އޭޝިއާ-އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ އަންހެން ސެނެޓަރެއް ކަމަށްވާ ކަމަލާ ހަރިސް، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރާ ކެނޑިޑޭޓް ޖޯ ބައިޑަންގެ ރަނިންމޭޓަކަށް ހަމަޖައްސައިފިއެވެ.
ރިޔާސީ ޕްރައިމަރީގައި ވެސް ބައިޑަން އާއި ވާދަކުރެއްވި އިންޑިއާ-ޖަމައިކާގެ އާއިލާއަކަށް ނިސްބަތްވާ ހަރިސް އަކީ ބައިޑަންގެ ނައިބަކަށް ހަމަޖައްސަވައިފާނެ ކަމަށް ކުރީން ވެސް ބެލެވުނު ފަރާތެކެވެ.
ނޮވެމްބަރ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބައިޑަން އާއި ރިޕަބްލިކް ޕާޓީން ވާދަ ކުރައްވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕް އެވެ. ޓްރަންޕްގެ ރަނިން މޭޓް އަދި މިހާރުގެ ނައިބު ރައީސް މައިކް ޕެންސް އާއި އެކު އޮކްޓޯބަރ 7 ގައި ރިޔާސީ ބަހުސަކަށް ހަރިސް ނިކުމެވަޑައިގަންނަވާނެއެވެ.
މިހާތަނަށް އެމެރިކާގައި ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ދެ އަންހެނުންނެވެ. އެއީ 2008 ވަނަ އަހަރު ރިޕަބްލިކަން ޕާޓީން ސާރާ ޕާލިން އަދި 1984 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީން ޖެރަލްޑީން ފެރާރޯ އެވެ. އެއިން އެއްވެސް ބޭފުޅަކަށް ނައިބު ރައީސް ކަމުގެ މަޤާމަށް ވަޑައިގެނަފައެއް ނުވެއެވެ.
ހަރިސް 55، ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި ވަނީ ޑިސެމްބަރ މަހު އެވެ. ހަރިސްގެ މަންމަ އަކީ އިންޑިއާ މީހެކެެވެ. ބައްޕަ އަކީ ޖަމައިކާ މީހެކެވެ. ހާވާޑް ޔުނިވާސިޓީން ޤާނޫނީ ދާއިރާއިން ކިޔަވައި ވިދާޅުވެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލްކަން ވެސް ވަނީ ކުރައްވާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ހަރިސް ޢިއުލާން ކުރެއްވީ މިދިޔަ އަހަރު ކުރީކޮޅު އެވެ. ނަމަވެސް ރޭހުގައި ކުރިއަށް ވަޑައިގެންނެވޭނެ ގޮތް ނުވުމުން ހަރިސް ވަނީ ބައިޑަން އެންޑޯޒް ކުރައްވާއިފައެވެ.
ނައިބު ރައީސް ކަމުގެ މަޤާމަށް އަންހެނަކު ހަަމަޖައްސަވާނެކަން ބައިޑަން އިއުލާން ކުރެއްވީ މާޗް މަހު އެވެ. ޓުވިޓާގައި ބައިޑަން ވިދާޅުވީ އެމަނިކުފާނުގެ ނައިބު ރައީސަކަށް ހަރިސް ހަމަޖެއްސެވުމަކީ ލިބިވަޑައި ގެންނެވި ޝަރަފެއް ކަމަށެވެ. އަދި ހަރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި އެމެރިކާ އެކަތިގަނޑަކަށް ހެދުމުގެ ޤާބިލުކަން ބައިޑަން އަށް ލިބިވަޑައިގެންފައިވާ ކަމަށާއި، ބައިޑަންގެ މުޅި ޙަޔާތް ވޭތުކުރައްވާފައި ވަނީ އެމެރިކާ އަށްޓަކައި ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ބައިޑަންގެ ނައިބް ރައީސަކަށް ހަރިސް ހަމަޖެއްސެވުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވވިދާޅުވެފައި ވަނީ ޕްރައިމަރީގައި ދެ ޕަސެންޓް ލިބުނު މީހަކަށް އެ މަގާމު ދިނުމުން ހައިރާންވެވަޑައިގަތް ކަމަށެވެ.