​​ކިންގް ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ފައިސާ ދޫކުރަން ނިންމައިފި!

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
​​ކިންގް ސަލްމާން މިސްކިތް ރޯދައަށް ހުޅުވަން ފައިސާ ދޫކުރަން ނިންމައިފި!

​ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

​ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދު ވިދާޅުވީ، ސަލްމާން މިސްކިތް ރޯދަ މަހަށް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް މިނިސްޓްރީން ފައިސާ ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ނަމަވެސް ފައިސާ ދޫކުރާ ތާރީހެއް ހާމަ ކޮށްފައެއް ނުވެއެވެ.

“ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެ” ލަމާން ވިދާޅުވިއެވެ.

​ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް، އަންނަ ރޯދަ މަހުގެ ކުރިން ހުޅުވާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް މީގެ ކުރިން ވިދާޅުވެފައެވެ.

​އެންމެ ފުރަތަމަ އެ މިސްކިތް ހުޅުވަން ނިންމީ މިއަހަރުގެ މާޗު މަހުގައެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިނިސްޓްރީން ވަނީ އެ ތާރީހުގައި މިސްކިތް ނުހުޅުވަން ނިންމާފައެވެ.

މިދިޔަ އަހަރުގެ ރޯދަމަހު އެ މިސްކިތް ހުޅުވުމަށް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް ވަސީލަތްތައް ގާއިމް ނުކުރެވޭތީ މިސްކިތް ވަނީ ނުހުޅުވިފައެވެ.

​ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ ޕްރޮޖެކްޓަށް ހުށަހަޅައިފައިވާ ކޯޓޭޝަންގެ އަގަކީ 1.6 މިލިއަން އެމެރިކާ ޑޮލަރުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

​މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނައިރު މިސްކިތުގެ ވަޒީފާއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. މިނިސްޓަރު ވެސް ފާހަގަ ކުރެއްވި އެކި މަސައްކަތްތަކަށް 30 ވަރަކަށް މުވައްޒަފުން ބޭނުންވެއެވެ. އެކަމަކު މި ވަގުތު ނަގަން ހަމަޖެހިފައިވަނީ 14 މުވައްޒަފުންނެވެ. އެއީ 10 ސަޕޯޓް ސްޓާފުންނާއި ހަތަރު ޓެކްނިކަލް މުވައްޒަފުންނެވެ.

​ކިންގް ސަލްމާން މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީން ވަނީ 14.5 މިލިއަން ޑޮލަރުގެ ހިލޭ އެހީދީފައެވެ. އަދި ބާކީ ބައި ހަރަދުކޮށްފައިވަނީ ސަރުކާރުންނެވެ.

ފަހުގެ އަޕްޑޭޓް