އިދިކޮޅު މައި ޕާޓީ، ޕީޕީއެމް 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
ޕީޕީއެމް ޖޫރިމަނާކޮށްފައި ވަނީ އެޕާޓީ އިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާގޮތުގައި ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް އެރިޕޯޓު ހުށަހަޅަން ވާނެއެވެ. ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ކުރިއަށް ގެންދަން ޖެހޭގޮތް މި ގާނޫނޫގައި ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓާ ވަނީ ބަޔާންކޮށްފައެވެ.
ޖޫރިމަނާ ކުރެވިފައިވާ ފައިސާ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެޕާޓީއަށް ވަނީ އަންގާފައެވެ.
2013 އަދި 2018 ވަނަ އަހަރު ވެސް ޕީޕީއެމުން މާލީ ކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފުވެފައި ވާތީ އިލެކްޝަން ކޮމިޝަނުން ވަނީ އެޕާޓީއަށް ނަސޭހަތްތެރި ވެފައެވެ.