ޒުބައިރު ގެއްލުނު ވަޒީފާގެ ފަހަތުން: މާރިޔާ ދެއްކެވީ ވަރަށް ނުރައްކާތެރި ވާހަކަފުޅެއް

Loading

Facebook
Twitter
WhatsApp

http://sandhaanu.today/19257/ އާގުޅޭ

ޢަސްކަރިއްޔާ ސިޔާސީ ކުރުވަނީ ހަގީގަތުގައި ސިޔާސީ މީހުން.

މީގައި މިވާގޮތަކީ ޢަސްކަރިއްޔާ ސިޔާސީ ކުރުވަނީ ހަގީގަތުގައި ސިޔާސީ މީހުން. ޚާއްޞަގޮތެއްގައި ޢަސްކަރިއްޔާގައި އޭރަކު ހުންނަވާ ޑިފެންސް މިނިސްޓަރ. ނޫނީ ޢަސްކަރިއްޔާގައި އޭރަކު ހުންނަވާ ސިފައިންގެ ވެރިޔާ. ނޫނީ ރައީސުލް ޖުމްހޫރިއްޔާ. މިހެން މިދެންނެވި ގޮތަކީ އެބޭފުޅުން ކެމްޕޭނު ކުރެއްވިއިރު ތިމަންނަމެންގެ ތިބޭނޭ ގައުމީ ސިފައިން، މިހެން ވިދާޅުވި ހިސާބުން ޢަސްކަރިއްޔާ މި ސިޔާސީ ކުރެވުނީ. އެބޭފުޅުން ކޮންމެހެން އެހެން ވިދާޅުނުވިޔަކަސް އެބޭފުޅުންނަށް އެބޭފުޅުންގެ ސަރުކާރުގައި ޢަސްކަރިއްޔާއިން ވަޒީފާދެވޭނެ ދެއްތޯ؟ ކޮންމެހެން ވައުދަކަށް ވެސް ހަދާކަށް ނުޖެހޭ. ހަމަ އިސްކަމެއް ދެއްވައިގެން އެބޭފުޅުންނަށް ވިދާޅުވެވިދާނެ ތިމަންމެންގެ ސަރުކާރެއްގައި ކުރިން ގަވައިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައި ތިބި މީހުންނަށް ވަޒީފާ ދޭނަމޭ. އެއީ އާންމު ވައުދެއްގެ ގޮތުގައި ބޭއްވިދާނެ. އެކަން ވައުދެއްގެ ގޮތުގައި ބާއްވަވަންވީ. ޢަސްކަރިއްޔާގައި ތިމަންނަމެންނަށް ތާއީދު ކުރާމީހުން އެބަތިއްބޭ. ޢަސްކަރިއްޔާގައި ތިމަންމެންގެ ގައުމީ ސިފައިން އެބަތިއްބޭ ބުނީމާ ޢަސްކަރިއްޔާތެރެ ޑިސްއިންޓަގްރޭޓު އެވަނީ. އަދި ޢަސްކަރިއްޔާއާ ދޭތެރޭގައި އެ އޮންނަ ތަޞައްވުރާއި ރައްޔިތުން ކުރާ އިތުބާރު އެގެއްލެނީ. އޭރުން ރައްޔިތުން ހީކުރާނީ ޢަސްކަރިއްޔާ ތެރެ ވެސް މިއޮތީ ބައިބައި ވެފައޭ. ޢަސްކަރިއްޔާގައި ބަޣާވާތްކޮށްފައި ތިބި ބަޔަކާ ބަޣާވާތް ނުކުރާ ބަޔަކު އެބަ އުޅެޔޭ. އެ ބުނީނޫންހެއްޔޭ ބަޣާވާތަށް ތާއިދު ނުކުރާ މީހުންނަކީ ތިމަންނަމެންގެ މީހުންނޭ. ޢަސްކަރިއްޔާ ތެރޭގައި ވެސް ހަމަނުޖެހުން އުފެއްދޭނެ. ދެން އަނެއްކާ އޭގެ ނަތީޖާއަކަށް މިވަނީ އޭރު ޢަސްކަރިއްޔާ ތެރޭގައި ހުންނަވާ ސިފައިންގެ ވެރިޔާ ނޫނީ އޭރު ޢަސްކަރިޔާ ތެރޭގައި ހުންނަވާ އާރމީ ޗީފަކު މި ހައްދަވާ ގޮތަކީ އެއްކަލަ އެ ބުނި ވާހަކައަށް ބިނާކޮށް މީހުންގެ ފޯނުކޯލުތައް އަޑުއަހައި އެމީހުންގެ ޚިޔާލާތު ހޯދައި އެމީހުންގެ ޢަމަލުން އަދި ނުފެނުނަސް ކިރިޔާ ވާހަކައެއް ދައްކާހެން ހީވިޔަސް އެމީހުން ކަނޑާލަނީ. ހަމަ ކަނޑާލަނީ އެއްވެސް ސުއާލެއްނުކޮށް. މިގޮތަށް އަޅުގަނޑުވެސް ކަނޑާލާފައި މިހިރީ. އަދި މީހަކު އެއްޗެކޭ ބުންޏަސް ނުޖެހޭ ދެއްތޯ ކަނޑާލާކަށް؟ ބުނީކީކޭތޯ ކާކުތޯ އަދި އެއަށް ރެސްޕޮންޑް ކުރިތޯ ނުކުރޭތޯ ވެސް ބަލަން އެބަޖެހޭ ނޫންތޯ؟

އަންނި ވިދާޅުވި އެއްޗަކުން ޒުބައިރަށް ލަނޑެއް

އަޅުގަނޑު ދަންނަވާލަފާނަން މިސާލެއް، މި މިސާލު މިނަގަނީ ހިންގިކަމަކުން. އަޅުގަނޑު ޢަސްކަރިއްޔާގެ ކޯހެއްގައި މެލޭޝިޔާގައި ހުއްޓާ ރައީސް ނަޝީދު އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވީ ތިމަންނަ އެބަ ބޭނުންފުޅުވެޔޭ އަޅުގަނޑު އެބޭފުޅާގެ ޑިފެންސް ލޯޔަރަކަށްދާން ކޯނީ (CONI) އަށް. އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ޢަސްކަރިއްޔާގެ އޮފިސަރެކޭ އަޅުގަނޑަކަށް ނުދެވޭނެއޭ، އަނެއްހެން ނުވެސް ފޮނުވާނެއޭ. ދެން އެކަމަކުވެސް އެބޭފުޅުން މިހައްދަވާ އެއްޗަކީ ކޮމަންވެލްތަށް އަޅުގަނޑުގެ ނަންފޮނުވަނީ. ފޮނުވާފައި އަޅުގަނޑު ރެކޮމެންޑް ކުރަނީ. މިގޮތަށް ރެކޮމެންޑް ކުރީމާ އަޅުގަނޑުގެ ޕްރޮފެޝަނަލް މަސައްކަތުގައި މިޖެހުނީ ވަރަށް ބޮޑު ލަތްގަނޑެއް އެހެން ނޫންތޯ؟ ދެން އެބޭފުޅުން ޢަސްކަރިއްޔާގެ ބޭފުޅުން ބޮޑަށް ވިސްނަވާނީ އަޅުގަނޑަކީ އެމްޑީޕީ މީހެކޭ. އަޅުގަނޑަކީ ސަރުކާރާ ދެކޮޅަށް ވަކާލާތު ކުރަން އުޅޭ މީހެކޭ. އެއީ ނޫންތޯ ސިޔާސީ ލީޑަރުން ޢަސްކަރިއްޔާ ސިޔާސީ ކުރައްވާ ގޮތަކީ. ހަމަ އެބޭފުޅުން ޢަސްކަރިއްޔާ ސިޔާސީ ކުރަނީ.

މައުމޫނުގެ ހަށިފާރަވެރިން ސިޔާސީކަންތައްތަކުގައި

ރައީސް މައުމޫންގެ ދައުރުގައި އަޅުގަނޑު ލޮލުން ދުށީމޭ ކެމްޕޭނު ސްޓިކާރ ޢަސްކަރިއްޔާގެ ބޭފުޅުން ލައްވާ، އޭނާގެ ހަށިފާރަވެރިން ލައްވާ ތައްގަނޑު ޖެހުވިތަން. ޓީމުލައްވާ އެކަން ކުރުވީ އާރަށުގައި. އެހެންވީމާ މިކަހަލަ ކަންތައް ހިނގަންޏާ ޢަސްކަރިއްޔާ ސިޔާސީ ކަންތައްތަކުން އެއްކިބާކުރާނީ ކިހިނެއްތޯ؟ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުވެސް ވިދާޅުވިނޫންތޯ ޢަސްކަރިއްޔާ ސިޔާސީ ކަންތަކުން ދުރުކުވާނަމޭ. އެކަމަށް ބޭނުންވާ މީހުން ރާއްޖެއިން ބޭރުން ގެނަސްގެން ނަމަވެސް އެކަންކުރާނަމޭ. އެކަމަކު ނަތީޖާ ނެރުއްވާ ތަނެއް ނުފެނޭ ނޫންތޯ. ބޮމެއް ގޮއްވާ ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިން ކަންތައްގަނޑު ވެސް ސުވާލު އުފެދޭ އެތައްކަމެއް ހުރެ އަދި މަޖްލިސް ކޮމެޓީގެ ރެކަމެންޑޭޝަން ތަކަށް ވެސް ފިޔަވަޅު އެޅޭތަނެއް ނުފެނޭ ނޫންތޯ؟

ޝަމާލު ޝަރުޠު ހަމައެއްނުވޭ

ޝަމާލަށް ޢަސްކަރިއްޔާގެ އާރމީ ޗީފުކަން ދިނުން އެއީ ޢަސްކަރިއްޔާ ސިޔާސީ ކުރުމޭ އިނގޭތޯ. ގާނޫނު ބުނާ ގޮތުން އެންމެ ސީނިއަރ މީހަކަށޭ އާރމީ ޗީފުކަން ދޭންޖެހޭނީ. އެ ޝަރުޠު ހަމައެއް ނުވެއޭ ޝަމާލުގެ.

ސަރުކާރުން ކިތަންމެ ނުބައެއް ހެދިޔަސް އާރމީ ޗީފަކަށް ހުންނަވާ ބޭފުޅަކު އެކަންތައް ބައްލަވާކަށް ބޭނުންފުޅެއްނުވޭ

އެކަމަކު ޢަސްކަރިއްޔާގައި އުޅުއްވާފައި ހުންނެވި ބޭފުޅަކު ބޭރުން ގެންނަވައި ޢަސްކަރިއްޔާގެ ޗީފްކަން ދެއްވީމާ އެބަ އެނގޭ އެއޮތީ ސިޔާސީ ވެފައިކަން. އެގޮތަށް ނޫންތޯ ކަންތައްތައް މި ހިންގަނީ. މަސައްކަތްތައް މިނިވަންކަމާ އެކު ކުރުމަށް މިހެންވީމާ ބުރޫ އަރަނީ.

އާރމީ ޗީފް ކަންތައް ބައްލަވާކަށް ބޭނުންފުޅެއްނުވޭ

ސަރުކާރުން ކިތަންމެ ނުބައެއް ހެދިޔަސް އާރމީ ޗީފަކަށް ހުންނަވާ ބޭފުޅަކު އެކަންތައް ބައްލަވާކަށް ބޭނުންފުޅެއްނުވޭ. ހަމަ އާނ ބަސް ބުނެގެން ހުންނަނީ. ތީ ޤާނޫނާއި ޚިލާފު ކަމެކޭ، ޢަސްކަރިއްޔާއަކަށް ތިކަހަލަ ކަންތައްތަކެއް ނުކުރެވޭނެއޭ ފަދަ ބަހެއްވެސް ބުނެ ނުލެވޭ.

ކޮންމެ ބޭފުޅަކުވެސް ބޭނުންފުޅު ވަނީ މަގާމު ދަމަހައްޓަވަން. ރައްޔިތުންގެ ދިފާއުގައި ޤައުމުގެ މަސްލަޙަތު އިސްކޮށް ގައުމުގެ ދިފާއުގައި ގާނޫނުގެ ދިފާއުގައި ކަންތައްތައް ކުރައްވާ ތަނެއް ނުފެނޭ.

މާރިޔާ ދެއްކެވީ ވަރަށް ނުރައްކާތެރި ވާހަކަފުޅެއް

މާރިޔާ ޑިފެންސް މިނިސްޓަރގެ މަގާމުގައި ހުންނަވައިގެން އަމުދުން ރާއްޖެއިން ބޭރުގައި ހުންނަވައިގެން އިންޑިއާއަށް ރާއްޖެ ހިފިދާނެއޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ ވަރަށް ނުރައްކާތެރި ވާހަކަފުޅެއް. ބޭރުގެ އެހެން ގައުމެއްގައި ނަމަ އެކަމަނާ ކޯޓުމާޝަލްކުރެވޭނެ ޢަސްކަރިއްޔާއިން. ކުރަންވެސް ޖެހޭނެ. އެހެން މިދެންނެވީ ގައުމެއްގެ ޑިފެންސް މިނިސްޓަރަކަށް އެތަނެއްގެ ޢަސްކަރިއްޔާގައި ހުރި ގާބިލްކަން އެ ހާމަކޮށްދެވުނީ. އަޅުގަނޑުމެން ބަލަން ޖެހެނީ ދެންތިބޭ މީހުންނަކީ އަޅުގަނޑުމެންގެ ދުޝްމަނުންކަމަށް. ހަނގުރާމައިގެ ހާލަތަކަށް ނުވަތަ ކުރިމަތިލުމުގެ ހާލަތަކަށް ދާހިނދު އެމީހުން ވާނީ ދުޝްމަނުންނަށް. އެހެންވީމާ އެއްވެސް ބަޔަކަށް ޢަސްކަރިއްޔާގައި ގާބިލުކަމެއް ނެތްކަން ހާމަވާފަދަ ވާހަކަދައްކައިގެން ނުވާނެ. ރާއްޖެ ހިފިދާނެއޭ ބުނުމުގެ މާނައަކީ ރާއްޖޭގެ އަސްކަރިއްޔާގައި ގާބިލުކަމެއް ނެތޭ ބުނުން. ގާބިލުކަމެއް ހުއްޓަސް އަދި ނެތަސް އެހެން ބުނެގެން ނުވާނެ. ކޮންމެ ގައުމެއްގެ ވެސް ގައުމީ ސަލާމަތާއި ގައުމިއްޔަތާއި ގައުމު ދިފާއުކޮށް ގައުމު ރައްކާތެރިކުރަން ޖެހެނީ އެގައުމެއްގެ ޢަސްކަރިއްޔާއިން. ކޮންމެ ގޮތެއް ހަދައިގެންކަމަށް ވިޔަސް ހަނގުރާމަކޮށްގެން ކަމަށް ވިޔަސް އަދި އެހެން ގޮތަކުން ކަމަށް ވިޔަސް އެކަން ކުރަން ޖެހޭނީ ޢަސްކަރިއްޔާއިން. ހަތިޔާރުގެ ބޭނުންކޮށްގެން ކަމަށް ވިޔަސް ބާރުގެ ބޭނުން ކޮށްގެން ކަމަށްވިޔަސް އެކަން ކުރަން ޖެހޭނީ ޢަސްކަރިއްޔާއިން. އެހެންވީމާ އެޒާތުގެ ވާހަފުޅު ދެއްކެވުމަކީ ޢަސްކަރިއްޔާއަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް.

އަޅުގަނޑުމެން އެދެނީ ޒުބައިރަށް ހައްގާއި އިންސާފު މިންވަރު ކުރެއްވުމެވެ. ދިވެހި ޢަސްކަރިއްޔާއަށް ފާގަތިކަމާއި އަމާންކަމެވެ.

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް