ތިނަދޫން މީހުން ބޭލުމުގެ ތެރެއިން - 3

Loading

Facebook
Twitter
WhatsApp

ފަސްދޫ މަހުޖަނު އެރަށުގެ އެތައް ގިނަ އަންހެނުން ރޭޕް ކޮށްފައި ވެއެވެ.

މިހާރުގެ ބަހުން ރޭޕަކަށް ވަނީ އަންހެން ކުއްޖާއާ ގަދަކަމުން ބެހި ޖިންސީ ގޯނާ ކުރުމުންނެވެ.

ރަށުގެ އެންމެ މުއްސަނދި މީހަކީ މަހުޖަނު ކަމަށް ވުމުން އޭނާ ބޭނުންވާ ކޮންމެ އަންހެނެއްގެ ގާތަށް ދަންވަރު ވަދެ ބޭނުން ކަމެއް ކޮށްލައިގެން ދިއަޔަސް އެކަމާ މެދު ބަހެއް ބުނަން ކެރޭވަރުގެ އެކަކުވެސް އެރަށަކު ނުއުޅެއެވެ.

މަހުޖަނު ވަނީ އެތަކެއް އަންހެނުން ބަލިވެ ބައިންދާފައެވެ. އޭގެ ތެރެއިން މަހުޖަނުގެ ބޮލުގައި ދެ ކުއްޖަކު އެޅި ބޯދަމައިނުގަނެވި ޙައްދު ވެސް ޖަހާފައިވެއެވެ. އޭރު އޮންނަގޮތުން ހައްދުޖަހާފައި ހުރި މީހަކަށް ދައުލަތުގެ މަގާމެއް ނުދެއްވައެވެ. ކުރިން މަހުޖަނު ބޭނުންވީ މުޅި ރަށް އޭނާގެ ކޮންޓްރޯލުގެ ދަށަށް ގެނައުމަށެވެ.

ފަސްދޫ މަހުޖަނަކީ މަރުޙޫމް ރައީސް އިބްރާހިމް ނާޞިރަށް ތާއީދު ކުރި ނާޞިރުގެ ސަޕޯޓަރެކެވެ.

ފަސްދޫ މަހުޖަނާ އެރަށު މުދިން މަނިކު ކައިވެނީގެ ގޮތުން ގުޅިފައިވަނީ އެއްބަނޑުއެއްބަފާ ދެބޭންނާއެވެ. ރަށުގައި އޮންނަ ދެ މަސްދޯނީގެ ވެރިންނަކީ މުދިން މަނިކާއި މަހުޖަނެވެ.

ކަތީބަކީ މުދިން މަނިކުގެ ދަރިފުޅު ޢަބުދުﷲ ޙަބީބެވެ. ޙަބީބު ވަނީ މަރުޙޫމް ރައީސް އިބްރާހީމް ނާސިރުގެ ސިޔާސަތާ ދެކޮޅުވެ އައްޑޫ ރަދުން ޢަބުދުﷲ ޢަފީފަށް ބައިޢަތު ހިފާފައެވެ. އެހެން ކަމުން ފަސްދޫ މަހުޖަނުގެ ވިސްނުން އެނބުރެމުން ދިޔައީ އޭނާގެ ކޮޅަށް ވެރިކަން ބަދަލުކުރެވޭނެ ގޮތަކާމެދުގައެވެ.

ފަސްދޫ މަހުޖަނުގެ ތިބީ ރަސްމީ ހަތަރު ކުދީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުއްޖަކާ ތިން އަންހެނުންނެވެ. އެދުވަސްވަރު އެ ފިރިހެން ކުއްޖާގެ ޢުމުރު ހަގުކަމުން ވަޒީފާ ލިބޭނެ ގޮތެއް ނުވެގެން ދެން އޭނާ ރޭވި ޕްލޭނަކީ ޢަބުދު ﷲ ޙަބީބު ޖަލަށް ފޮނުވާލުމަށެވެ. މިކަން ކުރުމަށް ޓަކައި ޙަބީބު، ނާޞިރަށް ބަވާފައި ލަވަހަދައިގެން ކިޔާ ވާހަކައާ ބަޢާވާތުގެ މޭސްތިރިންގެ ތެރޭގައި ކަތީބު ޙަބީބު ހިމެނޭކަމާ މިހެން ގޮސް އެތަކެއް ޝަކުވާއެއް ކުރިފަހުން ފަސްދޫ ޢަބުދުﷲ ޙަބީބު އާއި ކޮނޑޭ އިބްރާހީމް ޝިހާބާއި ނިލަންދޫ ޢަބުދުﷲ ޙަމީދު އާއި ކޮލަމާފުށީ އިސްމާޢީލް ކަތީބު ހިމެނޭ ސިޔާސީ ގުރޫޕް މާލެ ގެންގޮސް މާލޭގައި ބަންދު ކުރުވިއެވެ.

މީގެ އިތުރުން މުދިން މަނިކުގެ މުޅި އާއިލާ އެރަށުން ބޭރުކުރުމުގެ މަސައްކަތް މަހުޖަނު ވަނީ އެކި ގޮތް ގޮތުން ފަށާފައެވެ. މިގޮތުން ސިހުރު ހެދުމާއި

އެކި އިލްޒާމްތައް އެޅުވުންފަދަ މީހާގެ އަގުވެއްޓޭ ކަހަލަ ދޮގު އެތައް ވާހަކަ ފަތުރަމުން ދިޔައެވެ.

ކޮންމެއަކަސް ގިނަދުވަސް ތަކެއް ނުވެ މުދިމް މަނިކު ނިޔާވެއްޖެއެވެ .

މިހިތާމަ ކުރަމުންދިޔަ މުދިން މަނިކުގެ ދަރިފުޅު ޙަބީބުއާ އިސްވެ ދެންނެވި ސިޔާސީ ގްރޫޕް މަލޭ ޖަލަށް ލައި އެންމެން މަރާލިއެވެ. މިހިސާބުން ފަސްދޫ ވަނީ މަހުޖަނުގެ ހިރިޔާ ފައިތުރާ ދަށުގައެވެ. އެހިސާބުން މަހުޖަނުގެ ތިން އަންހެން ކުދީންގެ ތެރެއިން މެދަށް ހުރި އަންހެން ކުއްޖާ ފަސްދޫގައި އޭރު ހުރި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ފިރިހެން ކުއްޖާ ހޯދައި އޭނާއާ ކައިވެނި ކުރު ވިއެވެ. ދުވަސް ކޮޅަކުން މަހުޖަނުގެ މަނިކެ ގެ ފިރިކަލުން އިބްރާހީމް ދީދީއަށް ކުޑަކަތީބު ކަން ލިބި ފަސްދޫ ގާގެ ރޯޝަން ވެއްޖެއެވެ.

އަސްލު ކަތީބަކީ މަހުޖަނެވެ. ކަތީބު ތަންފީޒު ކުރަން ޖެހެނީ މަހުޖަނުގެ ނިންމުންތައް ކަމަށް ވާތީއެވެ. މުދިން މަނިކުގެ މުޅި އާއިލާ ނިކަމެތިވެ ރަށް ދޫކޮށް އެކިރަށްރަށަށް ހިޖުރަކޮށް ނިމިއްޖެއެވެ.

ފަސްދޫ މަހުޖަނަކީ މަގުމަތީގައި ކަތިވަޅި ހިފައިގެން މީހުންނާ ޒުވާބުކޮށް އަރާރުންވެ އުޅޭ މީހެކެވެ. މަހުޖަނަކީ ފަސްދޫގެ ގޮއިވެރިޔާއެވެ. އަދި އެންމެ ގިނަ ރުއްގަހާއި އެންމެ ގިނަ ލަކުޑި ގަސްތަކުގެ ވެރިޔަކީވެސް މަހުޖަނެވެ.

ފަސްދޫ މަހުޖަނު ގެ ދެ މަސްދޯނި އޮވެއެވެ. މުޅި ރަށުގައި އޮންނަނީ މަހުޖަނުގެ ބާރެވެ. އެއްމަސްދޯނި ދުއްވަނީ ޖެހިގެން އޮތް މީހުން ދިރިއުޅޭ ރަށް ކަމުގައިވާ ގެމަނަ ފުށީގައެވެ. އަނެއް މަސްދޯނި ދުއްވަނީ ފަސްދޫގައެވެ. ފަސްދުއަށް އެއް މަސްދޯނި ފުދެއެވެ. އެވަރުންވެސް ގިނަދުވަހު މަހަކަށް ނުފުރެއެވެ. މަހަށް ދާނެ މީހުން ނެތީއެވެ.

ފަސްދޫ މަހުޖަނުގެ ދޮށީ އަންހެން ދަރިފުޅު ޚަދީޖާ ކައިވެނި ކުރީ ނާއިބު އިބްރާހީމް ދީދީއާ އެވެ. އެހެންކަމުން ފަސްދޫ މަހުޖަނަށް ރައްޔިތުންގެ ބާރާއި ޝަރުޢީ ބާރާއި ސިޔާސީ ބާރު ލިބިގެން ދިޔައެވެ. އެންމެ ހަގު އަންހެން ދަރިފުޅު ޝަރީފާއާ ކައިވެނި ކުރުވީ ދެބޭންގެ ދެދަރި އަދި މަސްދޯނީގެ ކެޔޮޅު ޙުސައިން ދީދީއާ އެވެ.

ވިޔާފާރި ދަތުރުތަކުގައި އުޅެނީ މަހުޖަނުގެ ފިރިހެން ދަރިފުޅު މުޙައްމަދެވެ. މަހުޖަނު ރަށުގެ ކޮންޓްރޯލް ހޯދާފައި ވަނީ ފަސްދޫގައި ކުރިއަރަމުންދިޔަ މުދިން މަނިކުގެ ޢާއިލާ ކަފުން ކޮށްފައެވެ.

މުދިން މަނިކުގެ ސަޢާދާއަކީ އެރަށަށް އުފެދުނު އެންމެ ރީތި އަންހެނާއެވެ. ސަޢާދާ އެންމެ ލޯބި ވަނީ މަހުޖަނުގެ ފިރިހެން ދަރިފުޅު ދެކެއެވެ. ހަމައެހެންމެ މަހުޖަނުގެ ފިރިހެން ދަރިފުޅު މުޙައްމަދު ވެސް އެންމެ ލޯބި ވަނީ ސަޢާދާ ދެކެއެވެ. މިއީ އެރަށު އެންނަށް ވެސް އެނގޭ ސިއްރެކެވެ. އެހެނަސް މަހުޖަނު ގަބޫލެއްނޫނެވެ. އެހެންކަމުން އެ ދެ ލޯބިވެރިން ބައްދަލު ކޮށްފާނެތީ މަހުޖަނު ފާރަވެރިން ލާފައި ތިބެއެވެ. ރަށަކީ ބޮޑު ރަށަކަށް ވިޔަސް މީހުން މަދުކަމާއި ގެދޮރު މަދު ވުމުން އެ ދެލޯބިވެރިން ނަށް ސިއްރިޔާތުގައި ވެސް ބައްދަލު ވުމުގެ ފުރުޞަތެއް ނުލިބެއެވެ.

މުޙައްމަދުގެ މަންމަ މުޙައްމަދު ގެއިން ނުކުތުމާއެކު އޭނާ ދަނީ ކޮންތާކަށްތޯ މީހުންފޮނުވައިގެން ބަލައެވެ. މުޙައްމަދު ބޭނުމީ ސައާދާއާއި ކައިވެނި ކުރުމަށެވެ.

ނުނިމޭ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް