްލަ ނަފްސާއި، އެނަފްސުގެ އިޙްސާސްތަކާއި، ދުރު އަދި ކައިރި މާޒީގައި ތިމާއަށް ކުރެވިފައިހުރި ތަޖުރިބާތައް އަމިއްލަ ދުލުން ބަޔާންކުރަން ދަތިވާ ޙާލަތްތަކުގައި އެކަންކަން ދެނެގަތުމަށް ލިބިފައިވާ ވަސީލަތެއްކަމެވެ. މިއަދު ޢިލްމީ މާއްދާއެއްގެ ގޮތުގައި ކުރިއަރަމުން އަންނަ ”އިމޯޝަނަލް އިންޓެލިޖެންސް“ ގެ އަމިއްލަ ނަފްސު ދެނެގަތުމުގެ ދާއިރާގައި، ޅެމަށް އަހުލުވެރި މީހުން ރަނގަޅުކަން ފާހަގަކުރެވޭނެއެވެ. މީގެއިތުރުން، ”ތަޅުއެޅުވިފައިވާ“ ތިމާގެ ޖަޒުބާތުތަކާއި ޝިކާޔަތުތައް ނަފްސުގެ ޖަލުން މިންޖުކޮށް ބޭރަށް ހާމަކުރުމަށް ނަފްސު ހޭލައްވައި، ފަރުދީ ނަޒަރުން ވިސްނުމަށްވުރެ ބޮޑަށް ސިކުނޑި ހުޅުވައިލައި، އިޖްތިމާޢީ ނަޒަރަކުން ވިސްނުމަށް މީހާ ތަރުބިއްޔަތުކޮށް ދިނުމުގައި ޅެމުގެ ދައުރު މުހިންމު ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. އެހެންކަމުން، މިފަދަގޮތަކަށް ތިމާގެ އިޙްސާސްތައް ދެނެގަނެ ނަފްސުގެ ޙާލަތާއި، ތިމާއާއެކު ދިރިއުޅޭ އެހެނިހެން މީހުންގެ އިޙްސާސްތަކާއި ޙާލަތު ވަޒަންކުރަން ދަންނަ ފަރުދުންތަކެއް ބިނާކުރެވިއްޖެނަމަ އެކަމުގެ ހެޔޮ އަސަރު މުޖުތަމަޢުން ފެންނާނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.

އަޅުގަނޑުގެ ނަޒަރުގައި، މާދަމާގެ މުސްތަޤުބަލުކަމުގައިވާ އަދުގެ ޒުވާން ޖީލުގެ ތަޢުލީމީ ނިޒާމް ވާންޖެހޭނީ އަދަބީ ޅެންތަކަށް އަހުލުވެރި ޖީލަކަށެވެ. ޅެމަކީ އުނގެނުމުގެ ވަޞީލަތެއްގެ ގޮތުގައި ބޭނުންކުރަންޖެހެނީ، ޅެންބަހުރުވައިން އުނގަންނައިދޭ ފިލާވަޅުތައް ދަރިވަރުންގެ ހަނދާނުގައި ނުހަނު ގަދައަށް ހަރުލާފައިހުންނާތީއެވެ.

މުޙައްމަދު ޖަމީލު ދީދީ

މައިކަލް ބެންޓަން 1990 ވަނައަހަރު ލިޔުއްވާފައިވާ ”ދަ އިމްޕޯޓަންސް އޮފް ޕޮއެޓްރީ އިން ޗިލްޑްރަންސް ލާނިންގ“ މިފޮތުގައި ބުނެފައިވާ ގޮތުގައި، ޅެންބައިތަކުން ދަރިވަރުންނަށް އުނގަންނައިދޭ ފިލާވަޅުތަކުން ކުއްޖާއަށް ޙާޞިލުވާ މިންވަރު ވަރަށްބޮޑުތަން އިތުރުވެގެންދެއެވެ. އެހެންކަމުން، އުނގެނުމުގެ ވަޞީލަތެއްގެ ގޮތުގައި ޅެން ބޭނުންކުރުމަށް ބެންޓަން އިރުޝާދުދެއްވާފައި ވެއެވެ. މިހެން މިކަން ނުވާންވީ ސަބަބެއް ނެތެވެ. ރަނގަޅު ޅެމެއްގެ ބަސްތަކާއި ޢިބާރާތްތަކުގައި އެކުލެވިގެންވާ ބުގިސްކަމާއި އެ ޅެމުގެ ލަހުޖާގެ އަސަރުން އިންސާނުންގެ ހިތްތައް އެއަށް ލަންބުވާލައި އެހިތްތައް ފަތަޙަކުރެއެވެ. ޅެމުގައި ބޭނުންކޮށްފައިވާ ކުރު އަދި ފަށުވި ޢިބާރާތްތަކުގެ ސަބަބުން، ދިގު ޖުމްލަތައް ކިއުމަށް ޝައުޤުވެރިކަންނުހުންނަ މީހުންވެސް ނިކަން ގަޔާވެގެން ޅެންބައިތުތައް ކިޔާލައެވެ. އަދި، ޅެންވެރިޔާ ދޭން ބޭނުންވާ މެސެޖު، ކިޔުންތެރިކަމަށް ދެރަ މީހުންނަށްވެސް މާގިނަ ވަގުތު ހޭދަކުރުމެއްނެތި ލިބި، އެ މެސެޖް އަވަހަށް ފަހުމްވުމަކީ، ގިނަބަޔަކު ޅެމަށް ލޯބިކުރާ ސަބަބެކެވެ. އިންސާނާ ލޯބިކުރާ ކޮންމެ އެއްޗެއްގެ މަތީން އޭނާ ހަނދާންހުންނަފަދައިން، މިގޮތުން އުނގެނި ދަސްކުރާ ތަކެތިވެސް އޭނާގެ ހަނދާނުގައި ހަރުލާފައި ހުންނަނީ މިސަބަބަށްޓަކައެވެ. އުނގެނުމުގައި ޅެންބައިތު ބޭނުންކުރުމުން ޙާޞިލުވާމިންވަރު ބޮޑުކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ އަނެއްސަބަބަކީ، އަޅުގަނޑުގެ ތަޢުލީމީ ޙަޔާތުގެ ކުރީކޮޅުގައި ދަސްކޮށްފައިވާ ޅެންބައިތުތައް މިއަދުވެސް ހަނދާންހުރުމެވެ. މިފަދަ ޅެންބައިތެއް މިތަނުގައި ނަކަލުކޮށްލާނަމެވެ.

ހިންޏަކީ މިސާލެކޭ، ހިންޏަކީ މިސާލެކޭ

ފިންޏަށާއި ގިންޏަށާ، ހިންޏަކީ މިސާލެކޭ

މިއީ، ކިޔާލަންފަސޭހަ ކުރު ޅެންބައިތެކެވެ. އެހެންނަމަވެސް، ކިޔާލާ މީހަކަށް ޅެންބައިތުން އެލިބިދޭ ފިލާވަޅަކީ ހެޔޮގޮތުގައި ލިބިގެންފިނަމަ އެމީހެއްގެ މުޅި ޙަޔާތުގައި މަންފާ ކުރަނިވި ފިލާވަޅެކެވެ. މާތް ﷲ ގެ މަޚްލޫޤުތަކުގެ ތެރެއިން ކުޑަކުޑަ ހިންޏަކުން މިސާލުޖައްސަވަމުން ޅެންވެރިޔާ ހާމަކުރައްވާފައި އެވަނީ، ކަންނެތްކަމަކީ ޖަނަވާރުންނަށްވުރެވެސް ދަށުދަރަޖައިގެ ސިފައެއްކަމާއި، ދިރިއުޅުން ”ދިރިތެޅުމަކަށްނުވެ“ އުފަލާއެކު ވޭތިކުރެވޭނީ މަސައްކަތްކޮށްގެންކަމެވެ.

