އިންޑިޔާ ސަރުކާރުން ރާއްޖެއަށް 700މިލޔަން ޑޮލަރަށް ވުރެން ބޮޑު އަދަދެއްގެ ފައިސާގެ އެހީ ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑު19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް އިންޑިޔާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު ދީފިއެވެ. ބަޖެޓް ސަޕޯޓުގެ ގޮތުގައި މިދިން 250 މިލިއަން ޑޮލަރުގެ އިތުރުން އިންޑިޔާ ސަރުކާރުންވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތަށް 500 މިލިއަން ޑޮލަރުވެސް ރާއްޖެއަށް ދީފައެވެ. މީގެ ތެރޭގައި ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ދިން ފައިސާ ހިމެނޭކަމަށް ވާހަކަތައް ދެކެވޭއިރު މިފައިސާއާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފައެއް ނުވެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އިންޑިޔާ ސަރުކާރުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. މިކަން ރައީސް ހާމަކުރައްވައިފަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރު ދިންކަން ހާމަކުރައްވާފައިވަނީ މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ.އެސް ޖޭޝަންކަރާއިއެކު ޑިޖިޓަލް ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

ގްރޭޓަރ މާލެ ކަނެކްޓްވިޓީ ބްރިޖުގެ މަޝްރޫޢަށް އިންޑިޔާ ސަރުކާރުން ދިން 500 މިލިޔަން ޑޮލަރު ދީފައިވާއިރު، މިމަޝްރޫޢަށް އިންޑިޔާ ސަރުކާރުން އެހީވާނެކަމަށް ކުރިންވެސް ސަރުކާރުންވަނީ ހާމަ ކުރައްވައިފައެވެ.

އިންޑިޔާ ސަރުކާރުންވަނީ ކޮވިޑު19 އާއި ގުޅިގެން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންތަކެއް ރާއްޖެ ގެނެސްދިނުމާއި، ބޯޑަރުތައް ބަންދުކޮށްފައި ހުރިއިރު ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ލިބޭނެ ގޮތްވަނީ ހަމަޖައްސަވާ ދެއްވައިފައެވެ. އަދި އިންޑިޔާގެ މެޑިކަލް ޓީމެއް ރާއްޖެ އައިސް، ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައިވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮތް އިރުވެސް ކޮންމެހެން ބޭސްފަރުވާއަށް ދާންޖެހޭ ދިވެހިންނަށް އިންޑިޔާއަށް ދެވޭނެ މަގުވެސް ވަނީ އިންޑިޔާ ސަރުކާރުން ހަމަޖައްސަވައި ދެއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް