ތެލުގެ ވިޔަފާރިކުރާ ފިއުލް ސަޕްލައި މޯލްޑިވްސް( އެފްއެސްއެމް)ގެ މުވައްޒަފުންގެ މުސާރަ މި މަހު ލިބޭނީ މިނިމަމް ވޭޖާއި އެއްގޮތަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
އެފްއެސްއެމް ރީބްރޭންޑް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގަސަމް ވިދާޅުވީ ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް އަމަލުކުރަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އެކުންފުނިން މިހާރު ކޮށްފައިވާކަމަށެވެ.
“ އެގޮތުން ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް ގެންނަ ބަދަލާއިއެކު އެފްއެސްއެމްގެ 185 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ. މިމަހު މުސާރަ ދޭނީ މިނިމަމް ވޭޖްގައި ކަނޑައަޅާފައިވާ ގޮތާއި އެއްގޮތަށް.“ ގަސަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިމަމްވޭޖާ އެއްގޮތަށް މުއައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ވެސް މިހާރު ގެނެސް ނިމިފައިވާކަމަށެވެ.
ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖްގެ އުސޫލަށް އެންމެ ފުރަތަމަ އަމަލުކުރަންފެށި ކުންފުންޏަކީ އެސްޓީއޯއެވެ. އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
މިނިވަން ވޭޖް އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ. މިނިމަމް ވޭޖާ އެއްގޮތަށް އަމަލު ކުރަން ފަށަން ޖެހެނީ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ދާއިރާތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖް:
- ކުދި ވިޔަފާރިތަކަށް، މަހަކު 4500 ރުފިޔާ
- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000 ރުފިޔާ
- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000 ރުފިޔާ
- ސިވިލް ސާވިސް، މަހަކު 7000 ރުފިޔާ
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަންޏެވެ. އެ ގޮތުން އެ މީހުންގެ އުޖޫރަ ހަމަޖެއްސުމުގައި މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސް އޭގައި ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި އެ އުޖޫރައިގެ ތެރޭގައި ނުހިމެނެނޭނެ އިނާޔަތްތަކުގެ ތެރޭގައި، އިތުރު ގަޑީގެ އިނާޔަތާއި، ރަމަޟާން މަހުގެ އިނާޔާތް އަދި ސާވިސް ޗާޖް ހިމެނެއެވެ.
މިނިމަމްވޭޖާއެކު މުވައްޒަފުންނަށް މުސާރަ ދިނުމައްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 600 މިލިޔަން ރުފިޔާ ސަރުކާރުންވަނީ ހިމަނާފައެވެ.