ކޮވިޑް19ގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުން ވެސް ހިމެނޭކަމަށް ވިދާޅުވުމުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ނިމުމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑްއާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި މަޖިލިސް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މެމްބަރުން ހޯއްދެވީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވައިގެން ފްރަންޓްލައިން އެލަވަންސްއެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މުސާރައިން އުނިކުރެއްވީ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި މަޖިލީހުގެ މެންބަރުން މަސައްކަތް ނުކުރެއްވިނަމަ ދައުލަތް ހިންގުމުގެ ނިޒާމުތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މެމްބަރުންގެ މަސައްކަތަށް ރައީސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނަމަވެސް މިމޭރުމުން ނަޝީދު ވާހަކަދައްކާފައިވާތީ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ފްރޮންޓްލައިންގައި މަޖިލީސް މެމްބަރުން އެއްވެސް ގޮތަކަށް މަސައްކަތް ކުރައްވާފައި ނުވާކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.