އިންޑިއާ އައުޓު! އިންޑިއާ އައުޓު! "އިންޑިއާގެ ޢަސްކަރިއްޔާ ޖެހެނީ ރާއްޖެއިން ފައިބަން": ރައީސް ޔާމީން

Loading

Facebook
Twitter
WhatsApp

އިންޑިއާ އައުޓު! އިންޑިއާ އައުޓު! އޭ ގޮވައި ރާއްޖޭގެ އެތައްހާސް ބަޔަކު އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބަން ގޮވަމުންދަނިކޮށް ”އިންޑިއާގެ ޢަސްކަރިއްޔާ ޖެހެނީ ރާއްޖެއިން ފައިބަން“ ކަމަށް ކުރީގެ ރައީސް ޔާމީން ވެސް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި އިންސާފެއް ނެތް ހުކުމާ ގުޅިގެން ދެ އަހަރަށްވުރެ ގިނަ ދުވަހު ބަންދުގައި ގައި ހުންނަވަނިކޮށް ސްޕްރީމް ކޯޓުން އެ މައްސަލަ ބާޠިލުކޮށް ރައީސް ޔާމީނު މިނިވަން ކުރުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ ގުޅިގެން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ތަކުރާރުކޮށް ދިވެހިރާއްޖެއަކީ އިންޑިއާގެ ޓައުނެއް ނޫންކަމަށް ވިދާޅުވިއެވެ.

”އިންޑިއާއަކީ އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރި އަވަށްޓެރި ގައުމު. އެކަމަކު އިންޑިއާ ގަބޫލުކޮށްގެން ނުވާނެ އަޅުގަނޑުމެން މީ އިންޑިއާގެ ޓައުނެކޭ. މީ އިންޑިއާގެ ޓައުނެއްނޫން! މިތާގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވަނީ އިންޑިއާގެ ގަވަރުނަރެއްނޫނޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ. “ މި ސަރަހައްދުގައި އޮތަސް އަޅުގަނޑުމެންނަކީ އެމީހުންގެ ނަސްލުގެ ބައެއްނޫނޭ! އަޅުގަނޑުމެން އިންޑިއާގެ ރަޙުމަތްތެރި ރައްޔިތުންނަށް އިޙުތިރާމް ކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތަނުގައި އިންޑިއާ ސިފައިން ތިބޭކަށް ނުޖެހެއޭ“

ރައީސް ޔާމީން އިތުރަށް ވިދާޅުވިއެވެ.

”އިންޑިއާގެ ޢަސްކަރިއްޔާ ޖެހެނީ ރާއްޖެއިން ފައިބަން. އިންޑިއާގެ ޢަސްކަރިއްޔާއަކަށް ރާއްޖެއަކު ޖާގައެއްނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މިދަންނަވަނީ ކުރީގައި ރައީސްކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިދަންނަވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މިދަންނަވަނީ އެތައްހާސް ރައްޔިތުން ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މިދަންނަވަނީ އަޅުގަނޑުމެން ބޭނުމެއްނުވެޔޭ އިންޑިއާގެ މިލްޓްރީގެ އެންމެ މީހަކުވެސް އެންމެ ބޫޓު ޖޯޑެއްވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވެއޭ.“

”މަރުޙަބާ ރައީސް ޔާމީން“ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ ފެށުމުގެ މާކުރިން ޕީޕީއެމް-ޕީއެންސީގެ މެންބަރުންނާއި ތަރުހީބުވެރިން ގޮނޑިތައް ފުރައިލިއެވެ. އެ ޖަލްސާގައި ވަރަށް ގިނަ އަދަދަކަށް އަންހެނުން ބައިވެރިވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ލީޑަރ ޢަބްދުއްރަޙީމް ޢަބްދުﷲ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނިވަޑައިގަތެވެ.

ރައީސް ޔާމީނު ދެ އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޖޯކު ޖައްސަވައި ހެއްދެވިއެވެ.

”ރައީސް ޔާމީނުގެ ވެރިކަމުގައި ބްރޭންޑް ނިއު 104000 ވަޒީފާ އަޅުގަނޑުމެން އުފެއްދީމޭ ކީއްވެގެންތޯ އެމީހުން ވަޒީފާގައި ނެތީ؟“ ޔާމީން ވިދާޅުވިއެވެ. ”އަޅުގަނޑު އިހަށްދުވަހު ރައީސް ޞާލިޙުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު ވިދާޅުވި ވާހަކަ އަޑުއެހިން. ތިމަންނަމެން ހަ ހާސް ވަޒީފާ އުފައްދައިފީމޭ. މިއޮތީ ބޮޑު ކަމެއްނޫންތޯ ކުރެވިފައި ކިހާ ބޮޑުކަމެއްތޯ އެކުރެވުނީ؟“

ޔާމީނުގެ ވެރިކަމުގައި ވަރަށް ފުރިހަމަޔަށް ހަދާފައިވާ ރަސްރަނި ބަގީޗާގެނަން، ސަލްޓަން ޕާކަށް ބަދަލު ކުރުމަކީ ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ހިންގެވި ބޮޑު މަޝްރޫޢެއް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ. ”އަޅުގަނޑަށް އެނގޭ އަނެއްކާވެސް ދިވެހިރާއްޖެ ސަލާމަތް ކުރަން ޖެހޭނީ އަޅުގަނޑުމެންކަން.“

ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުން ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެންނަވައި ތަރައްގީގެ މަގުގައި ގައުމު ކުރިއަށް ގެންދިއުމުގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތަކެއް ކުރައްވަނޭކަމަށް ރާއްޖޭގެ އެތައް ލައްކަ ބަޔަކު ތިބީ ވަރަށް ބޮޑަށް އުއްމީދުކޮށްގެންނެވެ.

 

Loading

One Response

  1. އިންޑިއާ އައުޓް ކުރެވިދާނެއެވެ. ނަމަވެސް އެޓް ކޮން ކޯސްޓެއްގަތޯ ވިސްނާލާށެވެ. ޖީއެމްއާރ އަތުން އެއަރޕޯޓް އަތުލަން 300 މިލިއަން ޑޮލަރު. ދެން ދެ ސަރުކާރު ދެމެދު ހެދިފައިވާ މިފަދަ އެގްރީމެންޓެއް ދުއްވާލަން ދާނެ ޚަރަދު؟ ކާކު ޚަރަދު ބޮލުގައި އަޅަނީ. މާރިޔާ. ސަޓޯ؟ ސޫލިޙު؟ އަންނިބެ؟ ކާކު؟؟ ޝަމާލު؟ ޙަރާމް ވާނެ ތީގެން އެކަކުވެސް ޒިންމާއެއް ނުނަގާނެއެވެ. ވެރިކަން ލިބުނީމާ ޔާމީނުވެސް އެ ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށްވެސް ނުގެނެވި ރީކޯ މޫސަ މެންހެން ޕޕއެމް އާއި ގުޅިލައިގެން އިތުރު ފައިދާ ވައްކަމުން ނަމަވެސް ހޯދާނީއެވެ. ދިވެހިންނަށް ހެޔޮ ބަދަލެއް ބޭނުމެވެ. ދުޢާއަކީ ރައިސް ޔާމީނު މިފަދަ ގައުމަށް ގައްދާރުވެފައިވާ މީހުންގެ މައްޗަށް ޝަރިޢަތް ހިންގައިދީ ދައުލަތުން ގެއްލުނު ފައިސާ އެމީހުންގެ ތަރިކަ ވިއްކައިގެން ވެސް ހޯދައި ދިނުމެވެ. އަދި ޕޕއެމްގެ ފަހުލަވާނުންވެސް އަދީބުމެންހެން ދައުލަތް ރޭޕް ނުކުރެވުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް