ކ. ގާފަރުގައި ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ގާފަރުގައި ފުލުހުންގެ ޕޯސްޓެއް ހުޅުއްވައި އެތަނުގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ފުލުހުންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ގައުމުގެ އިގްތިސާދާއި ގުޅިފައިވަނީ އަމާންކަމާއި ރައްކާތެރިކަން ކަމަށް ވާތީ މުޅި ރާއްޖެއަކީ އަމާން ސުލްހަވެރި ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ފެށުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.
ރައީސުލް ޖުމުހޫރިއްޔާ އާއި ހަވާލާ ދެއްވައި ހޯމް މިނިސްޓަރު ވިދާޅުވީ 2023ގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށޭނެކަމަށެވެ.
އަދި މީގެ އިތުރުން އަވަށްޓެރި ފުލުހުންގެ ހިދުމަތް ވެސް ފުޅާކުރައްވަމުން އަންނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގާފަރުގައި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމާއެކު، މާލެ އަތޮޅުގައި ފުލުހުންގެ ހިދުމަތް ނުފެށިވަނީ ދިއްފުށީގައި އެކަނި ކަމަށާ އެރަށުގައި ފުލުހުންގެ ހިދުމަތް އަންނަ އަހަރު ފެށޭނެކަމަށެވެ.
ގާފަރުގައި ފުލުހުންގެ ހިދުމަތް ފެށުމަށްފަހު، ޕޮލިސް ޕޯސްޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވަނީ ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.