ފެބްރުއްރީ 14 އެއީ ކޮންދުވަހެއް؟

Loading

Facebook
Twitter
WhatsApp

ތާރީޚީ އިލްމަށް ބަލާއިރު ކޮންމެ ތާރީޚަކީވެސް ކޮންމެވެސް މީހަކަށް މުހިންމު ތާރީޚެއް ކަމުގައި ގަބޫލުކުރަން ޖެހޭނެއެވެ. ހަމައެފަދައިން ބައެއް ތާރީޚް ތަކަކީ ގިނަ ބަޔަކަށް މުހިންމު ތާރީޚުތަކެއް ކަމުގައިވެސް އެއްބަސް ވެވޭނެއެވެ.

މާޒީގެ ތާރީޚުގެ ތެރެއަށް ބަލާއިރު އާދަޔާޚިލާފު ގިނަކަންތައްތަކެއް ކޮންމެ ތާރީޚެއްގައިވެސް ހިނގާފައި ހުންނާތީ ފެންނާނެއެވެ. އޭގެތެރެއިން ގަބޫލުކުރަންދަތި އެހެންނަމަވެސް އަޖައިބުކުރަނިވި ބޮޑެތި ޙަގީގަތް ތަކެއް ވެސް މާޒީގެ ތާރީޚުތަކުން ދަސްކޮށްދެއެވެ. ތާރީޚުގައި ފާހަގަ ކޮށްފައިވާ ކޮންމެ ކަމަކީ ހަގީގަތަކަށް ނުވެ ދާނެއެވެ. އެކަން އެންމެ ފުރަތަމަ ގަބޫލުކުރާ މީހަކަށް ހަމަގައިމުވެސް މި ލިއުންތެރިޔާ ވާނެއެވެ.

މާޒީގެ ތާރީޚުތަކަށް ބަލާއިރު ބޮޑެތި ބޮޑެތި ބައްރުތަކަކީ ބާރުގަދަ ވަކިމީހެއްގެ މިލްކެއްގެ ގޮތުގައިވެސް ގަބޫލުކުރަން ޖެހުނު ދުވަސްވަރެއްވެސް އެނގެން އެބައޮތެވެ. އެކަހަލަ ވިސްނުމަކަށް ތާރީޚުގައި ސިފަކޮށްދީފައި އެބަހުއްޓެވެ. މިއަދު އެންމެ ބޮޑަށް ކުރިއަރާފައިވާ ޔޫރަޕަކީވެސް މިލާދީން 900 ވަނަ އަހަރާހަމަޔަށް އައިއިރުވެސް ބާރުގަދަ ޖައްބާރު އެންމެ މީހެއްގެ މިލްކެއްގެ ގޮތުގައި އަންގާދޭން މަސައްކަތް ކޮށްފައި ހުރިކަން އެނގޭ ސަރަހައްދެކެވެ.

މަންޒަރު އެގޮތަށް ސިފަކޮށްދީފައި ވެއެވެ. އަދި އޭނާ މަރުވުމުގެ ކުރިން އޭނާގެ ތަރިކަ ބަހާއުސޫލުން އޭނާގެ 3 ދަރިންނަށް މިހާރުގެ ޔޫރަޕްގެ ގައުމުތައް ފަރަންސޭސި ވިލާތުން ފެށިގެން އިޓަލީއާއި ޖަރުމަން ހިމެނޭގޮތުގައި އޮތީ ބަހާލަދީފައެވެ. ހައިރާނެއް ފަހެ ނުވާނެ ހެއްޔެވެ!

ތާރީޚުގެ އިލްމުވެރިން ފާހަގަ ކުރައްވާފައިވާ ގޮތުގައި ލުއިސް ދަ ޕަޔަސް އޭ ކިއުނު ޖައްބާރަކު އެ ސަރަހައްދުގައި ވެރިކަން ކުރީ އެއީ އޭނާގެ ވާރުތަ މުދަލެއްގެ ގޮތުގައެވެ. އޭނާއާއި ކުރިމަތި ލުމުގެ ބާރުވެރިކަމެއް ލިބިފައިހުރި ހަމަ އެކަކުވެސް ހުރިކަމަކަށް ނުވެއެވެ. ނަމުގެ ފަހަތަށް “ ދީންވެރި “ މި ލަފުޒު އައެއްކަމަކު މި ލުއިސް ދަ ޕަޔަސް އޭނާގެ ދިރިތިބި 3 ދަރިންނަށް މިހާރުގެ ޔޫރަޕްގައި ހިމެނޭ ގައުމުތައް ބަހާލާދިން އަހުދުނާމާގައި ޓްރީޓީ އޮފް ވާރޑްން ގައި ސޮއިކުރީ މީލާދީ ގޮތުން 842 ވަނައަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމުގައިވެއެވެ. މިހާރުގެބަހުރުވައިން މިކިޔާ ވެލަންޓައިންސް ދުވަހުގައެވެ.

ބާރުގަދަ މުޣަލް އެމްޕަޔަރަކާއި އުސްމާނީ ރަސްކަމެއްގެ ވާހަކަ ތާރީޚުން އޮތީ ކޮންމެވެސް ވަރަކަށް ދަސްވެފައެވެ. އެކަމަކު އެއީ ބާރުގަދަ ރަސްކަމެއްގެ ވާހަކައާއި އެ ރަސްކަމުގެ ބާރުގެ ދަށުގައި އޮތް ސަހަރުތަކެއްގެ ވާހަކައެވެ. މެދު އިރުމައްޗާއި ކަޅުކަނޑުގައި ހިމެނޭ ބައެއް ގައުމުތަކަކީ އުސްމާނީ ޝަހެންޝާހުގެ މިލްކެއް ކަމުގައި ނުވަތަ އިންޑިއާ ބައްރަކީ މުޢަލް އެމްޕަޔަރުގެ ދަރިންގެ މިލްކެއްގެގޮތުގައި ވާރުތަކުރި ވާހައެއް ނާދެއެވެ.

މިލިއުމުގައި އަޅުގަނޑު މި ބަލާލަނީ މާޒީގެ ތާރީޚުގައި ފެބްރުއަރީ 14 ވަނަ ދުވަހު ހިނގާފައިވާ ބައެއް މުހިންމު ހާދިސާތަކުގެ މައްޗަށެވެ. އަޅުގަނޑުމެންގެތެރޭގައި މިހާރަކަށް އައިސް ވައިގާ ހިފައިގެން މި އުޅެނީ ފެބްރުއަރީ 14 އަކީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައެވެ. ބައެއްމީހުންގެ ވިސްނުން ތަފާތު ވެދާނެއެވެ. އަދި ބުނެފާނެވެސް މެއެވެ. ފެބްރުއަރީ 14 އަކާ މަށަކާ ކީއްހއްޔެވެ؟ އަހަރެން ފާހަގަކުރާ ލޯބީގެ ދުވަހަކީ މަގޭ އަނބި ގޮއްޔެ އަހަރެންނަށް އާނ ބަސް ބުނި ދުވަހެވެ. އެހެންމީހަކު ލޯބީގައި މަރުވެ ދިއުމަކާ މަށަކާ ކީއްހެއްޔެވެ؟ ދޮންހިޔަލައަކާއި އަލިފުޅެއްގެ ވާހަކައަކާއި ލައިލާއަކާ މަޖުނޫނަކާ އަދި ޝީރީނަކާ ފަރުހާދަކާ ވެސް އުޅުނޯލައެވެ.

ވެލަންޓައިންސްޑޭ ގެ އަސްލަކީ ކޮބައިކަން ތާރީޚުންވެސް އެނގޭކަށްނެތެވެ. އެ ދުވަސް ބިނާކޮށްފައި އޮތީ ރޯމަނުންގެ ޒަމާނުގައި ނަސޯރާއިންނާއި ރޯމަނުން ފެބްރުއަރީ މަހަކީ ލޯބީގެ މަހެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތް އޮތުމެއްގެ މައްޗަށެވެ. ކެތޮލިކުންގެ ފައްޅިތަކުން ބުނާގޮތުގައި ވެލަންޓައިންސް ކިޔާ ތިން ފާދިރީ އަކު ކޮންމެވެސް ޒަމާނެއްގައި އުޅުނޯލައެވެ. އެ ތިން ފާދިރީންގެ ތެރޭން 2 ފާދިރީން ވަނީ ގަތުލުކުރެވިފައެވެ. އަނެއް ފާދިރީ ދަންޖައްސާ މަރާލީޔޯލައެވެ! އެއްބަޔަކު ބުނާގޮތުގައި ރޫމީންގެ ޝަހެންޝާހް ކްލޯޑިއަސް 2 ގެ ރަސްކަމުގައި ފިރިހެނުން ސިފައިންގެ ތެރޭ މަސައްކަތް ކުރަންޖެހޭތީ ފިރިހެނުން މީހުންނާއިނުން މަނާކޮށް ރިޔާސީ ގަރާރެއް ނެރުނެވެ. އެ ގަރާރަށް ވެލަންޓައިންސް ކިޔާ ފާދިރީ އަކު ހިތްހަމަނުޖެހި ސިއްރިޔާތުގައި ކައިވެނިކޮށްދެމުން ގެންދިޔައެވެ. މިކަން ފަޅާއެރުމުން އޭނާ ގަތުލުކުރެވުނީއެވެ. އަދި އޭގެފަހުން އެނގުނުކަމަށްވަނީ ސިއްރިޔާތުގައި މީހުން ކައިވެނިކޮށްދެމުން ގެންދިޔައީ ގަތުލުކޮށްލެވުނު ފާދިރީ ނޫން އެހެން ފާދިރީ އެއްކަމުގައެވެ. އެހެން ކަމުން އޭނާވެސް ހޯދާފައި ގަތުލުކޮށްލެވުނީއެވެ.

އަނެއް ފާދިރީ އާ ބެހޭގޮތުން ބުނެވެނީ އޭނާއަކީ ޖަލުގައި ހައްޔަރު ކޮށްފައިތިބޭ މީހުންނަށް ދެމުން ގެންދާ އަނިޔާތައްފެނި ކެތްނުކުރެވިގެން ޖަލުން މީހުން ފިލަން އެހީތެރިވެ ދިނުމުގެ ކުށުގައި ދަންޖައްސާ މަރާލެވުނު ވެލަންޓައިންސް ކިޔާ މީހެއް ކަމުގައެވެ. އޭނާ ޖަލުބަލަހައްޓާ މީހާގެ ކުޑަ އަންހެން ދަރިއަކާ ރައްޓެހިވީ ވާހަކައަކާއި އޭނާއަށް ފޮނުވި ސިޓީއެއްގައި “ ކަލޭގެ ވެލަންޓައިންސް “ މިހެން ލިޔެފައިވާ ވާހަކައެއްވެސް ދައްކައެވެ. މިއިން އެއްވެސް ވާހަކަ އަކީ ހަގީގަތެއް ނެތް އޮޅުން ބޮޅުންގަނޑެއްކަމަށް ހުރިހާ ތާރީޚް އިލްމުވެރިންވެސް އެއްބަސްވެއެވެ. އެކަމަކު ހުޅަނގުގެ ގައުމުތަކުން ބުނެފިއްޔާ އިރާގުގައި ފަނާކުރަނިވި ހަތިޔާރުވެސް ހުންނާނެއެވެ!

ހޮލީ ރޯމަން ޝަހެންޝާހުގެ ތާޖު ހެންރީ 2 ގެ އިސްތަށިފުޅުގައި ޕޯޕް ބެނެޑިކްޓް 8 ބަހައްޓަވައި ދެއްވީ ވެސް 1014 ވަނައަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހެއްގައެވެ. ހަމައެފަދައިން ހެންރީ 4 އަކީ ހޮލީ ރޯމަން ޝަހެންޝާހު ނޫންކަމުގައި ފުރަތަމަފަހަރަށް ޕޯޕް ގްރެގަރީ 7 ނިންމެވީވެސް 1076 ވަނައަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހެއްގައެވެ. އަދި 1347 ވަނައަހަރު ޔޫރަޕްގައި ފެތުރިގެންދިޔަ ނުރައްކާތެރި ބުބޯނިކް ރޯގާ ނުވަތަ ބްލެކްޑެތު އާއި ގުޅިގެން 900 އަށްވުރެން ގިނަ ޔަހޫދީން ސްޓްރާސްބޯގް ގައި ދިރިތިއްބާ އަންދާލީވެސް އެއަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ޒަމާނަކީ ކޮންމެ ނިކަމެތިކަމެއް އެންމެ ފުރަތަމަ އަމާޒުކުރެވޭ މުޖުތަމާއަކީ ޔަހޫދީންކަމުގައި ވެގެން ދިޔަ ޒަމާނެވެ. ނަމަވެސް މިއަދުގެ ޙާލަތަށް ބަލާއިރު ކޮންމެ ނިކަމެތިކަމެއް ރައްދުވާ ފަރާތް ފައިސަލާކޮށް ޙުކުމް ކަނޑައަޅާ ބަޔަކީ ޔަހޫދީން ކަމުގައި މިއޮތީ ވެފައެވެ.

އެމީހުންނަށް މި ބަދަލު ގެނެވުނީ އެމީހުންގެ ކިބައިގާހުރި އެއްބައި ވަންތަކަމެއްގެ ސަބަބުން ކަން ގަބޫލުކުރަންޖެހެއެވެ. އުފަލުގެ ވަގުތުގައްޔާއި ހިތާމައިގެ ވަގުތުގައިވެސް އެމީހުން ދައްކަމުންގެންދަނީ އެއްބައި ވަންތަކަމެވެ. އަހަރެމެން މުސްލިމުންގެ ސަފުތަކުން މިފެންނަނީ ހަމަކޮންމެ ކަމެއްގައިވެސް ވަކިވަކިވެ ގަތުމާއި އެއްބައިވަންތަކަން ނެތުމުގެ ސިފަތަކެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

އޮސްޓްރޯ-ހަންގޭރިއަން ޒަޔަނިސްޓް ތިއޮޑޯރ ހަޒްލް 1896 ވަނަ އަހަރު “ ދަ ޖްވިޝް ސްޓޭޓް “ ގެ ނަމުގައި ނޫހެއް ނެރެގެން ފަލަސްތީނުން ބިންގަތުމަށް ބާރުއަޅައި އެންމެ ފުރަތަމަ މަސައްކަތް ފެށީވެސް އެ އަހަރުގެ ފެބްރުއަރީ މަގެ 14 ވަނަ ދުވަހުގައެވެ. އޭނާމެ މަސައްކަތަށް މުޅިޔަހޫދީމުޖުތަމާ ދިން އެއްބާރުލުން މިއަދު މިއޮތީ ދިމާއަށް ފެންނާށެވެ.

ފެބްރުއަރީ 14 ގައި ހިނގާފައިވާ އެހެން ބައެއް ސިޔާސީ ހަރަކާތްތަކަށް ބަލާއިރު އެމެރިކާގެ ކޮންގްރެސްގައި ފުރަތަމަ ފަހަރަށް މެޝިން ބޭނުންކޮށްގެން ވޯޓުލުމާއި އަދި އެރިޒޯނާއަކީ އެމެރިކާގެ 48 ވަނަ ސްޓޭޓްކަމަށް އިއުލާން ކުރުމާއި، އޮރެގޯން އަކީ އެމެރިކާގެ 33 ވަނަ ސްޓޭޓްކަމުގައި ހަމަޖެހިގެން ދިއުމާއި ފުރަތަމަ ފަހަރަށް އެމެރިކާގެ ޑިޕާރޓްމެނޓް އޮފް ކޮމާރސް އެންޑް ލޭބަރ އުފެދުންވެސް ހިމެނެއެވެ. އަދި އެމެރިކާގެ އިންތިޚާބެއްގައި އެންމެ ފުރަތަމަ ވޯޓުލީ އަންހެނަކީ ސެރާފް ޔަންގް ކަމުގައި ވެގެންދިޔައީވެސް 1870 ވަނައަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މި ހުރިހާ ކަމަކަށްވުރެންވެސް ބިޔަ އަދި ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެމެރިކާގެ ގާނޫނު އަސާސީއާއި ޚިލާފް ކޮންމެ ގާނޫނަކީ ބާތިލު އެއްޗެއްކަމުގައި 1803 ވަނައަހަރު ފެބްރުއަރީ މަހުގެ 14 ވަނަދުވަހު އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން މާރޝަލް ކުރެއްވި އަމުރުފުޅެވެ.

ނެދަރލާންޑްސްގެ ހޭގު ގައި “ ހައި ކައުންސިލް އޮފް ލޭބަރ ގެ ނަމުގައި ރަސްމީ އިދާރާއެއް އުފެދުނީވެސް 1914 ވަނައަހަރު ފެބްރުއަރީ މަހުގެ 14 ގައެވެ. އަދި އަލްކެޕޯންގެ އަމުރަށް ޗިކާގޯގައި ގޭންގްސްޓަރުންގެ 7 މީހަކު މަރާލެވުނު ކަމަށް ބުނަނީވެސް 1929 ވަނައަހަރުގެ މިކިޔާ ވެލަންޓައިންސް ދުވަހުގައެވެ.

ވެލަންޓައިންސް ދުވަހު އަޅުގަނޑުމެންގެ ސަރަހައްދު ހިނގި ބައެއް ޚާއްސަ ކަންތައް ތަކުގެ ތެރޭގައި ޑަޗުންގެ ގަވރުނަރ ފަލްކް އާއި ކެންޑީގެ ރަސްގެފާނު ކީރިތިސިރި ރާޖަ ސިންގ އާއި ދެމެދު 1766 ވަނައަހަރު ކުރެވުނު ބަޓީކަލޯގެ އެއްބަސްވުމާއި 1942 ވަނައަހަރު ޕާސިރު ޕަންޖަންގް ގައި ހިނގަމުންދިޔަ 2 ވަނަ ބޮޑުހަނގުރާމައިގެ ހަރަކާތްތަކުގައި ސިންގަޕޯރ އަޅުވެތި ވުމާއި 1949 ވަނައަހަރު އިސްރާއީލުންގެ ކެނެސެޓްގެ ފުރަތަމަ ބައްދަލުވުން ބޭއްވުމާއި މާރޝަލް އައްޔޫބް ޚާނަކީ ޕާކިސްތާނުގެ ރައީސްކަމުގައި ހަމަޖެހިގެން ދިއުން ފަދަ އެތައް ކަމެއް ހިނގާފައިވާކަމަށް ތާރީޚުން އެނގެއެވެ.

މީގެ އިތުރުން ފާހަގަކުރެވޭ ބައެއް ހާދިސާތަކުގެތެރޭގައި ދަ ސަޓަނިކް ވަރސަސް ނެރުމާގުޅިގެން ސަލްމާނު ރުޝްދީ މެރުމަށާއި އަދި މަރާލަދިން މީހަކަށް އީރާނުގެ ރޫޙާނީ ލީޑަރ އާޔަތުﷲ ޚުމައިނީ ޢިއުލާނުކޮށް އިނާމް ހުށައެޅުއްވިކަމަށް ވަނީވެސް 1989 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. ދެކުނު އެފްރިކާގެ ރައީސް ޖެކަބް ޒޫމާ އިސްތިއުފާދެއްވީ 2018 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ އަދި މިސްރުގެ މިހާރުގެ ރައީސް އެ މަގާގުމައި 2034 އާހަމަޔަށް ހުރުން މިސްރުގެ ރައްޔިތުން މަޖިލީހުން ހުއްދަކުރީވެސް 2019 ފެބްރުއަރީ 14 ގައެވެ.

މިއީ 14 ފެބްރުއަރީގައި ހިނގާފައިވާ ކަމަށް ތާރީޚީ ގޮތުން އެނގެން ހުރި ބައެއް ހާދިސާތަކެވެ. އެކަމަކު މި ވެލަންޓައިންސް ދުވަހަކީ ކިހެނެއް އައި ދުވަހެއްކަން އެނގޭކަށްނެތެވެ. އެވާހަކައިގާ ބުނާ 3 ވެލަންޓައިންސްއަކީ 3 ފާދިރީ އެއްކަމަށާއި އެ 3 ފާދިރީންނަކީ އެއް ފާދިރީއެއް ކަމުގައިވެސް ބުނެފައިވެއެވެ. ކޮންމެ އަކަސް ލޯބިވެރިންގެ ދުވަހެއް ގައުމީ ފެންވަރުގައި އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވާނަމަ މި ގައުމުގައި ހިނގިކަމަށްބުނާ ދޮން ހިޔަލައާއި އަލިފުޅަށް ނޫނީ ބޮޑުތަކުރުފާނާއި ބާރަށު ރެހެންދި އަށް ނިސްބަތް ކޮށް ދުވަހެއް ފާހަގަ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ދިވެހި ވަންތަކަން ކުރިއަރުވަން މަސައްކަތްކުރުމަކީ ގައުމީ ރޫޙެއް ކަމުގައި ދެކެމާހިނގާށެވެ.

 

Loading

One Response

  1. އަޅުގަނޑުމެންގެ ގައުމަކީ ހުރިހާއެއްޗެއް ކަހަލަގޮތަކަށް ބޭރުން އެތެރެ ކުރަމުންގެންދާ ގައުމެކެވެ. އަމިއްލަ ފައިމައްޗަށްތެދުވެ އަމިއްލަވަންތަ ގޮތްތަކެއް ހޯދުމުގެ މަގުތައް އަބަދުވެސް އޮންނަނީ ވަރަށް ހަނިކޮށްފައެވެ. އެހެންވީމާ ލޯބިވެރިންގެ ދުވަހެއްވެސް ބޭރުންގެނެސްގެން ބޭނުންކުރުމުގެ މާބޮޑު މައްސަލައެއް ނެތެއް ނޫންހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް