އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކި ދުވަސްމަތިން ކުޑަ އަންހެންކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ޝަރީއަތްނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ގއ. ދެއްވަދޫ ތިރުގެ، އިބްރާހިމް ނަދީމް ސާލިހު 32، އެވެ.
ނަދީމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން އޭގެ ދެ ދުވަސް ފަހުން ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ ހައްޔރުކުރުމަށްފަހު ބަންދާމެދު ގޮތެއްނިންމަން މިދިޔަ މަހު 25 ގައި ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކުރުމުން އޭރު 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އެ 15 ދުވަސް ހަމަވުމާއި ގުޅިގެން ދެ ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
އޭނާ ބަންދުކުރުމަށް ކުރި އަމުރުގައި ވަނީ މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި އިބްރާހިމް ނަދީމް ސާލިހު ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމަށް ކަމަށާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި އޭނާގެ މަށްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް އޭނާގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީ ބަންދުގައި ބަހައްޓަން ހުކުމް ކުރީ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފުނުވުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.
ކުޑަކުދިންނަށް ބިރުދައްކައި، ބްލެކްމެއިލްކޮށްގެން ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި އިްނޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުތިބުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ ގެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.