ލޯބީގެ މަންޒިލު-14

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ލޯބީގެ މަންޒިލު-14

https://sandhaanu.today/17199/ އާ ގުޅޭ

ސަރޫޕުގެ ދެ ލޯ ހީވަނީ ރަތް އަނގުރު އަލިފާންގަނޑެއް ހެންނެވެ. އޭނާ އުއްޑުން އެނދުގައި އޮށޯވެ އޮތެވެ. އޭނާގެ މޭމަތީގައި ކަރުދާސް ގަނޑެއް އޮތެވެ. ކަރުދާސްގަނޑު ފުރެންދެން ވަނީ ހިސާބުގެ އަދަދުތަކެވެ.

އާދައިގެ މަތިން މިއަދު ވެސް އެންމެ ފުރަތަމަ ހޭލީ ރާމްއެވެ. އޭނާ އެނދުން ތެދުވި ވަގުތު ސަރޫޕު ހޭލާ އޮތްތަން ފެނުމުން ނުތަނަވަސްވެފައިވާ އަޑަކުން ސުއާލުކުރިއެވެ.

“ދަރިފުޅު ކީއްވެފައި ތިއޮތީ؟”

ސަރޫޕު ސިއްސައިގެން ދިޔައެވެ. އަދި ތެދުވެ އެނދުގައި އިށީދެއްޖެއެވެ. ދެން އަތުގައި އޮތް ކަރުދާސްގަނޑު ފަށްޖަހަމުން ބުންޏެވެ. “އަޅުގަނޑަށް ލިބޭނެ މުސާރައިން ގެއަށް ކުރާނެ ޚަރަދުގެ ހިސާބު ބަލަނީ. މިއަށް ނިކަން ބައްލަވާލައްވާ! އަޅުގަނޑަށް ލިބޭނެ މުސާރައިން އަޅުގަނޑުގެ ކިޔެވުމުގެ ޚަރަދަށް ބައްޕަ ނެންގެވި ދަރަނި އެންމެ ފުރަތަމަ އަދާކުރާނީ. އޭރުން ދަރަނި ނެގި މީހާގެ އަތްދަށުން އަޅުގަނޑުމެން ސަލާމަތްވާނެ. ދެން އަޅުގަނޑު ޖަމާ ކުރާނީ ޕުރީތީގެ ކައިވެންޏަށް ބޭނުންވާ ފައިސާ. ކޮންމެ މަހަކު ކޮންމެވެސް ވަރަކަށް ފައިސާ ރައްކާ ކުރެވެންޏާ ޕުރީތީގެ ކައިވެންޏަށް ބޭނުންވާ ފައިސާ ވެސް އަޅުގަނޑުމެންނަށް ޖަމާކޮށް ރައްކާ ކުރެވޭނެ.”

ކުއްލިއަކަށް މަރުނާލުނީ ބުނި އަޑު އިވުނެވެ. “މިގެއިން މީހަކާ އިންނަން ޖެހެނީ ހަމައެކަނި ޕުރީތީތަ؟ ކަލޭ މީހަކާ އިންނާކަށް ނުޖެހޭތަ؟”

“އަޅުގަނޑުގެ ކައިވެނިތޯ؟ އަޅުގަނޑު މީހަކާ އިންނަން މާ ދުރަށް ދާކަށް ނުޖެހޭނެ. ބޭނުން އިރަކު އަނބި މީހާގެ އަތުގައި ހިފައިގެން ގެއަށް ގެނެވިދާނެ.”

“އަތުގައި ހިފައިގެން ގެނެވިދާނެއޭ؟” ޕުރީތީ ތެދުވަމުން ނުރުހުމުގެ ރާގަކަށް ބުނެލިއެވެ. “ތިޔައީ މީހުން އަނބީން ގެއަށް ގެންނަ ގޮތެއްނޫން! ތިޔައީ ފިހާރައަކުން އެއްޗެއް ގަނެގެން ގެއަށް ގެނަ ގޮތެއްނު! އެ ގޮތަށް އޭނާ މިގެއަށް ގެނެސްގެން ނުވާނެ!”

“މަންމާ ނިކަން ބަލާބަލަ! މި ކަނބުލޭގެ ހާދަ ގޮތްކުޑަ ވެއްޖެއޭ މިހާރު. ގްރޭޑު 10 އަކާ ހަމަޔަށް ކިޔެވޭ އިރަށް ކައިވެނީގެ ވާހަކަ ދައްކަން ފަށައިފި.” ސަރޫޕު ދޮރާދިމާއަށް އިޝާރާތް ކުރަމުން ބުންޏެވެ. “ބޮޑެތި މީހުން ދައްކާ ވާހަކައިގެ ތެރެއަށް އަނގަ ނުބާނައި އަވަހަށް ގޮސް ހޫނު ކިރުތަށްޓެއް ހަދައިގެން އަހަންނަށް ގެނެސްދީ!”

“މިހިރަ ބޮޑު މީހެއްދޯ!” ޕުރީތީ އޭނާގެ ބޭބެއާ ދިމާއަށް އަނގައިން ވައްތަރެއް ޖައްސާފައި ދުވެފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. މަރުނާލުނީ އާއި ރާމް ބިނދިބިދިފައި ހޭންފެށިއެވެ.

ހިނިގަނޑަކަށް ފަހު ވާހަކަ ދެއްކިއެވެ. “ދަރިފުޅާ ބައްޕަ ދެން ވަޒީފާއިން ވަކިވިޔަސް ޕްރޮވިޑެންޓް ފަންޑުން ކޮންމެ މަހަކު 10 ހާސް ރުފިޔާ ލިބޭ ވަރަށް ބައްޕައަށް ވަޒީފާ އަދާކުރެވިއްޖެ.

ސަރޫޕު ވީ އުފަލުން ފުންމައިގެން ތެދުވެ ބުންޏެވެ. “އެހެން ވެއްޖެއްޔާ އަންނަ މަހު ވަޒީފާ ދޫކޮށްލައްވަން ވީއެއްނޫންތޯ؟”

“ވަޒީފާއިން ވަކިވާކަށް ނުވާނެ!” ރާމް ފިނި ނޭވާއެއް ލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. “މަސައްކަތް ކޮށްކޮށް ވަރަށް ބޮޑަށް ވަރުބަލިވެފައިވާކަން އަހަންނަށް ވެސް އެނގޭ. މުސްކުޅި ހަށިގަނޑަށް އަރާމު ބޭނުން ވެފައި ވާކަން ވެސް އަހަންނަށް އެނގޭ. އެކަމަކު މިއޮތް ބޮޑު ގެ ހިންގުމުގެ ބުރަ ކަލޭގެ ކޮނޑުމައްޗަށް އެކަނި ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން!”

ކިރުތަށި ހޫނުކޮށްގެން ގެނެސް ސަރޫޕުގެ އަތަށް ދެމުން ޕުރީތީ ބުންޏެވެ. “ކޮންމެވެސް ކަމެއް ހަނދާންކޮށް ދޭށޭ އަހަރެންގެ ގާތު ބުނީމެއްނު!”

“ކޮން ކަމެއް؟” ކިރުތަށި އަތުލަމުން ސަރޫޕު ސުއާލުކުރިއެވެ.

“ކޭކެއް ގެންގޮސް ދޭންޖެހޭ ވާހަކައެއް ހެން އަހަންނަށް ހީވަނީ.”

“އާނ! ހަނދާން ވެއްޖެ.”

ސަރޫޕު އަވަސް އަވަހަށް ފުންމައިގެން ތެދުވެއްޖެއެވެ. ލިބިފައިވާ ހާސްކަމާއި ހައިރާންކަމުގެ ތެރޭގައި ތަށީގައި ތުން ޖެހިގޮތަށް އޭގައި ހުރި ހޫނުކިރު އެތެރެހަށްޓަށް ދިރުވާލެވިއްޖެއެވެ. އެ ވަގުތު އޭނާއަށް ހީވީ ހޫނު އަލިފާން ގަނޑެއް އޭނާގެ އެތެރެހަށްޓަށް ވަދެގެން ދިޔަ ހެންނެވެ.

 

 

ތިނެއް

ފޯނު ރަގަބީލު ވާއަޑު ސުޝީލާގެ ކަންފަތުގައި މަޑުމަޑުން ޖެހެމުން ދިޔައެވެ. އޭނާއަށް ހީވަމުން ދިޔައީ މީހަކު އޭނާގެ ސިކުނޑީގައި މަރުތޭލައަކުން ތަޅަމުން ދިޔަހެންނެވެ. އެނދުން ނުތެދުވާން ވެގެން އޭނާ ގަދަހަދައިގެން ފުރޮޅި ފުރޮޅި އޮތެވެ. ރަނގަބީލުގެ އަޑު ނުހުއްޓުމުން އޭނާއަށް ޖެހުނީ ތެދުވާށެވެ. އޭރުވެސް އޭނާގެ ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. ދެލޯ ރަތްކަމުން ހީވަނީ ދެ މަދޮށިހެންނެވެ.

ސުޝީލާ އޭނާގެ ބޮލަށް މަޑުމަޑުން ފިތާލާފައި ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖެއްސިއެވެ. އަދި ނިދިބަރު އަޑަކުން ބުންޏެވެ. “ހެލޯ!”

“އަދިވެސް ނުތެދުވަނީތަ؟ ވާހަކަ ދައްކަނީ ޖޫލީ.” އަނެއް ފަރާތުން ވާހަކަދެއްކި އަޑު އިވުނެވެ.

“ޖޫލީ! ބާއްޖަވެރި ހެނދުނަކަށް އެދެން.”

“ބާއްޖަވެރި ހެނދުނެއް.” ޖޫލީ ވާހަކަ ދެއްކިއެވެ. “ރޭ ބޭސް ކެއުމުން އެއްވެސް އަސަރެއް ކުރިތަ؟”

“ނުކުރޭ! އެ ހަތަރު ގުޅަ ބޭހުގެ އިތުރަށް ވަރުގަދަ ބުއިމެއް ވެސް ބޮއިގެން އަހަރެން ނިދީ. އަދިވެސް މިއުޅެނީ ބޮލުގައި ރިއްސާތީ.”

“ތިޔައީ ކިހާދެރަ ކަމެއް. ދެން ކިހިނެއް ހަދަންވީ؟”

“އަހަރެން ޚިޔާލުކޮށްގެން މިހިރީ ކޮންމެވެސް އަންހެން ޑޮކްޓަރެއްގެ ގާތަށް ދާން. އެންމެ ދެތިން ގަޑިއިރުގެ ތެރޭގައި ހުރިހާކަމެއް ނިންމާލަދޭނެ ޑޮކްޓަރ.”

“އެގާރަ ޖަހާއިރަށް ކަލޭ ތައްޔާރުވެގެން ހުންނާތި! އަހަރެން އެބަދަން.” ޖޫލީ ބުނެލިއެވެ.

“ނޫން ނޫން! މިއަދަކު ނުދެވޭނެ. މިއަދަކީ އަހަރެންގެ އުފަން ދުވަސް. ޑޮކްޓަރަށް ދާން ހަދާނީ މާދަމާ!”

“މިއަދަކީ ކަލޭގެ އުފަންދުވަސް ކަމެއް އަހަރެން ހަނދާނެއް ވެސް ނެތް. އުފާވެރި އުފަން ދުވަހަކަށް އެދެން.”

“ކަލެއަށް ފޯނުން ޝުކުރިއްޔާއެއް ނުދެވޭނެ. ޕާޓީއަށް އަންނާތި! ދެން ބާއްވަނީ. އަދި އިރުކޮޅަކު ނިދާލަން އަހަރެން ބޭނުން.”

ސުޝީލާ ފޯނުގެ އަތްގަނޑު ފޯނުގައި ބޭއްވުމުގެ ބަދަލުގައި އަތްގަނޑު އޭނާގެ މޭމަތީގައި ބާއްވައިގެން އޮށޯވެ ނިދައިފިއެވެ.

* * * * *

ފޯނު ރަނގަބީލުވާ އަޑު އިވުމުން ނިރޯތަމް ދާސް ހީކުރީ އޭނާއަށް މީހަކު ކުރި ފޯނެއް ކަމަށެވެ. އެހެންކަމަށް ހީކޮށް ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖެއްސުމުން ޖޫލީ އާއި ސުޝީލާ ދެއްކި ހުރިހާ ވާހަކައެއް ނިރޯތަމްއަށް އޮޅުންފިލިއެވެ. އެ ވާހަކަތަކުގެ އަޑު އިވުމުން އޭނާގެ މޫނުމައްޗަށް ކަންބޮޑުވުމާއި ހާސްކަމުގެ އަސަރުތައް ވެރިވިއެވެ. ފޯނުގެ އަތްގަނޑު މަޑުމަޑުން ބޭއްވުމަށްފަހު ފުން ވިސްނުމެއްގެ ތެރެއަށް ގެއްލި ހުރެ ނިވިފައި އޮތް ދުންބޯ ކަށިގަނޑު ދަމަން ފެށިއެވެ. އެ ވަގުތު އޭނާގެ ނޯކަރު ކޮފީ ތަށްޓެއް ހިފައިގެން އައިސް ސަލާމް ކުރިއެވެ. ސަލާމުގެ ޖަވާބު ދިނުމަށްފަހު ނިރޯތަމް ބުންޏެވެ. “ދަރިފުޅަށް ގޮވާލާފައި ބުނޭ މޫނު ދޮވެގެން އަވަހަށް އައިސް އަހަންނާ ބައްދަލުކުރާށޭ! އަދި ލުނބޯފަނި ތަށްޓެއް ވެސް ގެނެސްދީ!”

ނޯކަރު މީހާ ބޭރަށް ނިކުތުމުން ނިރޯތަމް ދާސް ކަށިގަނޑު ރޯކޮށްގެން ކަށިގަނޑުން ދުން ބޯންފެށިއެވެ. މިއަދު އޭނާއަށް ކޮފީތަށި ހުސްކޮށް ލެވުނީ އެހެން ދުވަސްދުވަހާ ޚިލާފަށް ވަރަށް ގިނަ އިރުންނެވެ. ކޮފީތަށި ބޮއި ހުސްވުމުން ކަށިގަނޑު ބޭއްވުމަށްފަހު އޭނާ ފާޚާނާއަށް ވަދެއްޖެއެވެ.

ބައިގަޑިއެއްހާ އިރު ފަހުން ފެންވަރައި ނިމިގެން ކޯޓު ފަޓުލޫނުލައި އޭގެ ގޮށް އަޅުވަނިކޮށް ކޮޓަރީގެ ދޮރުން ސުޝީލާ އެތެރެއަށް ވަންތަން ނިރޯތަމްއަށް މޫނުބަލާ ލޯގަނޑުން ފެނިއްޖެއެވެ. ސުޝީލާއާ ދިމާއަށް އެނބުރެމުން އޭނާ ބުންޏެވެ. “ދަރިފުޅުގެ އުފަން ދުވަސް ބާއްޖަވެރި ކުރައްވާށި!”

“ޝުކުރިއްޔާ ބައްޕާ!”

ސުޝީލާ ދެއަތް ދިއްކުރުމުން ނިރޯތަމް ދާސް ސުޝީލާ މެއާ ކައިރިކޮށް އޭނާގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ލޯބިން ސުޝީލާގެ މޫނަށް ބަލާލަމުން ބުންޏެވެ. “ދަރިފުޅު މިއަދު 18 އުއްބައްތި ނިވަން ޖެހޭނެ. އެތަން ދެކެން ދަރިފުޅުގެ މަންމަ ދުނިޔޭގައި ހުރިނަމަ ކިހާ އުފާވީސް!” ސުޝީލާ ނިރޯތަމް ދާސްގެ ނިތްކުރީގައި ބޮސްދީފައި ބުންޏެވެ. “މަންމަ ހުންނަ ގޮތެއް ވެސް އަޅުގަނޑު ހަނދާނެއް ނުހުރޭ. އަޅުގަނޑުގެ މަންމައަކީ ވެސް ބައްޕައަކީ ވެސް ތިޔައީ. ދަރިޔަކު ދެކެ މަޔަކަށް ވެވޭނެ ހުރިހާ ލޯތްބަކާއި އެހީއެއް ބައްޕަ ވަނީ އަޅުގަނޑަށް ދެއްވާފައި.”

ދަރިފުޅު ދެކެ ލޯބިވުމުގައި ކޮންމެވެސް ކަމެއް ބައްޕައަށް އުނިކުރެވިފައި ވާހެން އެބަ ހީވޭ. އެހެން ނޫންނަމަ ބައްޕަ ގާތު ދަރިފުޅު ނުބުނެ ބާއްވަން ޖެހޭ ސިއްރެއް އޮވެގެން ނުވާނެ.”

“ކީކޭތޯ؟” ސުޝީލާ ހައިރާން ކަމާއެކު ސުއާލު ކުރިއެވެ. “ބައްޕަ ތިބުނުއްވި ވާހަކައެއް އަޅުގަނޑަކަށް ނޭނގުނު.” ނުނިމޭ

 

 

ފަހުގެ އަޕްޑޭޓް