އާދަމް ޙަލީމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އަވަސް އޮންލައިންގެ ޗީފް އެޑިޓަރު (މުންޑޫ) އާދަމް ޙަލީމްގެ މައްސަލަ ބަލައިދިނުމަށް އެދި 73 ނޫސްވެރީންގެ ސޮޔާ އެކު ކަމާބެހޭ އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަނުގައި 19 މީޑިއާ އެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ވަނީ ސޮއިކޮށްފައެވެ.

މިޕެޓިޝަންގައި ބުނެފައިވަނީ ”އަވަސް އޮންލައިން“ގެ ޗީފް އެޑިޓަރ އާދަމް ޙަލީމް އެނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރީންތަކަކާއި މުވައްޒަފުންތަކަކަށް ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ވާހަކަތަކެއް ޓުވިޓާގައި ޢާންމުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ނޫހެއްގައި އިތުބާރުކުރެވޭ އިސް ފަރާތަކަށް މިފަދަ ތުހުމަތުތަކެއް ކުރުމަކީ އެކަމާ މެދު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، ނޫސްވެރީންގެ ދާއިރާގައި އަންްހެނުންނަށް ހަމަހަމަ ފުރުސަތުތަކަކާއި ރައްކާތެރި މާޙައުލެއް ފަހިކޮށްދީ، މަސައްކަތުގައި ދެމިތިބުމަށް އިންތިހާއަށް ހިތްވަރުދދޭން ޖެހޭއިރު، ދާއިރާގައި ތަޖުރިބާކާރު އަދި ޝަރަފުވެރި އެވޯޑުތައް ލިބިފައިވާ ފަރާތްތަކުގެ މަސައްކަތުގެ މާހައުލުގައި މިފަދަ ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ވީމިޑިއާގައި އާދަމް ޙަލީމް މަސައްކަތް ކުރެއްވި އިރު އެތަނުގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި ހަމަލަދޭ ވީޑިއޯއެއް ވެސް ވަނީ ޢާއްމުވެފައި ކަމަށެވެ.

ޕެޓިޝަނުގައި ސޮއިކުރި ނޫސްވެރިން އެދިފައި ވަނީ މިފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް މީގެ ކުރިން ދައުލަތުންނާއި އެކިއެކި އިދާރާތަކުން ދީފައިވާ އެވޯޑުތަކާއި ޝަރަފުތައް އަނބުރާ ނެގުމާ މެދު ވިސްނުމަށާއި، މި މައްސަލަތައް ބަލައި އެކަން ސާބިތުވާ ނަމަ ހައްގު އަދަބުދީ، ފިޔަވަޅު އެޅުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ ގޮވާލައިފައި ވެއެވެ.

އެގޮތުން އާދަމް ހަލީމަށް ނޫސްވެރިކަމުގެ ރޮނގުން 2010 ވަނަ އަހަރު ސަރުކާރުން ދީފައިވާ ގައުމީ އިނާމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އަހަރު ދިން ”ނޫސްވެރިކަމުގެ ރަން ގަލަން“ އޭނާގެ ކިބައިން އަތުލުމަށާއި މިފަދަ އެވޯޑެއް ލިބިފައިވާ ފަރާތްތަކަށް ފަހުން ވެސް އެފަދަ ތުހުމަތެއް ކުރެވޭ ނަމަ އެ އެވޯޑަކާއި ޝަރަފުތައް އަތުލެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމުކޮށް، އަދި އެ އުސޫލުތައް ތަންފީޒުކުރުމަށް ވެސް އަޅުގަނޑުމެން ނޫސްވެރިން އެދެމެވެ.“ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ނޫސްވެރިންގެ ޕެޓިޝަނުގައި އިތުރަށް އެދިފައި ވަނީ މުސްތަގުބަލުގައި ވެސް އެއްވެސް އިދާރާއަކުން އެވޯޑުތައް ދޭ އިރު މިފަދަ ސީރިއަސް ތުހުމަތުތައް ކުރެވޭ މީހުންނަށް އެތަކެތި ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައެޅުމަށެވެ.

ނޫސްވެރިކަމުގެ ދާއިރާގެ އަގު ހިފެހެއްޓުމަށާއި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފައްދައި އަންހެނުންނާއި ޒުވާނުން މި ދާއިރާއަށް ނެރުމަށް ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެއް ކަމަށްދެކޭ ކަމަށާއި ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެ މީހުންގެ ހައްގުގައި މަސައްކަތްކޮށްދިނުމަށް ދިވެހި ދައުލަތުގެ އެންމެންހާ މުއައްސަސާތަކުގެ ކިބައިން އެދޭ ކަމަށްވެސް ބަޔާން ކޮށްފައި ވެއެވެ.

މިޕެޓިޝަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މޯލްޑިވްސް މީޑިއާ ކައުންސިލް، ޖެނންޑާ މިނިސްޓްރީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް