http://sandhaanu.today/17568/ އާ ގުޅޭ..
ނިރޯތަމް ދާސް މޭޒުމަތީގައި ހުރި ލުނބޯ ފަނިތަށި ނަގައި ސުޝީލާއަށް ދިއްކޮށްލަމުން ބުންޏެވެ. ”ފަނިތަށި ބޯލާ! މިއީ ވަރަށް ރަނގަޅު ފަރުވާއެއް. ރާފުޅިއެއްގެ އެއްބަޔާއި ހަތަރު ގުޅަ ބޭސް ބޭނުންކޮށްފައި ވާނަމަ ލުނބޯ ފަނިތަށްޓެއް ބޯލުމުން މެޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ.“
ސުޝީލާއަށް ހީވީ އޭނާގެ ސިކުނޑި ތެރޭގައި ބާރުގަދަ ބޮމެއް ގޮވިހެންނެވެ. ހައިރާންކަމާއެކު ހުޅުވުނު އޭނާގެ އަނގައިން ނިކުތް އަޑު އިވުނެވެ.
”ބައްޕާ!“
ސުޝީލާ ބައްޕަގެ އަތުން ތަށި އަތުލިއެވެ. އަދި ހިނދުކޮޅެއްގެ ތެރޭގައި ފަނިތަށި ބޮއި ހުސްކުރުމަށް ފަހު ހުސްތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އޭނާގެ މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ.
ނިރޯތަމް ދާސް އޭނާގެ ދަރިފުޅުގެ ކޮނޑުގައި އަތް އަޅާލައިގެން ހުރެ އޭނާގެ ދެ ލޮލަށް ބަލާލާފައި ލޯބިން ފުރިފައިވާ އަޑަކުން ބުންޏެވެ.
”ދަރިފުޅު ރޭގައި ބޭނުން ކުރި އެއްޗެތިން މީހެއްގެ ހިތުގެ ވިންދު ވެސް ހުއްޓިދާނެ ކަން ދަރިފުޅަކަށް ނޭނގޭތަ؟“
”ބައްޕާ!“ ސުޝީލާގެ އަޑުގައި ވަނީ ތުރުތުރު އެޅުމެވެ.
”މި ދުނިޔޭގައި ދަރިފުޅު ފިޔަވައި އަހަރެންގެ އެހެން އެއްވެސް މީހަކު ނެތްކަން ދަރިފުޅަކަށް ނޭނގޭތަ؟ މާތް ރަސްކަލާންގެ ދަރިފުޅަށް އެއްވެސްކަހަލަ ދެރަގޮތެއް މިންވަރު ނުކުރައްވާށި! ދަރިފުޅަށް ހީވޭތަ ދަރިފުޅު ނެތް ދުނިޔެއެއްގައި ބައްޕަ ހުންނާނެހެން؟“
”ބައްޕާ!“
ސުޝީލާއަށް ރޮވިއްޖެއެވެ. އޭނާ ނިރޯތަމް ދާސްގެ ގައިގައި އޮޅުލައިގެން ހުރެ ގިސްލާފައި ރޮމުން ދިޔައެވެ. ސުޝީލާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަމުން ނިރޯތަމް ބުންޏެވެ.
”ބައްޕަ ވެސް މުސްކުޅިވުމުގެ ކުރިން ޒުވާން އުމުރު ވެސް ދުށިން. ޒުވާންކަން ތަޖުރިބާ ކުރިން. ޒުވާންކަމުގެ ބާރަކީ ފެން ބޮޑުވެފައިވާ ކޯރެއްގެ ފެންގަނޑު ކަހަލަ އެއްޗެއް. އެ ފެންގަނޑު ދެމެން ފަށައިފިނަމަ ބޮޑެތި ހުރަސްތައް ވެސް އޮޔާ ގެންގޮސްފާނެ. އިންސާނުންނަށް ކުށް ކުރެވޭނެ. ކުށް ނުކުރެވޭ ނަމަ އިންސާނާއަކީ ކަލާންގެ ކަމުގައި ވީސް! ކުރެވޭ ކުޑަކުޑަ ކުށަކާ ހުރެ ފުރާނައަށް ނުރައްކާ ވާވަރުގެ ކަމެއްކޮށްގެން ނުވާނެ!“
”ބައްޕާ!“ ރޮއިރޮއި ހުރެ ސުޝީލާ ވާހަކަ ދެއްކިއެވެ. ”މާތް ރަސްކަލާންގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑަށް މާފު ކޮށްދެއްވާ!“
”ބައްޕައަކީ ދަރިފުޅަށް މާފު ނުކުރާވަރުގެ ހިތް ހިލަ މީހެއްހެން ދަރިފުޅަށް ހީވަނީތަ؟“
”ބައްޕާ!“ ސުޝީލާގެ ހިތް ފުރިގެން ބަންޑުންވީ ކަހަލައެވެ.
”ނިކަން ބައްޕަ ގާތު ބުނެބަލަ! އެއީ ކާކު ކުރި ކަމެއްތަ؟“
”އަޅުގަނޑުގެ ކޮލެޖުގެ ރައްޓެއްސަކު ކުރި ކަމެއް.“ ސުޝީލާ ލަސްލަހުން ބުނެލިއެވެ.
”އެއީ ކާކުގެ ދަރިއެއް؟ ކޮން ފެންވަރެއްގެ ކުއްޖެއް؟“ ނިރޯތަމް ވާހަކަދެއްކިއެވެ. ”ނަން ސާފުކޮށް ބުނެދީ! ދަރިފުޅުގެ ކައިވެނި އޭނާއާ ކޮށްދޭނަން!“
ބުނާނެ އެއްޗެއް ނޭނގި ކަންބޮޑުވެފައި ސުޝީލާ ހުއްޓެވެ. ކުއްލިއަކަށް އޭނާއަށް ކުޑަދޮރުން ދޮރޯށްޓާ ދިމާއަށް ބަލާލެވުނެވެ. ދޮރާށި ދޮށުން އޭނާއަށް ފެނުނު މީހާއަކީ މުއުޖިޒާތެއްކަމުގައި އޭނާއަށް ހީވިއެވެ. އޭނާއަށް ފެނުނީ އިއްޔެ އޭނާގެ ގެއިން ފިލައިގެން ދިޔަ ޒުވާނާއެވެ. ހުދު ގަމީހަކާއި ހުދު ފަޓުލޫނެއް ލައިގެން ހުރިއިރު ސުޝީލާއަށް އެ ޒުވާނާގެ ރީތިކަން ކުރިއަށްވުރެ ބޮޑަށް އިހުސާސް ކުރެވުނެވެ. ޕާރުސަލެއް ހިފައިގެން އޭނާ އަންނަނީ ގެއާ ދިމާއަށެވެ. ހަދަންވީ ގޮތް ކުއްލިއަކަށް ސުޝީލާއަށް ވިސްނިއްޖެއެވެ. ދެން އޭނާ ބޭރަށް އިޝާރާތްކޮށްފައި އަވަސްއަވަހަށް ބުންޏެވެ. ”ބައްޕާ އެދިމާއަށް ނިކަން ބައްލަވާލައްވާ!“
”ތިޔައީ ބައްޕަ ކުރި ސުއާލުގެ ޖަވާބެއް ނޫން!“ ސުޝީލާއާ ދިމާއަށް ބަލާލާފައި ނިރޯތަމް ބުނެލިއެވެ.
”ބައްޕާ އަޅުގަނޑު މި ދައްކަނީ ބައްޕަގެ ސުއާލުގެ ޖަވާބު.“
ސުޝީލާ އިޝާރާތް ކުރި ދިމާއަށް ނިރޯތަމް ދާސް ބަލައިލިއެވެ. ޒުވާނަކު ދޮރާށި ހުޅުވާފައި އެތެރެއަށް ވަދެ ހުއްޓެވެ. އޭނާ ފެނުމުން ނިރޯތަމް ދާސް ސިއްސައިގެން ގޮސް ސުއާލު ކުރިއެވެ.
”އެއީ ކާކުކަން ދަރިފުޅަށް އެނގޭތަ؟“
”އަޅުގަނޑު ނަންގަތީމެއްނޫންތޯ ކޮލެޖުގެ ރައްޓެއްސެއްގެ ވާހަކަ. އެއީ އޭނާ. އޭނާގެ ނަމަކީ ސަރޫޕު.“
”މާތްކަލާކޯ! ދަރިފުޅު މުށުތެރެއަށް ލައިގެންތަ އޭނާ މުޅި ރަށުގައި ސަލާން ޖަހަމުން ހިނގަނީ؟“
”ބައްޕައަށް އޭނާ އެނގިލައްވާތޯ؟“
”އެއީ އަހަރުމެން އޮފީހުގައި އުޅޭ މީހެއްގެ ދަރިއެއް. އޭނާއަށް ކެމިކަލް އެގްޒަމިނަރެއްގެ ވަޒީފާ އޮފީހުން ލިބުނީ އިއްޔެ.“
”ކަންތައްތައް ގޯހުން ގޯހަށް މިދިޔައީ.“ ސުޝީލާއަށް ބޭއިޚުތިޔާރުގައި ބުނެލެވުނެވެ.
”ތިބުނީ ކީކޭ؟“
”އަޅުގަނޑަކީ މުއްސަނދި ފައިސާވެރިއެއްގެ ދަރިއެއްކަން ސަރޫޕަކަށް ނޭގޭނެ. އޭނާއަކީ ރަނގަޅު ޒުވާނަކަށް ވީތީ އަޅުގަނޑު އޭނާ ދެކެ ލޯބިވީ.“
”ހަގީގަތުގައި ވެސް އޭނާއަކީ ރަނގަޅު ޒުވާނެއް. އޭނާގެ ބައްޕަ އަހަރުމެންގެ ކުންފުނީގައި މަސައްކަތް ކުރާތާ 30 އަހަރު ވެއްޖެ. އެއީ ވަރަށް ތެދުވެރި ގަދަރުވެރިއެއް. އޭނާގެ ދަރިފުޅު ވެސް ވާނީ ހަމަ އެފަދަ މާތް މީހަކަށް.“
”ތީ ޝައްކެއް އޮތް ކަމެއް ނޫން! އެއީ ހެއުލަފާ ގަދަރުވެރި ޒުވާނެއް. އޭނާއާ ރައްޓެހިވާން އަޅުގަނޑު އުޅުނުއިރު މުއްސަނދިން ދެކެ އޭނާ ބިރުގަންނަކަން އަޅުގަނޑަށް އެނގުނު. އެހެންވެ އަޅުގަނޑު އޭނާއާ ރައްޓެހިވީ. އަޅުގަނޑަކީ ނިކަމެތި އަންހެން ކުއްޖެކޭ ކިޔައިގެން އަޅުގަނޑު ދެކެ އޭނާ ވެސް ލޯބިވޭ. ދެ މީހުންގެ ދެމެދުގައި އޮތީ ތެދުވެރި ލޯތްބެއް. އެކަމަކު މި ކުށަކީ ކުރެވެން ލިއުއްވާފައިވާ ކުށަކަށްވާތީ މިކުށް އަޅުގަނޑުމެންނަށް ކުރެވުނީ.“
”އަދިވެސް އޭނާ ހީކުރަނީ ދަރިފުޅަކީ އާދައިގެ އާއިލާއެއްގެ ކުއްޖެއް ކަމަށްތަ؟“
”ކޮންމެ ވެސް މީހަކު މިހާރު އޭނާއަށް އަޅުގަނޑުގެ ހަގީގަތް ކިޔައިދީފި. އަޅުގަނޑަކީ މުއްސަންޖެއްގެ ދަރިއެއްކަން އެނގުމުން އޭނާ އަޅުގަނޑު ދެކެ ފޫހިވާ ގޮތް ވެއްޖެ. މިހާރު އޭނާ އަޅުގަނޑަށް ފެންނާކަށް ވެސް ބޭނުމެއްނޫން!“
”އޭނާގެ ދަރިއަކަށް ދަރިފުޅު ބަލިވެއިންކަން އެނގޭއިރުވެސް އޭނާ ދަރިފުޅަށް ފިލަނީތަ؟“
”ބަލިވެ އިން ވާހަކަ އަދި އަޅުގަނޑު އަދި އޭނާއަކަށް ކިޔައެއްނުދެން.“
”ކީއްވެގެން ނުބުނީ؟“
”އޭނާއަކީ ވަރަށް ބަލިކަށި ހިތެއްގެ ވެރިއެއް. ފާފައެއް ކުރެވިއްޖެކަމުގެ އިހުސާސް އޭނާއަށް ކުރެވިއްޖެ ނަމަ ދަންޖެހޭކަށް ވެސް އޭނާ ޖެހިލުމެއް ނުވާނެ. އެހެންވެ އަޅުގަނޑު ނުބުނީ.“
”އެހެންތަ؟“ ނިރޯތަމް ދާސް ފުން ނޭވާއެއް ލާފައި ބުނެލިއެވެ.
”ހުރިހާ ކަމެއް މިހާރު އޮތީ ބައްޕަގެ އަތްމަތީގައި. ކަންތައްތައް ކުރިއަށް ގެންދަންވީ ކިހިނެއްކަން އެނގިލައްވަނީ ބައްޕައަށް. އަޅުގަނޑު ބަލިވެ އިން ވާހަކަ ކައިވެންޏަށްފަހު އަޅުގަނޑު އޭނާއަށް ކިޔައިދީފާނަން.“
”ތި ވާހަކަ އޭނާއަށް ކިޔައިދޭން ޖެހޭނެ ހެން ވެސް ހިޔެއްނުވޭ.“ ނިރޯތަމް ދާސް ހިނިތުންވެލިއެވެ. ”ކައިވެނީގެ ކަންތައްތައް ކިހާ އަވަހަކަށް ބައްޕަ ނިންމާ ދޭނެތޯ ދަރިފުޅު ބަލަން ހުންނާތި!“
”ބައްޕަ ހާދަ ރަނގަޅޭ.“
ސުޝީލާ އަނެއްކާ ވެސް އޭނާގެ ބައްޕަގެ ގައިގައި އޮޅުލައިގަތެވެ.
ނުނިމޭ