8-2 ގެ ނަތިޖާއިން ބާސާ ލަދުގަންނުވާލާ، ބަޔާން ސެމީއަށް!

Loading

Facebook
Twitter
WhatsApp

ރޭ ކުޅެވުނު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލް މެޗުގައި 8-2 އިން ބާސެލޯނާ ބަލިކޮށް ބަޔާންމިޔުނިކް ފަސޭހަކަމާއި އެކު ސެމީއަށް ދަތުރު ކޮށްފިއެވެ.

މެޗް ފަށައިން މާއިރުތަކެއް ނުވެ މެޗްގެ ހަތަރުވަނަ މިނިޓުގައި ބަޔާންގެ ތޯމަސް މުލާވަނީ އެޓީމަށް ގޯލެއް ކާމިޔާބު ކޮށްދީ ލީޑް ނަގައިފައެވެ. ނަމަވެސް މެޗްގެ 7 ވަނަ މިނިޓުގައަ ބަޔާންގެ އަލާބާ އަތުން ބައިކޮޅަށް ވަތް ގޯލާއިއެކު މެޗްގެ ނަތީޖާ ހަމަހަމަ ވިއެވެ. އޭގެ ފަހުން ބަޔާންއިން ކައިރި ކައިރީގައި ތިންގޯލް ކާމިޔާބުކޮށް އަނެއްކާވެސް ލީޑް ފުޅާ ކުރިއެވެ. މި ތިންގޯލް ކާމިޔާބު ކޮށްދިނީ ޕެރިސިޗް، ގްނާބްރީ އަދި ތޯމަސް މުލާއެވެ. ފުރަތަމަ ހާފް ނިމުން އިރު ބަޔާން އޮތީ 4-1 ނަތީޖާއަކުން ބޮޑު ލީޑެއްގައެވެ.

ދެވަނަ ހާފް ފަށައިން މާގިނަ އިރުތަކެއް ނުވެ ބާސެލޯނާގެ ފޯވާޑް ޝުއަރޭޒް ގޯލެއް ކާމިޔާބުކޮށް ލީޑް ހަނި ކުރިއެވެ. ނަމަވެސް އަނެއްކާވެސް ބަޔާންއިން އެޓީމުގެ އެޓޭކިން ގޭމް ކުޅެންފަށާ ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން 63 ވަނަ މިނެޓުގައި އަނެއްކާވެސް ބަޔާންގެ ކިމިޗް ގޯލެއް ކާމިޔާބުކޮށް ނަތީޖާ 5-2 އަކަށް ބަދަލު ކުރިއެވެ. ދެން ފެނިގެންދިޔައީ މުޅި ގޭމް ބަޔާންގެ ކޮޅަށް އެނބުރިގެން ދިޔަ ތަނެވެ. ބަޔާންގެ އެންމެ ތަޖުރިބާހުރި އެއް ކުޅުންތެރިޔާ ލެވަންޑޯސްކީ 82 ވަނަ މިނެޓުގައި ގޯލެއް ޖަހާ ނަތީޖާ 6-2 އަކަށް ބަދަލު ކޮށްލިއެވެ. ބަޔާންގެ ފަހު ދެގޯލް 85 އަދި 89 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކުޓީނިއޯ އެވެ.

މިމެޗަށްފަހު ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ބާސާގެ ކުޅުންތެރިންށާއި މެނޭޖްމަންޓަށް އަމާޒުވެފައެވެ. ބާސެލޯނާގެ ކޯޗް އަވަސް މުސްތަޤުބަލެއްގައި ބަދަލު ކުރާނެކަމުގެ ވާހަކަތަކެއްވެސް ދަނީ ދެކެވެމުންނެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުރިޔަށްދާ ޔޫސީއެލް ނޮކްއައުޓް ސްތޭޖް މެޗްތަކު ތެރެއިން ރޭ ކުޅެވުނީ ކުއާޓާ ފައިނަލްގެ 3 ވަނަ މެޗެވެ. މިހާތަނަށް ޕީއެސްޖީ، ލެއިޒްޕީގް އަދި ބަޔާން އިން މިވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ. ސެމީ ފައިނަލްގައި ބަޔާން ނިކުންނަން ޖެހޭނީ މިރޭ ކުޅެވޭ ކުއާޓާ ފައިނަލްގެ ފަހު މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިރޭގެ މެޗުގައި ބައްދަލު ކުރާނީ މެންޗެސްޓަރ ސިޓީ އަދި ލިޔޯން އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް