ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ކްރިމިނަލް ކޯޓްގައި ބުނެފި އެވެ.
ޔާމީންގެ މަންމަ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޔާމީނަކީ އިންސާކަށްވީތީ ދިރި ހުރުމުގެ ހައްގު ލިބެންވާނެ ކަމަށް ދެކި އެކަމަށް ވަކާލާތުގެ ކުރި މީހެއް ކަމަށެވެ.
އެހެން ކަމުން މި މައްސަލައިގައި ގިސާސް ހިފަން ބޭނުން ނުވާ ކަމަށާއި ނަމަވެސް މަރުގެ ދިޔަ ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
”އިންސާނަކަށްވީތީ ދިިރި ހުރުމުގެ ހައްގު ލިބެންވާނެ ކަމަށް ދެކި ވަކާލާތު ކުރި މީހެއް ޔާމީނަކީ، އެހެން ކަމުން ގިސާސް ހިފަން ބޭނުމެއް ނޫން“ ޔާމީންގެ މަންމަ ބުންޏެވެ.
2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޔާމިން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް އުމުރަށް ޖަލަށް ލައި، 1.3 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
މިއަދު ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ ޝަރީއަތުގެ މިހާ ހަމައަށް އައިރުވެސް ޔާމީންގެ ގާތިލުން އާއިލާގެ ކިބައިން މާފަށް އެދިފައިނުވާ ކަމަށެވެ. މާފު ކުރުމަކީ އިސްލާމްދީނުގައި އޮތް މަތިވެރި ސިފައެއް ކަމަށާ ނަމަވެސް ރާވައިގެން މިފަދަ ގޮތަކަށް މީހަކު މެރި ބަޔަކަށް މާފު ނުކުރެވޭނެ ކަމަށެވެ.
ޔާމީންގެ ބައްޕަ އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އޭނާގެ ދަރިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބޭނުން ވަނީ ދަރިފުޅު މަރާލި މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަމަށެވެ.