ޓެރަރިޒަމް ހުއްޓުވުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި

Loading

Facebook
Twitter
WhatsApp

 

ޓެރަރިޒަމަށް ހިތްވަރުދީ ކުރާ ކަންކަން ހުއްޓުވޭނެ ގޮތްތަކާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު މަޝްވަރާ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް އިންނެވީ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. ރާބިތާގެ ފަރާތުން އިސްކޮށް އިންނެވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އެވެ.

މިބައްދަލުވުމުގައި ވަނީ މުޖުތަމައުން ފެންނަމުން އަންނަ ހަރުކަށިފިކުރުގެ އަމަލުތަކާއި ޓެރަރިޒަމަށް ހިތްވަރުދީ ކުރާ ކަންކަން ހުއްޓުވޭނެ ގޮތްތަކުގެ މަޝްވަރާތައް ކުރައްވާފައެވެ.

އަދި ދީނީ އިލްމު ކުރިއަރުވަން ތައުލީމީ ދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުންނާއި އިސްލާމް ދީނަކީ މެދުމިނުގެ ދީނެއް ކަމަށް އަންގައިނުމުގެ ގޮތުން ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމަށް ވެސް މަޝްވަރާކުރައްވާފައިވެއެވެ.

އަދި މީގެ އިތުރުން މި މަޝްވަރާ ބައްދަލުވުމުގައި އިސްލާމީ ބައެއް ގައުމުތަކުގެ ހާލަތާ މެދުވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން މިއަންމާގެ ރޮހިންޔާގެ މުސްލިމުންނާއި ގުޅޭގޮތުންނާއި ފަލަސްތީންގެ ރައްޔިތުން މިނިވަން ދައުލަތެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށް ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނަރަލް ރާއްޖެ ވަޑައިގެން އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއާ ބައްދަލުކުރައްވާފަ އެވެ. އަދި ރައީސް ވަނީ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ރާބިތާގެ ސެކްރެޓަރީ ޖެނަރަލް އަށް އަރުއްވާފައި ވެއެވެ.
ރައީސް އޮފީހުން ބުނީ މި އިއްޒަތް އެމަނިކުފާނަށް އެރުވީ ދިވެހިރާއްޖެއާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރެއްވުމަށް، ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން  ކަމަށެވެ.ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ މީލާދީން 1585 އިން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާން އިބްރާހީމް ކަލާފާނަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް