މެމްބަރު އާޒިމް އަށް މަހުލޫފުގެ ބޮޑެތި ތުހުމަތު ތަކެއް

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަލާކު ކޮށްލުމަށް، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް ހިމެނިވަޑައިގެން، ރައްޔިތުންގެ މަޖިލިހުގެ ދެތިން މެންބަރަކު މަސައްކަތް ކުރައްވާ ކަމަށް، ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފު ތުހުމަތު ކުރައްވައިފިއެވެ.

މިނިސްޓަރ މަޚްލޫފް ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އާޒިމް ވާހަކަ ދައްކަވަނީ، ކަމެއް ގޯސްކޮށް ކޮށްފައި އޮވެގެން ނޫން ކަމަށާއި، ހަމަ އެކަނި ސިޔާސީ މަޤްސަދެއްގައި ކަމަށެވެ.

އާޒިމްގެ ބޭނުމަކީ މަހްލޫފްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރުން ކަމަށް މަހުލޫފް ވިދާޅުވި އެވެ. ނަމަވެސް އޭނާ އަކީ މަގާމު ގެއްލިދާނެތީ ބިރުން، ބުނިހާ ގޮތެއް ހަދައިގެން ހުންނާނެ ކަހަލަ މީހެއް ނޫން ކަމަށާއި، އެކަން އާޒިމް އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު ކަމުގެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް ސޯލިހު ކަމަށާއި، އެހެންކަމުން އޭނާ ކުރައްވާނީ ރައީސް ވިދާޅުވާ ކަމެއް އެކަނި ކަމަށެވެ.

މަހްލޫފް ވިދާޅުވީ އާޒިމް އެންމެ ބޮޑަށް ބޭނުންވަނީ އެފްއޭއެމްގެ ރައީސް ކަމުން ބައްސާމް ވަކިކުރަން ކަމަށާއި، އަދި އެކަން ކުރުމަށް އާޒިމް އާއެކު މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސްޕޯޓްސް މިނިސްޓަރަކަށް އަބަދު އެފްއޭއެމް އާއި އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ ތަޅާފޮޅަން ނުހުރެވޭނެ ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައުމަށް، ސިޔާސަތުތައް އެކުލަވާލި އިރު ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދުމަށް ހަރު އަޑުން ވާހަކަދައްކާފައި ވާއިރު، މިއަދު އެކަން ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

މަހްލޫފު ވިދާޅުވީ މަދު މެމްބަރުންތަކެއް ހިމެނޭގޮތުން، ވަޒީރުންނަށް ބިރުދައްކައި އެމްޑީޕީގެ ސަރުކާރު ހަލާކުކޮށްލަން މަސައްކަތް ކުރާ ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބު ވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ ގިނަ މެމްބަރުންނާއި ވަޒީރުން ވަރަށް ގުޅިގެން މަސައްކަތް ކުރަމުން އައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރު ހަލާކުކޮށްލަން މަސައްކަތް ކުރާ މެމްބަރުންގެ ތެރޭގައި އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ސީދާ ތުހުމަތު ކުރެއްވާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް