ރާއްޖޭގެ ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ފެއިލު ވެފައި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ވެރިރަށް މާލެ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހަސްފަތާލުތަކުން އާންމު ބަލިތަކަށް މެނުވީ ގިނަ ފަހަރަށް ފަރުވާ ލިބުން އޮންނަނީ ދަތި ކަމަކަށްވެފައެވެ.

މާލެ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައި ދިރި އުޅެމުން އަންނަ އިރު ތޮއްޖެހިފައި ވާ މިފަދަ ބޮޑު އާބާދީ އާ އެކަށޭނެ މިންވަރަށް ޑޮކްޓަރުން ނެތުމަކީ މިސަރަޙައްދުގެ ސިއްހީ ދުޅަ ހެޔޮކަމަށް ހުރި ގޮންޖެހުމެކެވެ. ރާއްޖޭގެ އެތަން މިތަނުން ޑޮކްޓަރަށް ދައްކަން މާލެ އައިސް ކިޔޫގައި ތިބެން ޖެހުމުން އެރައްޔިތުންނަށް ކުރިމަތިވާ ސިއްހީ އަދި އިގުތިސާދީ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ހަމުގެ ބައްޔަކަށް ބޭސް ފަރުވާ ހޯދުމަށް ޓަކައި ފ. އަތޮޅު ފީއަލިން އައިސް ހުޅުމާލެ އިން ކޮޓތަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހަކު ބުންޏެވެ.

ހަމުގެ ބައްޔަކަށް ބޭސް ފަރުވާ ކުރަން ހުޅުމާލެ ހަސްފަތާލަށް ދިއުމުން ވިދާޅުވީ ހަމުގެ ޑޮކްޓަރު މިދުވަސް ކޮޅު ބަލި މީހުން ބައްލަވަން ނުފަށްޓަވާ ކަމުގައެވެ.

ހުޅުމާލޭގައި ވެސް ލައްކައަކާ ގާތް ކުރާ ޢަދަދަކަށް މީހުން ދިރި އުޅެމުން އަންނައިރު ޑޮކްޓަރަށް ދައްކަން އެތައް ސަތޭކަ މީހުން ނަން ނޯޓު ކޮށްގެން ކިޔޫގައި ތިބެން ޖެހިފައިވާ ކަން ދެނެހުރި ވެރިޔަކު ސަރުކާރަކު ނުއުޅުއްވައެވެ.

ފީއަލީ ރައްޔިތުމީހާ ބުންޏެވެ. ކުޑަކުޑަ ދެކުދީންނާއި އަނބިމީހާ ގޮވައިގެން ހަމުގެ ބައްޔަށް ފަރުވާ ހޯދަން އައިސް އުޅޭތާ މަހަކަށް ވުރެ ގިނަދުވަސް ވެފައި ވާއިރު މިހާތަނަށް ކޮޓަރިފީއާއި ކެއިން ބުއިމަށާއި އެހެނިހެން ކަންތައްތަކަށް 33000ރ ރުފިޔާ ޚަރަދު ވެއްޖެއެވެ. އަދިވެސް ހަސްފަތާލަކުން ނުގުޅައެވެ.

ފީއަލީ ރައްޔިތުމީހާ ބުންޏެވެ. މިސަރަޙައްދަކީ އާދަޔާ ޚިލާފަށް ބަލި ގިނަ ސަރައްދަކަށް ވުމުން ބަލިވާ ކޮންމެ ފަހަރަކު ކެޝުއަލްޓީއަށް ދެއްކުމުން ދެއްވާ ޓެސްޓް ހަދައި އެޓެސްޓް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް ބެއްލެވި ޑޮކްޓަރ ލަފާދެއްވިއެވެ. އެހެނަސް އެވިދާޅުވާ ޑޮކްޓަރަށް ދެއްކޭނީ ކިތައް މަސްދުވަހު މާލޭ ސަރަހައްދުގައި ހުރެގެން ކަމެއް ނޭނގެއެވެ.

މިސަރުކާރުގެ ވެރިންގެ ރިޔާސީ ވަޢުދުގެ ތެރޭގައި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯއްދަވައި ދެއްވާނެ ކަމަށް އެވިދާޅުވީ މިގޮތަށް ބޭސް ފަރުވާ ދޭގޮތަށް ބާވައެވެ! އޮޅިއްޖެއެވެ. ނުވަތަ އޮޅުވާލައިފިއެވެ.

ކޮންމެއަކަސް ރާއްޖޭގެ ސިއްހީ ނިޒާމު މިވަނީ ވަރަށް ބޮޑަށް ފެއިލްވެފައެވެ. ފެންވަރު ރަނގަޅު ޑޮކްޓަރުން ނުލިބެނީ ދޭންޖެހޭ މުސާރަ ބޮޑުކަމުން ކަމަށް ވެސް ބުނެވެއެވެ. ރާއްޖޭގައި ފަރުވާދޭ ގިނަ ޑޮކްޓަރުންނަކީ އެމް.ބީ.ބީ.އެސް. އަށްފަހު އިތުރަށް ސްޕެޝަލައިޒް ވާން ބޭނުންވާ 2 އަހަރުގެ ތަމްރީނަށް އަންނަ ޑޮކްޓަރުންނެވެ. ރާއްޖޭގެ ބައެއް ޑޮކްޓަރުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާ އަދި މިނޫންވެސް ބޭރުގެ ބައެއް ގައުމުތަކުގެ ހަސްފަތާލުތަކުގައި ވަޒީފާ އަދާ ކުރަމުން އެބަދެއެވެ. މިއީ ވެސް ރާއްޖެއިން ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ދިމާވާ ގޮތްގޮތެވެ. އަމިއްލަ ވަޒަނުގައި ހުރެގެން އެކަށޭނަ އުޖޫރައެއް ލިބޭނަމަ ދިވެހި މިދެންނެވި ޑޮކްޓަރުން ގައުމުން ބޭރުގައި ޑޮކްޓަރުންގެ ގޮތުގައި ނުއުޅޭނެއެވެ.

އިންސާނާއަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރެވޭނީ ޖެހޭ ކޮންމެ ބައްޔަކަށްވެސް ލަސްނުކޮށް ފަރުވާ ލިބެންޏާއެވެ.

ޒަމާން ބަދަލުވެއްޖެއެވެ. އެވޭލާ ޒަމާނުގައި ވަރަށް ގިނަ ފަހަރަށް އެކަށީގެންވާ ފަރުވާ ނުލިބި ބަލިމީހުން މަރުވެގެންދެއެވެ. އޭރު މުޅި ދުނިޔެ ވެސް އޮތީ މިފަދަ ޙާލެއްގައެވެ. އޭރު ޑޮކްޓަރުންނަކީ ދުނިޔޭގައި ވަރަށް މަދުން އުފެދޭ ބައެކެވެ. އެހެނަސް މިއަދު ދުނިޔެ އޮތީ ސިއްހީ ގޮތުންނާއި ބޭސްވެރިކަމުގެ ގޮތުން އަދި ޑޮކްޓަރީ ގޮތުން ކުރިއަރާފައެވެ.

ކަން މިހެން ހުރި ނަމަވެސް މިފަދަ އިގުތިސާދީ ވަސީލަތްތައް ގިނަ އާބާދީ ކުޑަ ގައުމެއްގެ ސިއްހީ ނިޒާމަކީ ފިނިހަކަ ދުވެލީގައި މަޑުރާގަކަށް ދުވެލަ ދުވެލާ އޮންނަ ކަމަކަށް ވެއްޖެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުން ޑޮކްޓަރީ ފަރުވާއަށް މާލެ އަންނަން ނުޖެހޭ ދުވަހެއް ފެނުނު މީހަކު ނުހުންނާނެ އެވެ. މީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެދޭނަމަ ވާންޖެހޭނެ ގޮތެއް ނޫންކަން ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ. ރާއްޖޭގައި ހަސްފަތާލު ހުއްޓަސް ޚާއްޞަ ޑޮކްޓަރުންނެއް ނެތެވެ. ސިއްހީ ނިޒާމު ވަނީ ވަރަށް ބޮޑަށް ފެއިލްވެފައެވެ.

ނިމުނީ..

 

 

 

 

Loading

One Response

  1. ރާއްޖޭގެ ވެރިރަށް މާލެ ހިމެނޭ ސަރަޙައްދުގައި ސަރުކާރުން ހިންގާ ހަސްފަތާލުތަކުން އާންމު ބަލިތަކަށް މެނުވީ ގިނަ ފަހަރަށް ފަރުވާ ލިބުން އޮންނަނީ ދަތި ކަމަކަށްވެފައެވެ. މިއިން ދޭހަވަނީ ރާއްޖޭގެ އެހެންސަރަހައްދުތަކުގެ ހަސްފަތާލުތަކުން ލިބޭ ޚިދުމަތްތައް މާރަނގަޅުކަމަށެވެ. ލިއުންތެރިޔާ އެކަމަށްވެސް އަލިއަޅުވާލެއްވިނަމަ ކިއުންތެރިންނަށް އިތުރު މައުލޫމާތު ލިބުނީހެވެ. އޭރުން މާލެ ސަރަހައްދަށް އައުމުގެ ބަދަލުގައި އެހެން ސަރަހައްދަކަށްވެސް ދެވިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް