އައު އަހަރު 2022: ”ހާކާލަ ހާކާލަ“ ތިބޭކަށް އަންހެނަކު ވެސް ފިރިހެނަކު ވެސް ނޭދޭނެ

Loading

Facebook
Twitter
WhatsApp

މިއަދުން ފެށިގެން މި ޖެހެނީ އައު އަހަރަކާއެކު ކުރިއަށް ދާށެވެ. ހިތާމައަކީ ކުރީން ވެސް ތިބި ”ލަސްލަސް“ މީހުންނާއެކު ކުރިއަށް ދާންޖެހިފައި ވާތީއެވެ. ހިތާމައަކީ ކުރީގެ ރައީސް، ގައުމީ އަދި ބައިނަލްއަގުވާމީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރ މުޙައްމަދު ޙަސަން މަނިކު ވިދާޅުވިފަދަ ”ހާކާލަ ހާކާލަ“ ތިބި ބަޔަކާ އެކު އުއްމީދުތައް ހަގީގަތަކަށް ހަދަން ނިކުންނަން ޖެހޭތީއެވެ.

އިއްޔެ އިވުނީ ރާއްޖެއިން 160 މީހުން ކޮވިޑަށް ފައްސިވި ވާހަކައެވެ. އަހަރު ނިމެމުން ދިޔައިރު ކޮވިޑްގެ އަދަދުތައް ދިޔައީ މައްޗަށް އަރަމުންނެވެ.

ކޮވިޑްގެ ބަލި މީހަކު ފުރަތަމަ ފަހަރަށް 2020ގައި ރާއްޖެއިން ފެނުމުން ވަރަށް ގިނަ ބަޔަކު ރޮއި ހޫރެމުން ދިޔައެވެ. ރައީސުލް ޖުމްހޫރިއްޔާ ވެސް ފެންކަޅިވިއެވެ. އަނެއްބަޔަކު ގެއަށްވަދެ ފިލިއެވެ. ރަންނަމާރި އެރި ދުވަސްވަރު ބިރުން ފިލިހެންނެވެ. މިއަދު ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުންދާއިރު އެކަމާ ފިކުރުކޮށް ކަންބޮޑު ވަނީ ކިތައް މީހުން ބާވައެވެ! އައު އަހަރު ފާހަގަކުރަން ހަވާއަރުވައިފިއެވެ. ”އިންޑިއާ އައތު“އޭ ގޮވަގޮވާ ތިއްބާ އިންޑިއާއިން ”ލަނގަރި“ ވަފުދެއް ގެނެސް ލަނގަރިކޮށްފިއެވެ. ގައިދުރުކަން ބާއްވަން ޖެހިފައިވާ ދުވަސްވަރެއްގައި މާލޭގެ ދެކޮޅުގައި ”އުނގުޅޭ ބާޒާރު“ ބާއްވަނީ އެވެ. ހުޅުމާލޭގައި ވެސް މެއެވެ. ގަދަކަމަކަށް ނޫނެވެ. ސަރުކާރުގެ ރަސްމީ ހުއްދައާއެކުގައެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ކޮންމެހެން ކުރަންޖެހި އެކަމަކު ނުކުރެވި ދިޔަ ހުރިހާ ކަމަކެއް އެޅުވީ ލޮލަށް ނުފެންނަ ވައިރަހެއް ކަމުގައިވާ ”ކޮވިޑު“ގެ ބޮލުގައެވެ. ބީތާވެފައި ތިބި ރައްޔިތުން ތިބީ އެއީ ތެދެއްކަމަށް ގަބޫލުކޮށްގެންނެވެ. ކުރެވުނު ހުރިހާކަމަކާއި ޖެހި ހުރިހާ ކަޑައެއް ޖެހީ ސަރުކާރުގެ ގަދަފަދަކަމާއި މޮޅުކަމުންކަމަށް ހީކުރި ބަޔަކު ވެސް ރާއްޖޭގައި ތިއްބެވެ. ކެނޑި ހުރިހާ ފީތާއެއް ކެނޑީ ވެސް ސަރުކާރުގެ ތޫނުފިލިކަމުންކަމަށް ގަބޫލުކޮށް އަތްތިލަބަޑި ތެޅި ގަމާރުން ތިއްބެވެ. ކޮތަރު ކޮށި އިތުރަށް ބޮޑު ކުރަން އުޅެ އެކަން ނުކުރީ ވެސް ސަރުކާރުގެ މޮޅުކަމުންނެވެ. ކޮތަރުކޮށި ތަޅާލެވުމުގެ ވިސްނުން ގެންގުޅުއްވާ އަސްލަމަށް އެތަން ތަޅާނުލެއްވުނީވެސް، ސަރުކާރުގެ ސިޔާސަތުގެ މޮޅުކަމުންނެވެ. ގޯހަކަށްވީ ރައީސް ޔާމީން ކޮތަރުކޮށި އެޅުއްވުމެވެ. ގޯހަކަށްވީ ބޯހިޔާވަހިކަމަށް އެދުނު މީހުންނަށް ރައީސް ޔާމީން ކޮތަރުކޮށި ބެއްސެވުމެވެ. އިންސާފަކަށްވީ ރައީސް ޔާމީންގެ ސަރުކާރުން ފުލެޓު ލިއުން ދިން މީހުންނަށް ފުލެޓު ނުދީ އެމްޑީޕީ ކޯލިޝަން ޗަރުކޭސްއަށް ފެންނަ ބަޔަކަށް ފުލެޓު ބެހުމެވެ. އިންސާފަކީ ޝަރީޢަތް ނުކުރާ މީހާ ލައްވާ ހުކުން ކުރުވުމެވެ. އިންސާފަކީ ދަށުކޯޓުގެ ފަނޑިޔާރަށް ފުންމައިގެން ސްޕްރީމް ކޯޓަށް ދެވޭ ގޮތް ހެދުމެވެ.

ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ އެންމެ ތަހުޒީބު ވެފައިވާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑު ފިޔަފަޅައިގެން އުދުހި މުޅިގައުމަށް ފެތުރެމުން ދަނީއެވެ. އެ ގައުމުތަކުގެ ވެރިން ތިބީ ހަދާނެ ގޮތް ހުސްވެ ފިކުރު ބޮޑުވެފައެވެ.

ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ވައިޓް ހައިސްގެ މެޑިކަލް އެޑްވައިޒަރ އެންތަނީ ފައުޗީ ވަނީ ވެކްސިން ނުޖަހާ ފަރާތްތަކުން އައު އަހަރު ފާހަގަ ކުރާ ބޮޑެތި ޕާޓީތަކަށް ނުދިޔުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

”އައު އަހަރު ފާހަގަ ކުރަން ޕާޓީ ކުރެވޭނެ އެހެން އަހަރުތައް އަންނާނެ. މި އަހަރު ފާހަގަ ނުކުރޭ.“ އޭނާ ވިދާޅުވިއެވެ.

އެކަމަކު ބަސް ނާހާ ގަމާރުން ޕާޓީތައް ބާއްވައިފިއެވެ. ބައެއް ސަރުކާރުތަކުން އެކަމަށް އެހީތެރިވެދީފިއެވެ. ގެއްލުމުގެ ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއު އެޗް އޯ) އިން ވަނީ އޮމިކްރޯން އަދި ޑެލްޓާ ވޭރިއަންޓްގެ ”ސުނާމީއެއް“ އަރައި، ސިއްހީ ނިޒާމުތަކަށް ނުކަތާވަރުގެ ލޮޅުމެއް އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮވިޑް-19ގެ ހާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންދާތީ ވަރަށް ގިނަ ގައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުންނެވެ. ދިވެހި ރާއްޖެއިން ވެސް ދަނީ އަޅަމުންނެވެ. ބަލަ! ލަފާކުރިވަރުގެ ބޮޑު ގެއްލުމެއް ކޮވިޑުން ރާއްޖެއަށް ނުލިބުނީ އިންޑިއާއިން ގެނެސް ޖެއްސި ބޮޑު ހިލަތަކެއްގެ ސަބަބުންނެއް ނޫނެވެ. ކަލާންގެ ކުޅަދުންވަންތަ ކަމުންނެވެ. ދިވެހި ރައްޔިތުން ވީ މަތިވެރި ގުރުބާނީއެއްގެ ސަބަބުންނެވެ. ރައްޔިތުން ކެތްތެރިކަން ގުރުބާން ކުރިއެވެ. ކޮވިޑުގެ ދުނިޔޭގެ ހާލަތަށް ބަލާއިރު ކުރީން ޖެއްސިވަރަށްވުރެ ރައްކާތެރިކޮށް ވަނީ ބޮޑު ހިލަ ޖައްސަން ޖެހިފައެވެ. ރާއްޖެއަށް ދެރަ ގޮތެއް ވެއްޖެނަމަ އަލުން ”ވިއްކާނެ“ ދިރާގެއް އެމްޑަބްލިޔުއެސްސީއެއް ދަރުމަވަންތަ ހޮސްޕިޓަލެއް ވެލާނާ ބިލްޑިންގެއް އަދި އޮލިމްޕަހެއް ވެސް ނެތްކަން ހަނދާން ކުރަން ޖެހެއެވެ.

ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މީލާދީ 2022 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއް ކަމުގައި ޔަޤީން ކަމާއެކު ވިދާޅުވިއެވެ.

”މިއަދު ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑުގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުމެވެ. ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމަޢު އެކުގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީއެވެ.“ ރައީސް ވިދާޅުވެފައިވެއެވެ. ”ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަ ވެވިފައި ވިޔަސް، ކޯވިޑުގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން މުޅިން ފިލައިގެންދިޔައީ ނޫންކަން އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެއެވެ. އެހެންކަމުން، މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.“

އަބަދުވެސް ސަރުކާރުން ކުރަން ޖެހެނީ އިލްތިމާސް ހެއްޔެވެ؟ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހެނީ އިލްތިމާސް ހެއްޔެވެ؟ ދެން ކުރަން ޖެހެނީ ރައްޔިތުން ޖުރިމާނާ ހެއްޔެވެ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިގޮތުގައި އައު އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުމެވެ. ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްޤީގެ ދަތުރުގައި އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަން ޔަޤީނެވެ. ވަޒީފާއެއް އަދާނުކޮށް ނުވަތަ މަސައްކަތެއް ނުކޮށް އުޅޭ ކޮންމެ ފަރުދަކުވެސް، ކިތަންމެ އާދައިގެ ކަމަކުންވިޔަސް، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މަސައްކަތެއް ކުރުމަކީ، ޤައުމީ ތަރައްޤީއަށް އިތުރު ދިރުމެއް އަންނާނެ ކަމެކެވެ.

ރައީސްގެ އައު އަހަރުގެ ”ޚުޠުބާ“ގައި ތަރައްޤީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ޙާޞިލް ކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޙަޤީޤީ މަންފާ ޤައުމަށް ކުރާނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ހަރުދަނާވެގެން ކަމަށާއި އަޅުގަނޑުމެންގެ ހިތްތަކުން ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލައި، އެއްބަނޑުއެއްބަފާކަމުގެ ގުޅުން އަލުން ބަދަހިކޮށްގެން ކަމަށާއި އިސްލާމީ ދިވެހި އުންމަތް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، މިއަދުގެ ދިރިތިބީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކޮށްގެންކަމަށް ވިދާޅުވީއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިޔާސީ މަގާމުތައް ދެއްވާފައިވާ އުފެއްދުންތެރި މަސައްކަތްތަކެއް ނުކުރައްވާ ސިޔާސީ އެތައް ސަތޭކަ ބޭފުޅުންގެ ”ގޭންގް“ތައް އެކި ދިމަދިމާއިން އެބަ ފެނެއެވެ. އެ ”ގޭންގް“ތަކުން ކުރާތަން ފެންނަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ގައުމު ފިތުނަ ކުރުމެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން ރޫޅާލުމަށް ދޮގާއި މަކަރުގެ ވާހަކަ ފަތުރަމުންދާތަނެވެ. މި އައު އަހަރު އެ ”ގޭންގަށް“ 300 އަށްވުރެ ގިނަ މީހުން އިތުރުވެން ދާނެއެވެ.

ރާއްޖެއަށް ހެއު އެދެނީ ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ.

އަޅުގަނޑުމެންގެ ވެސް އެދުމަކީ މިއަދު މި ފެށުނު 2022 ވަނަ އަހަރަކީ، ފާއިތުވެދިޔަ އަހަރުތަކަށްވުރެ، ހުރިހާ ގޮތަކުންވެސް ރާއްޖެއަށް ކާމިޔާބު އަހަރެއްކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވައި، ތިޔާގިކަމާއި ތަނަވަސްކަން ދިވެހިންނަށް މިންވަރު ކުރެއްވުމެވެ. އަދި ކޮތަރު ކޮށީގައި ދިރިއުޅޭ މީހުން ހިނގަން ރަނގަޅު މަގުތަކާއި ނަމާދުކުރަން ފަސޭހަ މިސްކިތްތަކާއި މަދުރަސާތަކާއި ސިއްހީ ޚިދުމަތް ދޭނޭތަންތަނާއި ކުޅިވަރުގެ މައިދާންތަކާއި ހިޔާދޭނޭ ގަސްތަކާއި ބަގީޗާތަކާއި ރީތި ގޮނޑުދޮށްތައް ސަރުކާރުން އިސްވެ އޮވެ ހަދައި ނިންމުމެވެ.

ވެރިކަމަށް 3 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ދެވަނަ ދައުރެއްގެ ވާހަކަ ”ލަސްލަސް“ އަސްލަމް ދައްކަވަނީ ފަސް އަހަރުގެ މުއްދަތު ވެސް ކުރުކަމުން ހެއްޔެވެ؟

”ހާކާލަ ހާކާލަ“ ތިބުމަކީ ދިވެހި އަންހެނަކު ވެސް އަދި ފިރިހެނަކު ވެސް 2022ގައި، ކީއްކުރަންތޯ އެއްވެސް ދުވަސްވަރެއްގައި އެދޭނޭ ގޮތެއް ނޫނެވެ.

 

Loading

One Response

  1. އަބަދުވެސް ކުރިއަށްވުރެ ރަނގަޅު ބަދަލަކަށް ރައްޔަތުންބޭނުންވެގެން ބަދަލު ގެންނަނީ. ނަމަވެސް ރައްޔަތުންނަށް ވެވޭ ވަޢުދާ ދެން ގެނެވޭ މީހާ ބޮޑުތަނުން ޚިޔާނާތްތެރިވީމާ އަނެއްކާވެސް ބަދަލަކަށް. މީދެން ނިމުމެއްނެތް ކަމެކެވެ. އެކަމަށް ހުށްޓުމެއް ލިބޭނީ ވެރިކަމުގެ ތަޖުރިބާހުރި މީހަކު ވެރިކަމަށް ގެނުވީމައެވެ. އެކަން ރައްޔަތުން ގަބޫލުކޮށް ހަމަ ދަޅަދައްކާ ކޮންމެ ބަޔަކަށް ވެރިކަމަށް ވޯޓް ނުދޭންވިއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް