119  ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 

 

 

މާލެ ސިޓީގައި މި ހަފްތާތެރޭގައި ހިންގި އޮޕަރޭޝަނުގައި  ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅިގެން ތިން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

 

ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެެއްކަމަށް ވެސ ްފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މާލެއިން ތިން ގެ އަކާއި ހުޅުމާލެއިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.  އަދި ޓެކްސީއަކާއި ޕްރައިވެޓް ކާރެއްގެ އިތުރުން ތިން ސައިކަލެއްވެސް  ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހަކު ހައްޔަރުކުރީ މިމަހުގެ 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާއެކު އެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ ޑްރަގް ވަނީ ހޯދާފަ އެވެ.

 

އަދި މިމަހުގެ 14 ވަނަ ދުވަހު މި މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް، ހުޅުމާލެއިން ކާރެއް ބަލައި ފާސްކުރި އެވެ. ފުލުހުން ބުނީ އެކާރުން ވެސް ގިނަ އަދަދެއްގެ ޑްރަގް ހޯދާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 51 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ. އަދި 29 އަހަރުގެ މީހާއަށް ފުރަތަމަ އެއް ދުވަސް އަދި ފަހުން 14 ދުވަހުގެ ބަންދު މުއްދަތެއް ވަނީ ދީފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް