ކޯވިޑް19 އާއި ގުޅިގެން އެކެޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އައު އެކެޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީއިން އާންމު ކޮށްފިއެވެ.
ކޯވިޑް19 ގެ ސަބަބުން މިއަހަރު ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ކިޔަވައިދިނުމަށްޓަކާ މިއަހަރުގެ ދެވަނަ ޓަރމުގެ ކިޔެވުން މިއަންނަ 2021 ވަނަ އަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހު ފެށުމަށް މިވަނީ ހަމަ ޖެހިފައެވެ. ހަމަ އެއާއިއެކު އެޓަރމުގެ މިޑް ޓަރމް ބްރޭކް ލިބޭނީ މާރޗް 7-11 އަށެވެ. ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ މޮކް އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 21 މަރޗުން 1 އޭޕްރީލަށެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް ޗުއްޓީ ލިބިގެން ދާނީ 27 ޖޫނުން 8 އޯގަސްޓަށެވެ. އަދި އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ އޯގަސްޓް 10ވަނަ ދުވަހުގައެވެ.
މިއަހަރު ގްރޭޑް 11 ނިންމާ ދަރިވަރުންގެ އިމްތިހާނު ކޮވިޑާއި ގުޅިގެން ލަސްވެ، އޮކްޓޯބަރގައި އިމްތިހާނު ބާއްވަން ހަމަ ޖައްސާފައިވާއިރު، މޮކް އިމްތިހާނު ބޭއްވުމަށް ތާވަލު ކޮށްފައިވަނީ ސެޕްޓެމްބަރ 6 ވަނަ ދުވަހުއެވެ.
މިހާލަތުގައި ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ސްކޫލްތަކުން ދަނީ އޮންލައިން ކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
ނަމަވެސް އޮންލައިން ކްލާސްތަކުން މާއެދެވޭ ނަތީޖާތަކެއް ނިކުންނަމުން ނުދާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.