”އިންޑިއާ އައުޓް“: ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާނެ

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިޔާގެ ނުފޫޒު ވައްދަން ކުރާ މަސައްކަތްތައް އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިވާހަކަތައް ދިވެހި މުޖުތަމަޢުގައި އަންނަނީ ގުގުމަމުންނެވެ. އެ އަޑުތަކުން ކޯލިޝަން ސަރުކާރަށް ވެސް ދަނީ ގުޑުން އަރަމުންނެވެ. މިކަމާގުޅިގެން ގައުމުގެ ހަލަބޮލިކަން އަންނަނީ އިތުރުވަމުންނެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހިންވަނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ބާއްވާފައެވެ. މާލޭ ސިޓީގެ އިތުރުން ފުވަމުލަކު ސިޓީގައި އޮތް މި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

އިންޑިޔާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރު ހިފައިގެން މިނިވަންކަމާއެކު އުޅުމުގެ ހުއްދަ ދެވިފައި އޮތުމާ ގުޅިގެން ބޭއްވުނު މުޒާހަރާތައް ވެގެން ދިޔައީ މީސް މިޑިޔާގައި ވަރަށް ބޮޑަށް ވައިރަލް ވި ކަމަކަށެވެ. ”އިންޑިޔާ އައުޓް“ ގެ ނަމުގައި އުފެދުނު ހޭޝްޓެގް ޓްވިޓާގައި ހަލުވި ކަމާއިއެކު ފެތުރުނެވެ. ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން އިންޑިޔާގެ ޕަޕެޓަކަށް ވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ރައީސް ޔާމީނުގެ ދައުރުގައި އިންޑިޔާއަށްވުރެ ބޮޑަށް އެމަނިކުފާނު ގުޅުން ބަދަހި ކުރައްވަން މަސައްކަތް ކުރައްވާފައި ވަނީ ޗައިނާ ސަރުކާރާ އެވެ. ސިނަމާލޭ ބްރިޖް ފަދަ ބޮޑެތި މަޝްރޫއުތައް އެމަނިކުފާނު ވަނީ ޗައިނާ ސަރުކާރާ ގުޅިވަޑައިގެން ކުރިއަށް ގެންދަވާފައެވެ.

ރައީސް ޔާމީން ޖަލު ހުކުމުން މިންޖުވުމާ ގުޅިވަޑައިގެން ބޭއްވެވި ފުރަތަމަ އެއްވުމުގައި ވާހަކަ ފުޅުދައްކަވަމުން އަޑަށް ވަރަށް ބާރުލައްވާ ”އިންޑިއާ އައުޓް“ ޝިޢާރު ދިރުވައި ބައިވެރީންނަށް ހިތްވަރުދެއްވަމުން ވިދާޅުވިއެވެ. “ މޭޖަރ ޖެނެރަލް ޝަމާލަކީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާކުއްޖެއް. ހެލިކޮޕްޓަރ މައްސަލައިގައި އަޅުގަނޑުގެ ސަރުކާރު ކުރި މަސައްކަތް އެހެރީ ފެންނަން.“

ރައީސް ޔާމީނުގެ ވާހަކަފުޅުން ސަރުކާރުން ހެލިކޮޕްޓަރ ފޮނުވާލުމަށް މަސައްކަތްތަކެއް ކުރިކަމާއި އެކަން ކާމިޔާބު ނުވިކަން ދޭހަވިއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ”ކޮތަރުކޮށި“ ޖަލްސާގައި އެމައްސަލަ އިތުރަށް ރައީސް ޔާމީން ތަސްވީރު ކޮށްދެއްވިއެވެ. ”ސްޕްރީމް ކޯޓުން ކުރި ހުކުން ތަންފީޒު ނުވާންވީ ސަބަބެއް އިންޑިޔާއަށް އަކަށް ނުވިސްނޭ. އެތަންފީޒު ކުރަން ޖެހޭ ކަމަށް ދުށީ.“

މިފަދަ މޭރުމަކުން އިންޑިޔާގެ އޭރުގެ ފޮރިން މިނިސްޓަރ ސޮއިކުރައްވައި ފުލުފުލުގައި ސިޓީފޮނުވައި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން އުޅުނުކަމަށް ޔާމީން ވިދާޅުވިއެވެ. އެންމެ ފަހުން އެމަނިކުފާނަށް ޖެހިވަޑައިގަތީ އެކަމާ އަޅާނުލައްވައި ޖަވާބެއް ނުދެއްވައި ހުންނަވާށެވެ. އިންޑިއާ ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހެމުން ދިޔަ މިން ވަރު އެހެރީ ސާފުކޮށް ފެންނާށެވެ.

ރައީސް ޔާމީނު ފަދަ ގަޓު، ހަރުކަށި ރައީސަކަށް އެކަން ނުކުރެވުނުއިރު މިހިރަ މަޑުކަށި ޞާލިޙު ރައީސުގެ ދައުރުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނީ ކިހިނެއް ހެއްޔެވެ؟ ނަރެއް ހާތަން ދޫކޮށްލިއްޔާ ކެނބެއް ހާތަން ދަމައި ގަންނާނެއޭ މުސްކުޅިން ބުނަނީ މިހެންވެގެންނެވެ.

އިންޑިޔާ ރާއްޖޭގައި ފައިގަދަކުރަން ކުރާ މަސައްކަތަށް، މަދު ފައިސާކޮޅަކަށް ހެއްލި މިއަދު އެފުރުސަތުތައް ސަރުކާރަށް ފަހިކޮށްދެމުން ދިޔުމުން މިނިވަންކަމަށް އޭގެ ނޭދެވޭ އަސަރު ކުރާކަމުގެ ނުރައްކާތެރި ރަނގަބީލުގެ އަޑުއަން އަންނަނީ ގަދަވަނުންނެވެ. ”އިންޑިއާ އައުޓް“ގެ އަޑު ދަނީ ގަދަވަމުންނެވެ.

ނަތީޖާ ފެންނާނެއެވެ. ނަމަވެސް ނަތީޖާ ފެންނަން ދުވަސްތަކެއް ނަގާފާނެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް