އިދިކޮޅު ޕީޕީއެމް / ޕީއެންސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި “ ކޮތަރުކޮށި“ ނަމުގައި ބާއްވަން އުޅުނު ޖަލްސާ މާލޭގައި ބާއްވަން ނިންމައިފިއެވެ.
އިދިކޮޅުން ބުނީ މި ޖަލްސާ މާލޭގައި ބާއްވަން ނިންމީ ހުޅުމާލޭގައި ޖަލްސާ ބާއްވަން އެޗްޑީސީއާއި ފުލުހުން އެއްބާރުލުން ނުދިނުމުންކަމަށެވެ.
މި ޖަލްސާ މިހާރު ބޭއްވުމަށް ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައި މާދަމާ ރޭކަމަށް ވެސް އިދިކޮޅުން ބުނެއެވެ.
މި ޖަލްސާ ބާއްވަން އިދިކޮޅުން ފުރަތަމަ މަސައްކަތްކުރީ ހުޅުމާލޭ ގައެވެ. ރައީސް ޔާމިން ދައުރުގައި އަޅާފައިވާ ހިޔާ ފްލެޓްތައް ސަރަހައްދުގައި މި ޖަލްސާ ބާއްވަން އިދިކޮޅުން ނިންމީ މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގައިގެންނެވެ. ނަމަވެސް ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް ފުލުހުންނާއި އެޗްޑީސީން ވަނީ އެތައްޔާރީތައް ހުއްޓުވާފައެވެ.
ޖަލްސާއަށް ހުރަސް އެޅުމަށް ޖަލްސާ ބާއްވަން އުޅުނު ސަރަހައްދުގައި އެޗްޑީސީން ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިވާއިރު، ފުލުހުން ވަނީ އެ ޖަލްސާއަށް އެއްބާރުލުން ދޭނީ އެޗްޑީސީން ހުއްދަ ދިނުމުން ކަމަށް ބުނެ ޖަލްސާއަށް ހުރަސްއަޅާފައެވެ.
ރައީސް ޔާމިންވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އިދިކޮޅުން ބާއްވަން އުޅުނު ޖަލްސާއަށް އެޗްޑީސީން ހުރަސް އެޅުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ދެމެދުވަނީ ބޮޑު ހަނގުރާމައެއް ފެށިފައެވެ. މާލެ ސިޓީ ކައުންސިލުން އެޗްޑިސީގެ ރަޖިސްޓްރީ ބާތިލް ކޮށްފައިވާއިރު އެ މައްސަލަ އެޗްޑީސީން ވަނީ ކޯޓަށް ވެސް ވައްދާފައެވެ.