7 ފެބުރުއަރީ 2012: ކޮން ބަޣާވާތެކޭ ކިޔާކަށް؟

Loading

Facebook
Twitter
WhatsApp

ދިވެހި ބަހުން ކުށެއް ނެތި ”ބަޣާވާތޭ“ ކިޔަން ނޭނގޭ މީހުން އަނގަފުޅާކޮށްފައި ”ބަކާވާތޭ“ ކިޔަމުންދާއިރު ރައީސް ނަޝީދު އެމްޑީޕީ މީހުންނަށް ދޯކާދެއްވައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވި ފިނޑި އަމަލަކީ ”ބަޣާވާތަކަށް ވާނެ“ ހަމަ އެއްވެސް ހަމައެއް ލަމައެއް ގަވައިދެއް ގާނޫނެއް މިދުނިޔެއަށް އަދި އުފަންވެފައެއް ނުވެއެވެ. ހަމައެގޮތަށް ރައީސް ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވީ ”ހަމަހޭގައި“ ހުންނަވައިގެންކަން ނުވަތަ މަސްތެއްގައި ހުންނަވައިގެންކަން ވެސް ސާބިތުކުރެވިފައެއް ނުވެއެވެ. އަދި ބަޑިއެއް ފިސްތޯލައެއް ރައީސް ނަޝީދަށް އަމާޒުކޮށްގެން ނުވަތަ ވިއްދައިގެން ކަމެއްވެސް ސާބިތުކުރެވިފައެއް ނުވެއެވެ. ނަމަވެސް ރައީސް ނަޝީދު އެތައް ބައެއްގެ ކުރިމަތީގައި ހުންނަވައި ލިއުއްވި އިސްތިއުފާގެ ސިޓީ ފެންނާން އެބައޮތެވެ. އެ ސިޓީގައި ރައީސް ލިއުއްވާފައިވެއެވެ.

”ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން އަޅުގަނޑު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުން ވެދާނެ ކަމަށް އަޅުގަނޑަށް ފެންނަކަމުން އިސްތިއުފާ ދީފީމެވެ.“

ރައީސް ނަޝީދު އަމިއްލަ އަތްޕުޅުން ލިއުއްވި އިސްތިއުފާގެ ސިޓީ

އަމިއްލަ އަތްޕުޅުން ލިއުއްވި ސިޓީގައި ތާރީޚު ޖައްސަވައި ނަންޖައްސަވައި ސޮއިކުރެއްވީ ރައީސް ނަޝީދެވެ.

އެވަރުން ވެސް ކިޔަންވީ އެއީ ބަޣާވާތެކޭ ހެއްޔެވެ؟

ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން ކެބިނެޓުގެ މިނިސްޓަރުންގެ ހާޒިރުގައި މީޑިއާގެ ކުރިމަތީގައި ވަގުތުން މެންދުރު 12.57 ގައި ރައީސް ނަޝީދު އަމިއްލަފުޅަށް ވިދާޅުވިއެވެ.

”بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

السَّلَامُ عَلَيْكُمْ

‎އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސްކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންތަކެއް ވެދާނެކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން.

އަޅުގަނޑަކީ އެއްވެސް އިރެއްގައި ބާރުގެ ބޭނުންކޮށްގެން ވެރިކަން ކުރުމަށް އެދޭ މީހެއްނޫން.

އަޅުގަނޑު ދުށްގޮތުގައި އަޅުގަނޑަށް ފެނުނު ގޮތުގައި ސަރުކާރު ދަމަހައްޓަން ވެއްޖެނަމަ، ނުހަނުބޮޑަށް ބާރުގެ ބޭނުންކުރަންޖެހި އެތައް ރައްޔިތުންނަކަށް ގެއްލުންވާނެކަމަށް އަޅުގަނޑަށް ހިތުގެ އަޑިން ގަބޫލުކުރެވޭތީވެ އަޅުގަނޑު މި ނިންމުން ނިންމީ. ހަމައެއާއެކުގައި އަޅުގަނޑަށް ފެނުނުގޮތުގައި ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތްކޮށްފިނަމަ ރާއްޖެއަށް ބޭރުގެ ނުފޫޒުތައް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށްވާތީވެ، މި ގައުމަށާއި މި ރާއްޖޭގެ ރައްޔިތުންނަށް

އަޅުގަނޑު އަބަދުވެސް ހެޔޮ އެދޭތީވެ އަދި ކުރިއަށް އޮތްތަނުގައި ވެސް ނުހަނު ހެޔޮއެދޭތީވެ، އަޅުގަނޑު މިއަދު މިނިންމީ ވަރަށް ހެޔޮހިތުން އިޙުތިރާމާއެކު ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ ނުހަނު ބޮޑު ތާއީދާއި އަޣުލަބިއްޔަތު ހަނދާންކޮށް، އެ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި އަޅުގަނޑު މި ރާއްޖޭގެ ރައީސްކަމުން އިސްތިއުފާދިނުން.

އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ނުހަނު ޝުކުރު ދަންނަވަން. އެ ރައްޔިތުން އަޅުގަނޑާއެކުގައި މިދިޔަ ތިން އަހަރު ދުވަހު ނުހަނު ބުރަ މަސައްކަތް ކުރައްވައިފި. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު ދެކޭ ގޮތުގައި އެ މަސައްކަތްތަކުން މި ރާއްޖޭގެ ރައްޔިތުންނަށާއި މި ރާއްޖެއަށް ނުހަނު ފައިދާ އަދި މަންފާވެސް ކޮށްފި.

އަޅުގަނޑު އެދެނީ ރާއްޖޭގައި އަބަދުވެސް ޑިމޮކްރެޓިކް ހަމަތައް ގާއިމުވެފައި އޮތުން. އަޅުގަނޑު އެދެނީ ރާއްޖޭގައި އަބަދުވެސް އިންސާފު ގާއިމުވެފައި އޮތުން. އަޅުގަނޑުގެ އަބަދުވެސް ބޭނުމަކީ މި ރާއްޖެއަށް ތަރައްގީއާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުން.

އަޅުގަނޑު އުއްމީދު ކުރަނީ މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭނެކަމަށް. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.“

ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން ލައިވްކޮށް ވިދާޅުވެދެއްވަނީ

ގައުމާ މުޚާޠަބު ކުރައްވައި ރައީސް ނަޝީދު ލައިވްކޮށް ދެއްކެވި ވާހަކައިގައި ވެސް ބިރުދެއްކުމެއް ބަޑި ދިއްކުރުމެއް ފިސްތޯލަ ވިއްދުމެއް އަދި ވަކި ޝަރުޠެއްގެ ވާހަކައެއް ވިދާޅެއް ނުވެއެވެ. އެކަމަކު ދެންވެސް ކިޔަންވީ ”ބަކާވާތޭ، ބައާވާތޭ، ބަޣާވާތޭ،“ ހެއްޔެވެ؟

ހަތަރު ފަސްމީހަކު ރައްޔިތުންގެ މަޖިލިސްތެރޭގައި ”ބަކާވާތެކޭ، ބައާވާތެކޭ“ ކިޔަސް ތާރީޚު އޮޅުވައެއް ނުލެވޭނެއެވެ.

ރައީސް ނަޝީދުގެ އިސްތިއުފާއަކީ ”ބަޣާވާތެއް“ ކަމަށް ސާބިތުކޮށްދޭން އެމްޑީޕީންނާއި ރައީސް ނަޝީދު 8 ފެބުރުއަރީ 2012 އިން ފެށިގެން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ގާނޫނީ ގޮތުން އެ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. އެކަމުގެ ހެއްކެއް ގަރީނާއެއް ނުލިބުނެވެ. ނުވެސް ފެނުނެވެ. އެމްޑީޕީން ބޭނުންވީ ގޮތަށް ”ކޮމިޝަން އޮފް ނެޝެނަލް އިންކްއަރީ“އެއް އުފައްދައިގެން ކުރި މަސައްކަތުން ހާމަވީ ރައީސް ނަޝީދު އިސްތިއުފާދެއްވުމުގައި ބަޣާވާތަކާ ގުޅޭ އެއްވެސް ކަމެއް ހިނގާފައި ނެތްކަމެވެ.

ފެބްރުއަރީ 7، 2012 އާ އަމާޒުކޮށް ރައީސް ނަޝީދާ ދެކޮޅަށް ކޫ ޑެޓާއެއް ގެނައުމަށް އެއްވެސް ކަހަލަ ”ރޭވުމެއް“ އޮވެދާނެތޯ ބަލާއިރު، އެކަން އެމްއެންޑީއެފްގެ އޮފިސަރަކު މައްސަލަ ތަހުގީގު ކުރި ކޮމިޝަނަށް ބަލައިގަނެވޭގޮތަށް ކޮމިޝަންގައި ހެކިބަސްދިނުމުގައި ހެކީގެ ގޮތުގައި ކިޔައިދީފައި ވެއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ސިފައިންނަށް އިރުޝާދު ދެއްވަނީ

”އެއީ ރޭވުމެއްކަމުގައި ވާނަމަ، އެކަން ރޭވުމުގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެއީ މިހުރިހާ ހާދިސާއެއް ހިނގުމަށް މެދުވެރިވީ، ރައީސް ނަޝީދުގެ އަމަލުތަކެވެ. ފުލުހުންނާއި އެމްއެންޑީއެފް މީހުން އާޓިފިޝަލް ބީޗުން ގެންދިއުމަށް ރައީސް ނަޝީދު ނިންމެވި ނިންމެވުމަކީ މި ހުރިހާ ކަމެއްގެ ފެށުމެވެ. ނުވަތަ ހުރިހާ ކަމެއް ހިނގަން ދިމާވި ސަބަބެވެ. އަދި އެކުރައްވަން ބޭނުންފުޅުވި ކަމެއް ކުރެއްވުމަށްޓަކައި ސިފައިން އަޅާފައިވާ ކޯޑްން ނެގުމަށް ނިންމެވީމާ، ކޯޑްންކޮށްފައި އޮތް ހިސާބަށް އެމްޑީޕީ މީހުންނަށް އައިސް، ކުރަން ބޭނުންވާ ކަމެއް ކުރުމަށް ފުރުސަތު އެމީހުންނަށް ލިބިދިނެވެ. އަޅުގަނޑަށް ހީވަނީ، އެމީހުން އުޅުނީ މައްސަލަ ހައްލުކުރަން ކަމަށެވެ. އެކަމަކު ފުލުހުން އެމީހުންނަށް ހަމަލާ ދިނީއެވެ. އެކަމަކު ކޯޑްން ނެގުމަށް އެ ނިންމި ނިންމުން އަދި އެހެން އިތުރުކަމެއް ނުކޮށް ތިބުމަށް ނިންމި ނިންމުން، އަދި ފުލުހުންނަށް ހަމަލާ ދިނުމަށް ދޫކޮށްލުން އަދި ބޭރުގައި އެހާ ކްރިޓިކަލް ވެފައި އޮތް ދަނޑިވަޅެއްގައި އެމްއެންޑީއެފްގެ ހުރިހާ އެންމެން މައިމަރުކަޒަށް ވެއްދުން، މި ހުރިހާ ނިންމުންތަކަކީ ރޭވުމެއްކަމަށްވާނަމަ، އެ ހުރިހާ ނިންމުމެއް ނިންމި ފަރާތަކީ އެ ރޭވުންތައް ރޭވުމުގައި ހިމެނުނު މީހެކެވެ. އެ ދުވަހު ހިނގާދިޔަ ގިނަ ކަންތައްތަކަކީ އޭގެ އަމިއްލަ އިޚުތިޔާރުގައި ކުއްލިޔަކަށް ހިނގާދިޔަ ކަންތައްތަކެކެވެ. އެއަކު އެއްވެސް ސުއާލެއް ނެތެވެ. އެކަމަކު ސަރުކާރު ބަދަލުކުރުމަށް ވެރިކަމުން ދުރުކުރުމަށް ޕްލޭންތަކެއް ނެތްކަމަށް އަޅުގަނޑު ނުދަންނަވާނަމެވެ. 2003 އިން ފެށިގެން 2008 ގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް ފެނުނީ، ކޮންމެ ދުވަހަކު ވެސް ސަރުކާރު ބަދަލުކުރުމަށް ޕްލޭންތައް ކޮށްގެން މީހުން މަސައްކަތް ކުރަމުންދިޔަތަނެވެ.“

ދެންވެސް ކިޔަންވީ ”ބަކާވާތޭ، ބައާވާތޭ، ބަޣާވާތޭ،“ ހެއްޔެވެ؟

ރައީސް ނަޝީދު އިސްތިއުފާ ދެއްވި ހާދިސާ ތަހުގީގު ކުރަން އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓުގައި ވަނީ ގާނޫނާ ޚިލާފު މަޖުބޫރު ކުރުވުމެއް ނުވަތަ ބިރުދެއްކުމެއް ނުވަތަ ކޫ ޑެޓާއެއް ރައީސް ނަޝީދު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުން އިސްތިއުފާ ދެއްވުމުގައި ހިމެނިގެން ނުވާކަމަށެވެ. އަދި އެ ތުހުމަތު ތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް ވެސް ލިބިފައި ނުވާކަމަށެވެ.

އެކަމަކު ދެންވެސް ކިޔަންވީ ”ބަކާވާތޭ، ބައާވާތޭ، ބަޣާވާތޭ،“ ހެއްޔެވެ؟

ރައީސް ނަޝީދުގެ އިސްތިއުފާއަކީ ރޭވުންތެރިކަމެއް ހިންގުންތެރިކަމެއް ނެތުމުގެ ސަބަބުން ކުރިމަތިވި ފިނޑި އަމަލެކެވެ. އެކަމުގެ ސަބަބުން އެމްޑީޕީ މަގުމަތިވިއެވެ. އެކަމުގެ ޒިއްމާ ރައީސް ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ތާރީޚު ތާއަބަދަށް ހެކި ދީދީ އޮންނާނެއެވެ.

 

Loading

2 Responses

  1. ހަމަ ތެދެކެވެ. ކޮންމެ މީހަކަށް ގައުމެއްގެ ވެރިކަމެއް ނުކުރެވޭނެއެވެ. ދޮގާއި މަކަރާއި ޙީލަތުން ވެރިކަން އަތުލެވިދާނެއެވެ. ނަމަވެސް ގައުމެއް ބިނާކޮށް ގައުމެއްގެ ރައްޔަތުންގެ މެދުގައި ހަމަހަމަކަމާއި އެކު ވެރިކަންމެއް ނުކުރެވޭނެއެވެ. އެެހެނީ ކޮންމެ ކަމަކީވެސް އެކަމެއްގެ ޢިލްމާއި، ޙިއްލުމުގެ އިތުރުން ތަޖުރިބާ ތަކެއް ލިބިފައިވާ މީހަކަށްވާން ޖެހޭނެއެވެ. އެނޫނީ ރެވިތެޔޮ ހޭކީމާ ވަހެން ވެގަނެގެން އުޅެގަނެގެން އެންމެފަހުން ވެރިކަން ޙަވާލުކުރި މީހުން މަގުމަތިވެގެން ނިމިދާނީއެވެ. އިންޑިޔާ ސިފައިން ގެނަސް ބަންކަރުޖަހައިގެން މުލީއާގޭ ކިބަޅިފަރާތުގައި ބައިތިއްބައިގެންވެސް އެފަދަ ވެރިކަމެއް ދަމަހަށްޓަން އުނދަގުވާނެއެވެ. ދެރައީ އޭރުއެހެނެކިޔާފަ އިސްތިޢުފާދީފާ މިހާރު އިންޑިއާ މީހުންލައްވާ ރައްޔަތުން ފުނޑާލައިގެން ނަމަވެސް ވެރިކަން ދަމަހަށްޓަން ރޭވީތީއެވެ. ރޮކެޓް ސައިންސް ދައްކާގޮތުންވެސް ދެން މިރާއްޖޭގެ ވެރިކަމެއް އަންނި އަކަށް ނުކުރެވޭނެ ކަމަށް ދައްކައެވެ. ދެން އޮތީ އަހަރެއްހާ ދުވަސްތާއެވެ. ބަލަން އެބަތިބީމެވެ.

  2. ތި ރިޕޯޓަށް އިތުރުކޮށްލާ. ކޯނީ ރިޕޯޓްގައި މީނާ ވަނީ ބަޢާވާތެއް ނޫންކަމަށް ސޮއިކޮށް އެއްބަސްވެފައެވެ. ޕާތީ ބޮޓުންކޮޅަށް ކާންދީގެން ގޭމް ޖެއްސުން ނޫންކަމެއް ނެތެވެ. އެންމެ މޮޅަށް ކުރަން ދަންނަކަމަކީ ގެމް ޖެއްސުމެވެ. މިހާރު އެއްކަލަ ބާޣީން ގާޒީންނަށްވެސް ވީ ނޫންތޯއެވެ. އިމްރާނު. ނާޒިމު ސޯ، މައުމޫން، ގާސިމު މިހާރު ކޯލިޝަން ޕާޓުނަރުން. އިއްޒަތްތެރިން. ދެން ކޮން ބާޣީނެކޭ ގޮވާ މީހުން މޮޔަހަށްދަންތޯއެވެ. ބޭނުން ފުއްދާލުމަށް ބާޣީ ވެސް ގާޒީއަކަށް. މީ ދެން ކިހާބޮޑު އޮޅުވާލުމެއްތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް