ހަރުކަށިފިކުރު ފަތުރާ އަދި ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް މަޝްހޫރުވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވެ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހޫދު މުހައްމަދު ޒާހިރު ނަމަކަށްކިޔާ އުމުރުން 30 އަހަރުގެ މީހެކެވެ. ވިލިމާލޭގައި ދިރިއުޅޭ ހޫދު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ވިލިމާލޭގެ ގެ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އައިއެސްގެ އިސް މެންބަރަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވެސް ވަނީ ޔަގީންކޮށް ދެއްވާފައެވެ.
ސީޕީ ވިދާޅުވީ ހައްޔަރުކުރި މީހާ އަކީ އެމެރިކާގެ އެފްބީއައި އާއި އެހެން ދެ ގައުމެއްގެ ކަމާގުޅޭ އިދާރާތަކުގެ އެހީގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ މަހު ހަ ވަނަ ދުވަހު ހައްޔަރުކުރި މީހެއްކަމަށެވެ.
ސީޕީ ވިދާޅުވި ގޮތުގައި ހައްޔަރު ކުރި އެ މީހަކީ 2015 ވަނައަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދީ އައިއެސްއާއެކު މަސައްކަތް ކުރަމުން އައި މީހެކެވެ. އެގޮތުން އޭނާ ވަނީ ހުޅަނގުގެ ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށް ޓެރަރިޒަމް ހަމަލާ ދިނުމަށާއ އެކިގައުމުތަކަށް ޓަރަރިޒަމް ހަމަލާތަށް ދިނުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ކަމަށް ވެސް ސީޕީ ވިދާޅުވެފައިވެއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ ކަމަށާ މައްސަލައިގެ ތަފްސީލު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.