ތިމާގެ މާދަރީބަހުގެ އިތުރުން އެނިހެން ބިދޭސީ ބަސްތައް އުނގެނި އެބަސްބަހުން ވާހަކަދައްކަން އެނގުމަކީ ތިމާގެ މުޢާމަލާތު ކުރުމުގެ ހުނަރު ރަނގަޅުވެ، ބަހަވީ އަދި ސަގާފީ ސިންދަފާތަށް ލޯހުޅުވި، އެހެނިހެން މީސްމީހުންނާއި ގުޅުން ރަނގަޅުވެ، ގިނަ ބައްސަ ޢިލްމީ މީހަކަށް ވުމަށް ލިބިދޭނެ އިތުރު ބާރަކަށްވެއެވެ. މިގޮތުން، އެހެނިހެން ބަސްތަކުން ލިޔެފައިވާ ޅެންތައް ކިޔައި ހެދުމުން އެބަސްތަކުގެ ހަމަތަކާއި ޤަވާޢިދުތަކަށް ތިމާ އަހުލުވެރިވެ ބަސް ދަސްކުރުމަށް އިތުރު އެހީއަކަށް ވެއެވެ. އަދި މީގެއިތުރުން، އެހެނިހެން ބަސްބަހުން ލިޔެފައިހުންނަ ޅެންތައް ކިއުމަކީ އަޅުގަނޑުމެންގެ އަމިއްލަ މާދަރީބަހަށާއި ބަހުގެ އަދަބިއްޔާތަށްވެސް ލިބޭނެ ކުރިއެރުމެކެވެ. ރޯބަކް (2015) ގެ ދިރާސާއިން ހާމަވާގޮތުގައި، ޅެންކިއުމުގެ އާދަ އަށަގެންފައިވާނަމަ، އެމީހެއްގެ ކިޔުންތެރިކަމުގެ ހުނަރާއި، ލިޔުންތެރިކަމުގެ ހުނަރު ވެސް ތަރައްޤީވެގެން ދެއެވެ. އެހެނީ، އޭގެސަބަބުން އާބަސްތައް ދިވެހިބަހަށް ތަޢާރަފްވެ ބަސްކޮށާރު މުއްސަނދިވުމާއި، އަމިއްލަބަހުން ބަސްބުނާއިރު ބަސްމަގާއި ޢިބާރާތް އަތުރާލާގޮތަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް އެހީތެރިވެދެއެވެ.

ޅެމުގައި އެކުލެވޭ ބާރުގަދަ ފަށުވި ކުރު ޖުމްލަތަކުގެ އެހީގައި، ލިޔުންތެރިކަމުގެ ތަފާތު ބާވަތްތަކަށް ލޯބިކުރާ މީހުންނަށް އެމީހުންގެ އެފަދަ ލިޔުންތަކުގެ އޮއްޓަރު ރަނގަޅުކޮށް، ބުރަދަންހުރި ސާދާ ޢިބާރާތަކުން ޖުމްލަތައް އަތުރާލުމަށް ފަސޭހަވެއެވެ. މިގޮތުން، މޮޅެތި ޅެންތަކުގައި ހުންނަ ސާދާކަމާއި ރަނގަޅު ވައްޓަފާޅި ނަކަލުކުރުމުގެ ސަބަބުން ދިވެހިބަހަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ. މީގެ ސަބަބުން، މުޖުތަމަޢަށް ނިހާޔަތަށް ބޭނުންޖެހިފައިވާ، ރަނގަޅަށް މުޢާމަލާތުކުރުމުގެ ހުނަރު ހުރި، މާދަރީބަހަށް ލޯބިކުރާ ދަރީންތަކެއް އުފެދިގެންދިއުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

ތަފާތު ޅެންތައް ކިޔައި އުޅުމުން، ކިއުންތެރިކަމާއި ލިޔުންތެރިކަން ކުރިއެރުމުގެ އިތުރުން، ވާހަކަދެއްކުމުގެ ހުނަރުވެސް ތަރައްޤީވެގެން ދެއެވެ. ޅެމަކީ ހަމައެކަނި ލިޔެލާފައި ދޫކޮށްލާ އެއްޗެއްގެ އިތުރުން، މެސެޖް ފޯރުކޮށްދިނުމުގައި، ވަކި ރާގަކަށް ކިޔުންވެސް އޭގައި ހިމެނޭ ކަމެކެވެ. މިގޮތުން، ޅެން ކިޔައި އުޅުމުން، ވާހަދެއްކުމުގައި ބޭނުންކުރާ ޖުމްލަތައް ހުއްޓަންވީ ތަންތައް ދެނެގަތުމާއި، އިތުރަށް ސަމާލުކަންދީ އަލިއަޅުވައިލަންވީ ތަންތައް ދެނެގަންނަން ތަމްރީން ލިބިދެއެވެ. އަދި، ކިޔާ ޅެމެއް މެދުވެރިކޮށް، އަޑުއަހާ މީހުންގެ ހިތްތައް ފަތަހަކުރުމަށްޓަކައި ނުވަތަ އެމީހުންގެ ސަމާލުކަންހޯދުމަށްޓަކައި އޭނާގެ ހުރި ހުނަރެއްވިއްޔާ ޅެން ކިއުމުގައި ބޭނުންކުރުމުގެ ސަބަބުން، ވާހަދައްކައި މުއާމަލާތު ކުރުމުގައިވެސް މި ހުނަރު ތަރައްޤީވެގެން ދެއެވެ.

ދިވެހި ޅެންވެރީން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފައިވާ އަގުހުރި ރަންމުތްތައް ފަދަ ޅެންތަކަށް ފުންކޮށް ފީނައި ނަޒަރުހިންގާލައިފިނަމަ ލިބޭނޭ އަނެއް ފައިދާއަކީ، ބޮޑުވަމުން އަންނަ ޖީލުގެ ދަރީންގެ ސިކުނޑިތައް ހުޅުވި ޚިޔާލާތު ތަނަވަސްވެގެން ދިއުމެވެ. މިގޮތުން، މިދުނިޔޭގެ ޙަޔާތުގައި ކަންކަން ވަމުންދާގޮތާއި އެފަދަ ޚިޔާލާތުތައް ގުޅުވާލަން ދަސްވެ، އެ ސިފަކުރުންތަކުގެ މީޒާނުން މިވަގުތީ ޙަޔާތުގެ ޙަޤީޤަތް ކިރައި ވަޒަންކޮށްލަން ފަސޭހަވެގެންދެއެވެ. ތިރީގައިމިވާ ދެ ޅެންބައިތު މިކަމުގެ ހެއްކަކަށް ފުދޭނެއެވެ.

”ހާމަވީ ރީތި މަންޒަރުތަކޭ ނެތިދަނީ

މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ

ދާމަގުންދުނިޔެ ހިނގަމުން މިހިރަގެން ދަނީ

އާމަގެއްގައި ހިނގޭކަށްނެތޭ އަންގަނީ“

މިއީ އަލްއުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ (އުސްތާޛުލްޖީލް) ގެ ”ދުނިޔެ“ މިޅެމުގައި ދުނިޔެ ސިފަކުރައްވާފައިވާ ގޮތެވެ. މި ދެބައިތަށް އެކަނި ފުންކޮށް ބަލައިލިކަމުގައިވިޔަސް މިދުނިޔޭގެ ޙަޔާތަކީ ކޮންކަހަލަ ޙަޔާތެއްކަން ކޮންމެ މީހަކަށް ވެސް ސިފަކުރެވޭނެއެވެ. އެހެނީ، މިޙަޔާތަކީ އަބަދު އެއްގޮތެއްގައި، އުފާފާގަތިކަންމަތީ ދެމިއޮންނާނެ ޙަޔާތެއްނޫންކަމާއި، މިފަދަ ޙަޔާތެއް ވޭތުކުރާއިރު ތިމާމެންގެ ޢަމަލުތައް ބައްޓަންކުރަންވީ ކިހިނެއްކަމާމެދު ފިކުރުކޮށްލުމަށް ލިބިދޭ ނަޞޭޙަތަކަށް މި ދެބައިތު ފުދެއެވެ. އެހެންކަމުން، މިފަދަ ޅެމަކާ ދޭތެރޭ ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނައި ފިކުރު ހިންގާލައިފިނަމަ، ދިރިއުޅުމުގެ ޙަޤީޤީ މާނަ ދެނެގަނެވި، ޚިޔާލު ތަނަވަސްވެ، ވީރާނާވެފައިވާ ދިރިއުޅުމަށް ދިރުން ގެނުވައިދޭނެ ނުހަނު ގިނަގުނަ ފިލާވަޅުތަކާއި ދަރުސްތައް ލިބިގެންދާނެކަން ޔަޤީނެވެ.

ޅެމަކީ، ވަރަށް ގިނަފަހަރު މީސްތަކުންނަށް ނަޞޭޙަތަކަށް ވެސް ފުދޭވަރުގެ އެއްޗެކެވެ. ހެވާއި ނުބައި މުޖުތަމަޢުގެ އަފުރާދުންނަށް ބުނެދިނުމަށްޓަކައި ދިވެހި ޅެންވެރީން ތަފާތު މައުޟޫޢުތަކުގައި ޅެންތައް ހަދާފައި އެބަހުއްޓެވެ. މިފަދަ ނަޞޭޙަތްތައް ބިނާވަނީ، ޅެންވެރިޔާގެ ޢިލްމީ ޤާބިލުކަމުގެމައްޗަށެވެ. މިގޮތުން، ޢަބްދުﷲ ފަހުމީ ދީދީ (ޖަލާލުއްދީން) އާއި، އަލްއުސްތާޛުލް މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ އަދި އަލްފާޟިލް ޢަބްދުﷲ ޞާދިޤު ފަދަ ބޭބޭފުޅުންގެ ޅެންތަކުން މިސިފަ ފެންނާންއެބަހުއްޓެވެ. މިފަދަ ޅެންބައިތަކަށް ބަލައިލާނަމެވެ.

ކިތައް ދުހު ރޮއި، ކިތައް ބޮނޑި ބޮއި، ކިތައް ހިތި ތަޖުރިބާއިންހޭ

މިތަން މި ދެކޭ ބަނީ އާދަމް ރަނގަޅު ހެޔޮ މީހަކަށް މިވަނީ

މިއީ، އަލްފާޟިލް ޢަބްދުﷲ ޞާދިޤުގެ ޅެންބައިތެކެވެ. ޙަޔާތުގެ ގޮންޖެހުންތަކާއި ކުރިމަތިލައި، ކެތްތެރިކަމާއެކު އެކަންކަމުން އަރައިގަތުމަށް ވިސްނާ މީހަކަށް ވިއަށްވުރެ އެކަށޭނަ ނަސޭހަތެއް ކޮބައިތޯއެވެ. މި ނަސޭހަތުން، އިންސާނާއަށް ކެތްތެރިވުމުގެ މުހިންމުކަން ބުނެދެއެވެ. ދިރިއުޅުމުގައި ޖެހޭ ތަފާތު މުޞީބާތްތަކަށް ކެތްތެރިވުމަކީ، ދުނިޔަވީ ޙަޔާތުގައި ތިމާ ރަނގަޅު، ކާމިޔާބު މީހަކަށްވުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފައެއްކަން މި ޅެންބައިތުން ބުނެދީފައި އެވަނީ އެންމެ އާދައިގެ މީހަކަށްވެސް ދޭހަވާނޭ ފަދަ ސާދާ ޢިބާރާތަކުންނެވެ.

ޅެމަކީ، ވަރަށްގިނަފަހަރު އިންސާނުންގެ އަމިއްލަ ތަޖްރިބާތައް ޙިއްޞާކުރުމަށް ބޭނުންކުރާ މަންސައެކެވެ. މިގޮތުން، އެކިމީހުން ޙިއްޞާކޮށްފައިވާ ތަފާތު ތަޖުރިބާތައް ޅެމެއްގެ ސިފައިގައި އޮތުމުން ކިޔާމީހުންގެ ޝައުޤުވެރިކަން އިތުރުވެއެވެ. އަދި މިފަދަ ޅެންތަކުގައި ޙިއްޞާކޮށްފައިވާ ތަޖުރިބާތަކުން ޅެމަށް ލޯބިކުރާ މީހުން ގިނަގުނަ ޢިބްރަތްތައް ޙާޞިލްކުރެއެވެ. މިގޮތުން، ޅެމުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުގެ އަލީގައި އެމީހުންގެ ދިރިއުޅުމުގެ ކަންކަން އިޞްލާޙުކޮށް، ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެފަދަ ތަޖުރިބާތައް ބޭނުންކޮށް، ޙަޔާތުގައި ޖެހިފައިވާ ހިތްދަތި ޒަޚަމްތަކަށް ފަރުވާކުރެއެވެ. އެހެންކަމުން، ޅެމުގައި އެކުލެވޭ މިފަދަ ތަޖުރިބާތަކާމެދު ފިކުރުހިންގައި، ޅެންވެރީންގެ ދިރިއުޅުމުގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާނަމަ، ތިމާމެންގެ ޢާންމު ދިރިއުޅުން ބާއްޖަވެރި ކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްކަމުގައި ޅެން ހެދިދާނެއެވެ.

ޅެމަށް އަހުލުވެރިވުމަކީ މީހާގެ ބަހަވީ ހުނަރު އިތުރުވުމުގެ އިތުރުން އެހެނިހެން ހުނަރުތައްވެސް ތަރައްޤީ ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ޢިލްމީ ތަފާތު ޅެންތަކުގައި އެކުލެވޭ މަޢުލޫމާތުގެ އެހީގައި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކަންތައްތައް ވަމުންދާގޮތަށް މީހާގެ ލޯހުޅުވި، ޢިލްމީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުވެ، އީޖާދީ ވިސްނުން ގެނުވައިދީ، އުފެއްދުންތެރި ނަޒަރިއްޔާތަކުން ވިސްނުމަށް މީހާގެ ސިކުނޑި ހާނުވައިދެއެވެ. ނަތީޖާއެއްގެ ގޮތުން، އުފެއްދުންތެރި ޖީލެއް ޤައުމުގައި ބިނާވެ، ތަޢުލީމާއި ތަމައްދުންގެ ރޮނގުން ޤައުމު ކުރިއަރައި ގޮސް، މިކަމުގެ ހެޔޮ މަންފާ މުޖުތަމަޢަށް ކުރާނޭކަން ޔަޤީނެވެ.

މަސައްކަތުގެ މާހައުލާއި، ދިރިއުޅުމުގެ މާހައުލުގައި ދިމާވާ ބޮޑެތި، އޮޅުންބޮޅުން ހުރި އުނދަގޫ މައްސަލަތަކަށް ފަސޭހަ ނުވަތަ ލުއި ހައްލެއް ހޯދައިދިނުމުގައި ވެސް ޅެމުގެ ދައުރު ބޮޑެވެ. އެހެނީ، ޅެމެއްގައި ހުށަހަޅައިދޭ ޚިޔާލަކީ، ހަމައެކަނި ބޭނުންވާ އެންމެ މުހިންމު މަޢުލޫމާތަށް އުނިކަން ނުލިބޭނޭހެން، ބޮޑު ވާހަކައެއް، ހާދިސާއެއް، ނުވަތަ ޚިޔާލެއް އެންމެ ކުރު، އަދި ކިޔުންތެރިން އެންމެ ގަޔާވާނެ ޢިބާރާތަކުން ހުށަހަޅައިދޭ ޚުލާޞާއެކެވެ. މިސަބަބަށްޓަކައި، ހާމަން އިންޑަސްޓްރީޒްގެ ފައުންޑަރ ސިޑްނީ ހާމަން ބުނެފައިވެއެވެ. ”އަހަރެން އަހަރެންގެ ކުންފުނީގެ ވެރީންގެ ގާތުގައި ބުނަމެވެ. މިތަނަށް، މެނޭޖަރުންގެ ގޮތުގައި ޅެންވެރީން ގެންނާށެވެ. އެހެނީ، އަހަރުމެންގެ ތެރޭގައި ހުރި އެންމެ ހަލަބޮލި ހާލަތްތަކާއި އުނދަގޫ މައްސަލަތައް މީހުންނަށް ފަހުމުވާފަދަ ގޮތަކަށް އެމީހުން ގެނެސްދޭނެއެވެ.“

އުނގެނުމާއި، ޒަވާޖީ ޙަޔާތުގެ ދިރިއުޅުމުގައާއި، މަސައްކަތުގެ މާހައުލުގައި ވެސް ޅެމުން ފަރުދުންނަށް ކުރާ ފައިދާ ނުހަނު ބޮޑެވެ. ޒަމާނުއްސުރެ އިންސާނުންގެ މެދުގައި ޅެމުގެ މަޤުބޫލުކަން އިތުރުވެފައިވާ ސަބަބަކީ، ޅެމުގައި އެކުލެވޭ ތަފާތު ސިފަތަކާއި، ލަފުޒުތައް އަތުރާލުމުގައި ގެންގުޅޭ ހަމަތަކާއި ޢިބާރާތްތަކުގެ ސާދާކަމާއި، ކުރު ޢިބާރާތްތަކަކުން ފަރުދުންނަށް ލިއްބައިދޭ ބާރުގަދަ މެސެޖުތަކެވެ. އަދި ޅެމުގައި އެކުލެވޭ ފަލްސަފާއާއި ޚިޔާލުގެ މުއްސަނދިކަމުގެ އިތުރުން، ޠަބީޢީގޮތުން އިންސާނާގެ ކިބާގައި ލައްވާފައިވާ ޖަޒުބާތުތަކާއި އިހުސާސްތަކުގެ އެންމެ ފުންމިނަށް ރާހަތްކުރުވާތީއެވެ.

ޅެމުން ލިއްބައިދޭ ގިނަގުނަ ފައިދާތަކަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަފުރާދުން ހެޔޮގޮތުގައި ބިނާކުރުމަށް ބޭނުންކުރެވިދާނެ ވަރަށް ފުރިހަމަ ވަސީލަތެކެވެ. އަޅުގަނޑުމެންގެ ޤައުމުގެ ކުޅަދާނަ ޝާޢިރުން، އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދީފައިވާ އަގުހުރި ޅެންތަކަކީ، ހަމަ ކިޔާލާފައި ދޫކޮށްލާވަރަށްވުރެ ބޮޑަށް، އެއިން ނުހަނު ގިނަގުނަ މަޢުލޫމާތާއި ޢިބްރަތް ހާސިލުކުރެވިދާނެ ތަކެއްޗެވެ. އެހެންކަމުން، ޤައުމުގެ ދަރީން، މުޖުތަމަޢަށް ފައިދާ ހުރި ހަރުދަނާ ބައެއްގެ ގޮތުގައި އުފެއްދުމުގައި ޅެމުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ކުރަންޖެހޭކަން ޔަޤީނެވެ.

ޙަވާލާ:

މޫސާ މާހިރު (2013). ނެގީ http://moosamahir.blogspot.com/2013/03/blog-post.html އިން 26 ނޮވެމްބަރ 2016ގައި

ޢަބްދުﷲ ފަހުމީ ދީދީ (1956) އައްނަޞީޙަތުއްޛަހަބިއްޔާ. މަޙްކަމަތުލް ޙުކޫމާ: މާލެ

ޢަބްދުﷲ ފަހުމީ ދީދީ (1957) ދިރިއުޅުމުގެ ބާއްޖަވެރިކަން. ވުޒާރަތުލް މަޢާރިފް: މާލެ

ޢަބްދުﷲ ފަހުމީ ދީދީ (1965) އެނގުންކުޑަ ބައެއް މައްސަލަތަކުގެ ޙައްލު. ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް: މާލެ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް