ކޮވިޑް-19 ޖައްސާ ވައިރަސްގެ އައު ވޭރިއަންޓް ”އޮމިކްރޮން“ އަކީ މާހަލުވިކޮން ފެތުރޭ ވޭރިއަންޓެއްކަން އެގިފައިވާއިރު، އިންޑިޔާގައިވެސް ބަލިފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެ، 117,100އިތުރު މީހުންނަށް ކޮވިޑް ޖެހިއްޖެ ކަމަށް ހުކުރު ދުވަހުގެ ރިޕޯޓް ތައް ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު އެއްދުވަހާ މިހާ މަތިން ކޭސްތައް ރިޕޯޓް ކުރެވުނު ފުރަތަމަ ފަހަރެވެ.
ހުކުރު ދުވަހު 302 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު ކޮވިޑް ބަލީގައި އިންޑިޔާއިން މިހާތަނަށް 483,178 މީހުން މަރުވެފައިވާ ކަމަށް ރަސްމީކޮށް ރިޕޯޓް ކޮށްފައިވެއެވެ. އަދި އިންޑިޔާގައި މިހާތަނަށް 35.23 މިލިއަން މީހުންނަށްކޮވިޑް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބު ތަކުން ދައްކައެވެ.
ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ވެރިރަށް ނިއުދިއްލީގައި އަނެއްކާވެސް ވަނީ ރޭގަޑު ކާފިއު އިއުލާން ކޮށްފައެވެ. އަދި ހުކުރު ދުވަހު ހަވީރުން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާކުރުމުގެ އަމުރު އިތުރު ސަރަހައްދު ތަކުގައި ވެސް ހިންގާނެއެވެ. މިގޮތުން ބެންގަލޫރު އަދި މުމްބާއީގައި ވެސް ހަފްތާ ބަންދުގައި ބޭރަށް ނިކުމެ ނޫޅުމަށް އަމުރު ކުރެވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ. މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ކުރިމަތިވި ކޮވިޑްގެ ދެވަނަ ރާޅުގައި އިންޑިއާއިން ދުވާލަކު އެތައްހާސް ބަޔަކު މަރުވަމުން ދިޔައެވެ.