ލުބުނާނުގެ ސަރުކާރުގެ އިސްވެރިންތަކެއް މަޤާމުން އިސްތިއުފާ ދީފިއެވެ. މިކަން ހިނގާފައިވަނީ ބެއިރޫތުގައި ހިނގައިދިޔަ ބާރުގަދަ ގޮވުންތަކުގެ ސަބަބުން އެޤައުމުގެ ގިނަ ބަޔަކު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔުމުގެ ސަބަބުންނެވެ. މިގޮވުންތަކުގައި ވަނީ 160އަށް ވުރެން ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމް ވެފައެވެ.
ލުބުނާނުގެ ބޮޑުވަޒީރު މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު އެޤައުމުގެ ޓީވީ ޗެނަލްތަކަށް ދިން ބަސްދީގަތުމެއްގައެވެ. އޭގެ ކުރިން އެގައުމުގެ ހެލްތް މިނިސްޓަރ ހަމަދް ހަސަން، ކެބިނެޓް މީޓިންގް އަށް ފަހު މުޅި ސަރުކާރު އިސްތިއުފާދިން ކަމަށް ބުނިކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރިއެވެ. ބޮޑުވަޒީރު ހަސަން ދިއާބް އިސްތިއުފާ ދިނުމުގެ ކުރިން ސަރުކާރުގެ ބައެއް ކެބިނެޓް މިނިސްޓަރުންވެސް ވަނީ އިސްތިއުފާ ދީފައެވެ. އޭގެ ތެރޭގައި ޖަސްޓިސް މިނިސްޓަރ، އިންފޯމޭޝަން މިނިސްޓަރ އަދި އެންވާރަމެންޓް މިނިސްޓަރ ވެސް ހިމެނެއެވެ.
ބެއިރޫތުގައި ހިނގި ގޮވުންތަކަކީ ”އެންޑަމިކް ކޮރަޕްޝަން“ގެ ނަތީޖާކަމަށް ބޮޑުވަޒީރުވަނީ ސިފަކޮށްފައެވެ.
ލުބުނާނުގައި މުޒާހަރާކުރަމުން ގެންދާ އާންމުންނާ ދެކޮޅަށް ހަރުކަށި ބާރުގެ ބޭނުން ކުރަމުން ދާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓު ކޮށްފައެވެ. މިގޮތުން ކަރުނަ ގޭހާއި، އެކިވައްތަރުގެ ބަޑިން އާއްމުންނަށް ހަމަލާދޭ މަންޒަރާއި ފޮޓޯތައް ވަނީ އާންމު ވެފައެވެ. މުޒާހަރާގައި ޒަޚަމްވީ ބައެއް މީހުންނަށް ފަރުވާދިން ޑޮކްޓަރުން، ލުބުނާނު ސަރުކާރުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ރިޕޯޓުތަށް ބުނެއެވެ.
ލުބުނާނުގެ ސަރުކާރު އިސްތިއުފާދިންކަން އަންގައި ލުބުނާނުގެ ރައީސަށް ދިން ސިޓީ ބަލައިގަނެ، ރައީސްވަނީ ސަރުކާރުގެ އިސްތިއުފާ ބަލައިގަނެފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ލުބުނާނުގައި ސިޔާސީ ހަމަނުޖެހުންތައް އުފެދި މުޒާހަރަތައް ކުރަމުން ދާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ސަބަބަކަށް ވެފައިވަނީ އެޤައުމުގެ އިޤްތިޞާދު ދުވަހުން ދުވަހަށް ދަށަށް ގޮސް ގިނަ ބައެއްގެ ވަޒީފާ ގެއްލުމެވެ. މުޒާހަރާތައް ކޮވިޑު19 އާއި ގުޅިގެން މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފެށީ ބެއިރޫތުގެ ގޮވުންތަކާއި ގުޅިގެންނެވެ.