ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަކުރި ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު (އެމްޑީ)އަށް ދައުލަތުން އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްފި އެވެ
.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލާފައިވަނީ މީގެކުރިން 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ވަނީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައެވެ.
މިމައްސަލަ ގައްދޫ ކޯޓުން އިއްޔެ ނިންމާފައި މިވަނީ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަށް ނުގޮސް ގައްދޫ މެޖިސްޓްރޭޓު ކޯޓުގައި އޮންނަތާ އެތައް އަހަރެއް ފަހުންނެވެ.
މައްސަލައިގެ ތުހުމަތުގައި ފުލުހުން މުހައްމަދު ހައްޔަރުކޮށްފައި ހުއްޓާ ގައްދޫ ކޯޓުން މީގެކުރިން މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ވަނީ އޭނާ ދޫކޮށްލުމަށްވެސް އަމުރުކޮށްފަ އެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުހައްމަދު ހުރީ ގދ. ތިނަދޫގައި ފުލުހުންގެ ބަންދުގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވީވެސް ޖަލުގައި ހުންނަވައިގެންނެވެ.
މުހައްމަދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ގައްދޫ ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން މިއަދު އޭނާ ވަނީ އަލުން އޮފީހަށް ނިކުމެ ވަޑައިގެން ގައްދޫ ކައުންސިލްގެ ރައީސްގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ.
ގައްދޫ ކޯޓުން މި މައްސަލަ ނިންމާފައިވާއިރު، މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތަށް 60 ދުވަސް ލިބޭނެއެވެ. ފީޖީން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.