ނިއުޒީލެންޑުގައި ކޮވިޑް ފެތުރުން ހުއްޓުމުމަށް އަޅާ އައު ފިޔަވަޅުތަކެއް އިއުލާން ކުރެއްވުމަށްފަހު ބޮޑުވަޒީރު
ޖެސިންޑާ އާޑަން އެކަމަނާގެ އަމިއްލަފުޅު ކައިވެނީގެ ރަސްމިއްޔާތު ވެސް ކެންސަލް ކުރައްވައިފިއެވެ.
ނިއުޒީލެންޑުން ކޮވިޑްބަލީގެ އައުވޭރިއަންޓް އޮމިކްރޮންގެ އައު ކޭސް ތަކެއް ފެނިފައި ވުމާއެކު މުޅި ގައުމަށް ވަނީ ކަންބޮޑުވުން ފެތުރިފައެވެ.
އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އާންމު އެއްވުންތައް އެންމެ ގިނަވެގެން ބޭއްވޭނީ ވެކްސިން ޖަހާފައިވާ ސަތޭކަ މީހުންނަށެވެ. އަދި ފިހާރަތަކަށް ދިއުމުގައްޔާއި ބަސް، ރޭލް ފަދަ އާންމު ދަތުރުފަތުރު ގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. ސްކޫލްތަކުގައި ވެސް އުމުރުން ހަތަރު އަހަރުން މަތީގެ ހުރިހާ ކުދިން މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.
ނިއުޒީލެންޑްގައި މިހާތަނަށް ކޮވިޑު-19ގެ 15,104 ކޭސް ރިކޯޑް ކޮށްފައިވެއެވެ. އަދި މަރުވެފައިވަނީ 52 މީހުންނެވެ.
އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޖެސިންޑާ އާޑަން ވިދާޅުވީ ޓީވީ ހޯސްޓް، ކްލާކް ގޭފޯޑް އާ އެކަމަނާ ކުރައްވަން އުޅުއްވި ކައިވެނިފުޅުވެސް، އައު ފިޔަވަޅުތަކާ ގުޅިގެން ދެން ކުރިޔަށް ނުދާނެ ކަމުގައެވެ.
ޖެސިންޑާ ވިދާޅުވީ އެކަމަނާއަކީ ވެސް ނިއުޒީލެންޑުގެ އެހެން މީހުންނާ ވަކި ތަފާތު ބޭފުޅެއް ނޫން ކަމަށާ
ނުހަނު ބަލިވެ އުޅޭ ހާލަތުގައިވެސް އާއިލާގެ މީހުންނާ ބައްދަލު ކޮށް އެހީތެރިވުމަށް އެމީހުން ގާތަށް ނުދެވޭ ގޮތަށް އޮތުމުން އެތައް ހާސްބަޔަކު ކުރަމުންދާ ހިތަމާޔާ އަޅާބަލާއިރު، ކައިވެނިފުޅު ކެންސަލްވުމުން އެކަމަނާޔަށް ލިބިވަޑައިގަންނަވާ ހިތާމަ އެއީ އެއްވެސް އެއްޗެއް ނޫން ކަމުގައެވެ.
ނިއުޒިލަންޑްގައި އަލަށް އެޅުނު ފިޔަވަޅުތަކަށް އަމަލު ކުރަން ފެށީ އާދީއްތަ ދުވަހުގެރޭ ދަންވަރު ބާރަޖެހިއިރުއެވެ.
އެގަމުން ފެނިފައިވަނީ އޮމިކްރޯންގެ ނުވަ ކޭސް އެވެ.
ކޮވިޑްގެ ވަބާ ފެށުނު ހިސާބުން ފެށިގެންވެސް ނިއުޒިލަންޑުން އަންނަނީ ބަލި ކޮންޓްރޯކުރުމަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން މަދުކުރެވިފައެވެ.