ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިއެއްކަމުގައިވާ ކެޓްރީނާ ކާއިފާއި ވިކީ ކޯޝަލްގެ ކައިވެނީގެ އެކިއެކި ޚަބަރުތައް އިންޑިއާގެ މީޑިއާތަކުން ގެނެސްދެމުންތާ ދެމަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ކެޓްރީނާ އާއި ވިކީގެ ކައިވެންޏާ ބެހޭ ގޮތުން އެ ދެމީހުން ހިމޭނުން ތިބިއިރު ހުރިހާ ޚަބަރުތަކެއްހެން ގެނެސް ދެމުން ދަނީ އެ ދެމީހުންގެ އާއިލާގެ މީހުންނާއި ރައްޓެހީންނެވެ. އެއްބަޔަކު އެކައިވެނި ކުރަން ނޫޅޭކަމަށް ބުނަމުންދާއިރު އަނެއް ބަޔަކު ދަނީ ކައިވެންޏާ ބެހޭ ތައްޔާރީތަކުގެ ޚަބަރުތައް އަލިފުން ޔާއަށް ގެނެސް ދެމުންނެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ޑިސެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ކައިވެނީގެ ރަސްމިއްޔާތު ތިން ދުވަހަށް ދެމިގެން ދާނެއެވެ.
ކައިވެނީގެ ރަސްމިއްޔާތު ފެށޭނީ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގައެވެ. އަދި ރަސްމިއްޔާތުގެ އެކިއެކި ކަންތައްތައް ޑިސެމްބަރު ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ކައިވެނީގެ ރަސްމިއްޔާތަށް ދައުވަތު ދެވިފައިވާ ލިސްޓުގެ އެންމެ ކުރީގައި ވަނީ ވިކީ ކޯޝަލް މިހާރު ކުޅެމުންދާ ފިލްމުގެ ޑިރެކްޓަރެވެ.
ކެޓްރީނާ އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ރަސްމިއްޔާތަށް ރާޖިސްތާނުގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އެއް ހޮޓާ ހިފާފައިވާއިރު ކައިވެނީގެ ރަސްމިއްޔާތަށް ދައުވަތު ދެވިފައިވާ މުހިއްމު މީހުން ތިބުމަށް އިތުރު 45 ހޮޓަލުން ކޮޓަރިތައް ވަނީ ހިފާފައެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ކެޓްރީނާގެ ވަރަށް ގާތް އެކުވެރިއެއްކަމުގައިވާ ސަލްމާން ޚާންގެ މަސައްކަތް ހުރިގޮތުން އޭނާ ކައިވެނީގެ ރަސްމިއްޔާތަކަށް ނުދާނެއެވެ.