އިދިކޮޅުން “ ކޮތަރުކޮށި“ ނަމުގައި ބޮޑު ޖަލްސާއެއް ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.
އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މި ޖަލްސާ އޮންނާނީ މިއަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތަކުގެ މެދުގައި ކަމަށެވެ.
ސުޖާ ވިދާޅުވީ މިޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހުގެ ރޭ 8:30 ގައި ކަމަށް ވެސް ސުޖާ ވިދާޅުވިއެވެ.
ޝުޖާއު ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެންބަރުންގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ސަޕޯޓްކުރާ ހުރިހާ ރައްޔިތުން އެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތު ދެއްވާފަ އެވެ.
މިއީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ 2 އަހަރު ދުވަސް ތަންފީޒުކުރެއްވި ފަހުން ސްޕްރީމް ކޯޓުން އެހުކުމް ބާތިލު ކުރިފަހުން ރައީސް ޔާމީން އާންމުންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވާ ދެ ވަނަފަހަރެވެ.
ޔާމީން ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމުން އެމަނިކުފާނު ސަލާމަތްވުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި އެމަނިކުފާނަށް ސަޕޯޓަރުން އުފާފާޅުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު ޕާޓީއަށް މީހުން އިތުރުކޮށް ޕާޓީ ވަރުގަދަކުރުމަށް ރައީސް ޔާމިން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
One Response
ބަރާބަރު. ކުރިޔަށް ކުރިޔަށް ބާރަށް ޕޮރޮގްރެސިވް ކޯލިޝަން.