ރޯދަ ޢިނާޔަތް 10 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ލިބެން ޖެހޭނެ

Loading

Facebook
Twitter
WhatsApp

ދައުލަތުން ކޮންމެ ރަމަޒާން މަހަކާ ދިމާކޮށް ސަރުކާރުގެ ކޮންމެ މުވައްޒަފަކަށް ރޯދަ ޢިނާޔަތް އެބަ ދެއްވައެވެ. މީ ކޮންގޮތަކުން ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ އެއްޗެއްކަމެއް ނޭނގެއެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރައިގެ ބޭރުން ދައުލަތުގައި ހުރި ރައްޔިތު އެންމެންގެ ފައިސާ އެދެނީ ކޮން ހަމަކުން ކަމެއްވެސް ނޭނގެއެވެ. ރޯދަ ހިފަނީ ސަރުކާރުގެ މުވައްޒަފުން އެކަނިބާވައެވެ!

ދައުލަތުގެ ފައިސާ ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ބަހާލަނީ އެހެން މީހުން ރޯދަ ނުހުފާތީ ބާވައެވެ! މިވާގޮތެއް ނޭނގެއެވެ! މިގައުމަކީ އިސްލާމީ ގައުމެކެވެ. ދިހަ އަހަރުން މަތީގެ އެންމެން ރޯދަ ހިފައެވެ. ރައްޔިތު އެންމެން ޝެއަރ ވާފައިސާ ވަކިބަޔަކަށް ދިނުމަކީ އިންސާފު ކަމުގައި ތިޔަ ބޭފުޅުން ގަބޫލު ކުރައްވަން ތޯއެވެ؟

ރޯދައިގެ ޢިނާޔަތަކީ ދައުލަތުގެ ފައިސާއިން ވަކިބަޔަކަށް ދެވޭނެ އެއްޗެއްކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ބައިތުލްމާލުން ރޯދައިގެ ޢިނާޔަތް ދެއްވާނަމަ އެފައިސާގެ އެންމެހައި ޙައްގުވެރިން ޝާމިލްކުރަން ޖެހެއެވެ.

ރަމަޒާން މަހަކީ ދުނިޔެއިން އަންނަ އެންމެ ބަރަކާތްތެރި މައްސަރެވެ. އެމަހުގެ ތެރޭގައި ޙާލުގައި އުޅޭ އިންސާނުންނަށް އެހީތެރިވެ ދިނުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބޭ ކަމެކެވެ. ސަރުކާރުގެ މުވައްޒަފުންނަކީ ރައްޔިތުންގެ ނޯކަރުންނެވެ. ނޯކަރުންނަށް ކޮންމެ ރަމަޒާން މަހަކު ރޯދައިގެ އިނާޔަތް ރައްޔިތުންގެ އަތުން ނަގަން ސަރުކާރަށް ލާޒިމެއް ނުވާނެއެވެ. ދައުލަތުގެ އެންމެހައި މިލްކިއްޔާތަކީ ގައުމުގެ އެންމެންގެ ޙައްގެކެވެ.

މިފެށެން އުޅޭ ރަމަޒާން އައުމުގެ ކުރިން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އިތުރު ރޯޝަނީ ކަމެއް އައުމަކީ ރައްޔިތުންގެ ދުޢާއެވެ.

މިދުވަސް ވަރަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ނުހަނު ދަށުގައި އޮތް ދުވަސް ވަރެކެވެ. މިހެން ވާން މިޖެހުނު އެއް ސަބަބަކކީ ޑޮލަރުގެ އަގު މަތިވުމުގެ ސަބަބުން ތަކެތީގެ އަގާއި ކާބޯތަކެތީގެ އަގު ބޮޑު ވުމުގެ ސަބަބުންނެވެ. މިކަމަށް ޙައްލެއް ނުފެނި ރައްޔިތުން ނުހަނު ދަތި ޙާލުގައި އުޅެމުން އަންނަތާ ޒަމާންތަކެއް ވެއްޖެއެވެ. އެހެނަސް ސަރުކާރުތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަނީ ދަށްވަމުންނެވެ.

ބަރަކާތްތެރި ރަމަޒާން މަހުގެ ދުވަސްތައް ރައްޔިތުންނާ ކުރިމަތިލާއިރު ރައްޔިތުން މިއަދު އުޅެމުންދާ ދަތިޙާލަށް ކޮންމެވެސް މިންވަރެއްގެ އެދެވޭ ހެޔޮ ބަދަލެއް އަންނާން ޖެހެއެވެ.

ސަރުކާރުތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ނުބައްލަވައެވެ. ފުދުންތެރި ރައްޔިތުމީހާއެއް ނުއުފައްދައެވެ. ރައްޔިތުން ނިކަމެތި ޙާލުގައި ތިއްބާ އެއަރ ޕޯޓް ތަކާ މިހެންގޮސް ރައްޔިތުންނަށް ނުކުޅަދާނަވާ މިންވަރަށް ދައުލަތުގެ ބައިތުލްމާލުން އެދަނީ ޚަރަދު ކުރަމުންނެވެ. ރައްޔިތުން ތިބީ ރޯޙާލާއެވެ. ގައުމެއް ތަރައްގީ ވަނީ ރައްޔިތުމީހާ ފުދުންތެރި ވީމައެވެ.

ސަރުކާރުތަކުން މިކަމާމެދަކު ނުވިސްނަވަތެވެ. ސަރުކާރު ތަކުން ތަރައްގީ ސިފަ ކުރަނީ އަޅާ އުސް ޢިމާރާތްތަކާއި ހަދައިދޭ ބޮޑުހިލައިގެ ބަނދަރު ތައް އަޅައިދިނުމަކީ ތަރައްގީ ކަމުގައެވެ. ރައްޔިތުމީހާ މަގުމަތީ ނިދާފައި ގޮނޑު ހާވައިގެން ކެއަސް ސަރުކާރުތަކުން ކަންބޮޑެއް ނުވެއެވެ.

ރޯދައިގެ ޢިނާޔަތާމެދު ރައްޔިތުން ކަންބޮޑުވަނީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދަތިޙާލުގައި ތިއްބާ މުސާރަލިބޭ ސަރުކާރުގެ މުވައްޒަފުންނަށް ރޯދައިގެ ޢިނާޔަތު ދީފައި މުސާރައެއް އާމްދަނީ އެއް ނުލިބޭ ރައްޔިތު މީހާ އެ ނިޢުމަތުން އިސްތިސްނާ ކުރާތީއެވެ.

ގައުމެއް ތަރައްގީ ވެއްޖެ ކަމަށް ގަބޫލުކުރެވޭނީ އެ ގައުމެއްގެ އެންމެ ފަގީރުމީހާ ގެ ދިރިއުޅުމުގެ ޙާލަތުންނެވެ. އެމީހާ ސަލާންޖަހާނަމަ ބެލެވޭނީ ގައުމު ތަރައްގީ ނުވާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް