ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ކަމޭނުހިތުމުގެ ސަބަބުން މާލެ ސަރަހައްދުގެ ގިނަ ބަޔަކު ޖޫރިމަނާ ކޮށްފިއެވެ. ކޮވިޑުގެ ދެވަނަ ރާޅެއް ރާއްޖެއަށް ބިންދާލާ ކޭސްތައް އިތުރުވާން ފެށުމުން، އެޅި އެންމެ މުހިންމު ދެފިޔަވަޅަކީ މާސްކު އެޅުން މަޖުބޫރު ކުރުމާއި، އަދި ރޭގަނޑު 10 އަކާއި ފަތިހު 5އަކާއި ދެމެދު ބޭރުގައި އުޅުން މަނާ ކުރުމެވެ. މިފިޔަވަޅުތައް އަޅާ އެކަން އަންގައިފާވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ހަމަ އެއާއިއެކު މިފިޔަވަޅުތަކަށް ކަމޭނުހިތާނަމަ ފިޔަވަޅު އަޅާނެކަން ވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިހާތަނަށް ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ޖުމްލަ 527 މީހަކު ޖޫރިމަނާ ކުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ބައްދަލުވުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމްވަނީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާސްކް ނާޅާ އުޅުނު 63 މީހަކަށް ނަސޭހަތް ދިން ކަމަށާއި، 40 މީހަކު ޖޫރިމަނާ ކުރިކަމަށް ވިދާޅުވެފައެވެ. އަދި މަނާގަޑީގައި ބޭރުގައި އުޅެގެން 187 މީހަކަށް ނަސޭހަތްދީ އަދި 83 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
މާސްކް ނާޅާ އުޅުމުގެ ސަބަބުން ޖުމްލަ 1896 ފަރާތަކަށް ނަސޭހަތްދީ، 591 ފަރާތެއް ޖޫރިމަނާ ކުރިކަންވެސް ފުލުހުންގެ ފަރާތުން ވަނީ މިބައްދަލުވުމުގައި ހާމަކޮށްފައެވެ. އަދި މަނާ ގަޑީގައި ބޭރުގަ އުޅުނު 1065 މީހަކަށް ނަސޭހަތްދީ 527 މީހަކު ޖޫރިމަނާ ކުރިކަމަށް ފުލުހުން ހާމަ ކުރިއެވެ.
ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ހެދިފައިވާ އުސޫލުތަކަށް ބޯލަނބައި، އެހްޕީއޭގެ އިރުޝާދުތަކަށް ތަބާވުމަށް ކެނޑިނޭޅި ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.