ސްރީލަންކާއިން ޗައިނާއަށް ދައްކަންޖެހޭ ލޯނު ދެއްކުމުގައި ލުއިގޮތްތަކެއް ހަދައި ދިނުމަށް ލަންކާއިން ޗައިނާގައި އެދެފިއެވެ. މިކަމަށް އެދިފައި ވަނީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ (ފޮޓޯ) ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ އާއެކު އާދިއްތަ ދުވަހު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
ފާއިތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއިން ސްރީލަންކާއަށް ފަސްބިލިއަން ޑޮލަރަށްވުރެގިނައިން ލޯނުގެ ގޮތުގައި ފައިސާ ދީފައިވެއެވެ.
އާދީއްތަ ދުވަހުގެ ބައްދަލު ވުމުގައި ރައީސް ގޮތަބަޔާ ރާޖަޕަކްސާ އެދިވަޑައިގެންނެވި އިތުރުކަންކަމުގެ ތެރޭގައި ޗައިނާގެ ޓުއަރިސްޓުން ލަންކާއަށް ފޮނުވުން އިތުރު ކުރުން ވެސް ހިމެނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާޔަށް މި ވަގުތު ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ހުކުރު ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެދެއްވުމަށް ނިންމަވާފައެވެ. ޗައިނާއަކީ ފާއިތުވި 50 ހަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް މުހިންމު އެހީތަކެއް ވެދީފައިވާ ގައުމެކެވެ.