ފިރިން މަރުވެ ހުވަފަތްވާ އަންހެނުން ފިރިމީހާގެ އާއިލާގެ އެހެން ފިރިހެނަކާ ކައިވެނި ކުރާކުރުން ހުއްޓުވާނެ ކަމަށް އަފްއާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާނުން ބުނެފިއެވެ.
ތާލިބާނުންގެ ލީޑަރު ހިބަތުއްލާ އަކުންޒާދާ ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ ގައުމުގައި އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއްވެސް އަންހެނަކު ގަދަކަމުން މީހާ ކައިވެނިކުރުވުމަކީ މީގެ ފަހުން މަނާ ކަމެއް ކަމަށާ އަންހެން މީހާގެ ފިރިމީހާ މަރުވެ ހުވަފަތް ވުމުން އެ އަންހެން މީހާ ބޭނުން މީހަކާ އިނުމުގެ ހައްގު މީގެ ފަހުން އެގައުމުގައި އޮންނާނެ ކަމަށެވެ.
”އަންހެނުންނާއި ފިރިހެނުން، ދެބައި މީހުން ވެސް ހަމަހަމަވާންވާނެ. އަންހެނުންނަށް މަޖުބޫރުކޮށް، ގަދަ ބާރު ދައްކައިގެން އެއްވެސް މީހަކަށް އެ މީހުންނާ ކައިވެންޏެއް ނުކުރުވޭނެ،“ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވ.
ހުވަފެންވާ އަންހެން މީހާ އޭނާގެ މަރުވި ފިރިމީހާގެ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ އާއިލާގެ އެހެން ފިރިހެނަކާ ކައިވެނި ކުރުވުމަކީ ޒަމާނުއްސުރެ އަފްގާނިސްތާނުގައި ކަންކުރަމުން އައި އުސޫލެވެ.
އަންހެނުންގެ ހައްގުތަށް ހޯދައި ދިނުމަށް ވަކާލާތުކޮށް ތާލިބާނުން ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ އަންހެނުންނަކީ މުދަލެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާ އަންހެން މީހާގެ ފިރިމީހާ މަރުވާތާ 17 ހަފްތާއިން އޭނާ ބޭނުންވާ އެހެން މީހަކާ އިނުމުގެ ހައްގު މީގެ ފަހުން އެ އަންހެނަކަށް އެގައުމުގައި ލިބޭނެކަމަށެވެ.
ތާލިބާނުން ބުނީ އެގައުމުގައި އަންހެނުން ބާރުވެރިކޮށް އަންހެނުނަށް ލިބެންޖެހޭ ހައްގު ހޯދައި ދިނުމަށް ގިނަ މަަސައްކަތްތަކެއް ރާވައި ހިންގަމުން އަންނަ ކަމަށެވެ. އެގައުމުން ނެރުނު ބަޔާނާއި ގުޅިގެން އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށް ވަކާލާތުކުރާ ޖަމާއަތްތަކުން އަންނަނީ ތާލިބާނުންގެ ނިންމުމަށް މަރުހަބާކިޔަމުންނެވެ.
އެމެރިކާ ސިފައިން އަގްއާނިސްތާނުގައި 20 އަހަރު ވަންދެން ތިބުމަށްފަހު އޮގަސްޓް މަހުގައި އެގައުމުގައި ތިބި އެމެރިކާއާއި އެހެން ގައުމުތަކުގެ ފައުޖުތައް ފޭބުމާއި ގުޅިގެން އެގަމުގައި އެމެރިކާ ސިފައިން އެރުމުގެ ކުރިންވެސް ވެރިކަން ކުރަމުން އައި ތާލިބާނުންވަނީ ވެރިކަމަށް އަރައިފައެވެ.