"އަޅުގަނޑުމެން މާސްކު އެޅުން އެބަ ހުއްޓާލަން ޖެހޭ"

Loading

Facebook
Twitter
WhatsApp

”އަޅުގަނޑުމެން މާސްކު އެޅުން އެބަ ހުއްޓާލަން ޖެހޭ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ނައިފަރުދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ޢާޒިމް ވިދާޅުވީ ތައުލީމަށް މިވަގުތު އެޅޭ އެންމެ ބޮޑު ހުރަހަކީ ކޮވިޑުގެ ހުރަސް ކަމަށާއި އެހުރަހުން އަޅުގަނޑުމެން އަރައިގަންނަން އެބަ ޖެހޭކަމަށެވެ.

”ކޮވިޑްގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާނު ކުރިތާ މިހާރު ދެ އަހަރު ވަނީ. އަނެއްހެން ބަލާއިރު މިއީ ބޮޑު ޖޯކެއް. އެތައް ގާނޫނުތަކެއް ސަސްޕެންޑުވެފައި އެބަހުރި ކޮވިޑުގެ ހާލަތުގެ ސަބަބުން. ދުނިޔޭގެ އެހެން ކޮންގައުމެއްގައިތޯ އަޅުގަނޑު ހިތަށްއަރާ ކޮވިޑުގެ މި ބަލިމަޑުކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު މިހާދިގުކޮށް ގެނެސްފައި މިވަނީ.“ ޢާޒިމް ވިދާޅުވިއެވެ. ”ނިއުނޯމަލްގައި އުޅުމުގެ ހާލަތު މިއޮތީ އައިސްފައި. އަޅުގަނޑުމެން މާސްކުއެޅުން އެބަ ހުއްޓާލަން ޖެހޭ.“

ޢާޒިމް ވިދާޅުވިގޮތުގައި ކޮވިޑުގެ މާފިޔާ ވިޔަފާރީގެ ސަބަބުން އަޅުގަނޑުމެންގެ ދަރިވަރުންނަށް (ކިޔެވުމަށް) އެޅިފައިވާ ހުރަސް ސަރުކާރުން މިހާރު ނައްތާލަން އެބަޖެހެއެވެ.

”މާސްކު ހުއްޓާލަން އެބަޖެހޭ. މާސްކު އެޅުން ހުއްޓާލަން އެބަޖެހޭ. ދެ ޑޯޒު އަޅުގަނޑުމެންގެ %80 އަށްވުރެ ގިނަ ރައްޔިތުންނަށް މިހާރު ވަނީ ޖެހިފައި. ބޫސްޓަރ ޑޯޒުވެސް ވަނީ ޖެހިފައި. އެހެންވީމާ އަޅުގަނޑުމެން ނިއު ނޯމަލްގައި އުޅެން ފަށަން ޖެހިއްޖެ.“ އާޒިމް ވިދާޅުވިއެވެ. ”ޔޫރަޕަށް ބަލާލާއިރުގައި އޭޝިޔާގެ އެހެން ގައުމުތަކަށް ބަލާލާއިރުގައި މިހާރު މިރޯގާއަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި އެއޮތީ ޑިކްލިއާރކޮށްފައި. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އަނބުރާ ކުރީގެ ހާލަތަށް އަންނަން. އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ކޮން ވިސްނުމެއްގައި ކީއްކުރަންކަމެއް ހަމަ އަޅުގަނޑަކަށް ނުވިސްނޭ.“

ޢާޒިމް ވިދާޅުވި ގޮތުގައި ކޮވިޑް-19އާ ގުޅިގެން ވަރަށް ގިނަ ގާނޫނުތައް ސަސްޕެންޑްވެފައި ހުރުމުން އޭގެ ފައިދާ ނަގާ މީހުން އެދަނީ އެކިގޮތްގޮތުން ފައިދާ ނަގަމުންނެވެ.

”އެހެން ނަމަވެސް ސަރުކާރަށް ގޮވާލަން ސަރުކާރަށް ދަންނަވަން އެބަޖެހޭ، މިހާރު ކޮވިޑް ނިމިއްޖޭ. އަޅުގަނޑުމެން ކުރީގެ ދިރިއުޅުމަށް އަނބުރާ ރުޖޫއަވާން ޖެހިއްޖޭ. ތައުލީމީ ނިޒާމު ކުރީގައި އޮތްގޮތަށް އަނބުރާ ރުޖޫއަ ކުރަންވެއްޖޭ.“ އޭނާ ވިދާޅުވިއެވެ.

މާސްކު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހަމަޖެހިފައި އޮންނައިރު ރާއްޖޭގެ އެތައްހާސް ބަޔަކު އުޅެނީ މާސްކު ނާޅައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް