ރަޝިޔާގެ މޮސްކޯ ލެބޯޓްރީގައި ތައްޔާރުކުރި ކޮވިޑް-19 ވެކްސިންގެ ހުރިހާ ޓްރަޔަލްއެއް ކާމިޔާބު ކަމާއެކު ނިމި ވަރަށް އަވަހަށް އެޤައުމުގެ ރައްޔިތުންނަށް އެވެކްސިން ދޭން ފެށުމުގެ ބޮޑު ކެމްޕެއިނެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެޤައުމުން ބުނެފިއެވެ.
ރަޝިޔާގެ ހެލްތު މިނިސްޓްރީ މިކައިލް މުރަޝްކޯ ވިދާޅުވި ކަމަށް އެޤައުމުގެ ޓީވީން ބުނި ގޮތުގައި އޮކްޓޯބަރ މަހު އެޤައުމުގެ އާބާދީއަށް ވެކްސިން ދޭން ފަށަން މިހާރު ދަނީ ތައްޔާރު ވަމުން ކަމަށާއި ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ ޑޮކްޓަރުންނާއި ޓީޗަރުންނަށެވެ.

މީގެ އިތުރުން ގަމެލިޔާ އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޮބައޮލޮޖޖީން މިހާރު ވަނީ ކޮވިޑް-19 އަށް އެ އިންސްޓިޓިއުޓުގައި ތައްޔާރު ކޮށްފައިވާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްސްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައި ކަމަށާއި މިހާރު ކުރަމުންދަނީ ވެކްސިން ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.
ރަޝިޔާގެ މި ވެކްސިން އަކީވެސް އެޑެނޯވައިރަސް އިން ތައްޔާރު ކޮށްފައިވާ ވެކްސިން އެކެވެ. ނަމަވެސް މި ވެކްސިން ތައްޔާރުކޮށްފައިވާލެއް އަވަސްކަމުން ހުޅަނގުގެ މީޑިއާތަކުން ވަރަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އެބައިމީހުން ބުނަމުން ދަނީ ސައިންސާއި ރައްކާތެރި ކަމަށްވުރެ ރަޝިޔާއިން ބަލަނީ އަމިއްލައަށް މާ މޮޅު ބައެއް ކަމަށް ދުނިޔެއަށް ދެއްކޭތޯ ކަމަށެވެ.
މިހާތަނަށް ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިންތައް ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުންނަށް މިހާރު ދީގެން އަޖުމަ ބަލަމުންދާއިރު ހުރިހާ ވެކްސިން އަކުން ވެސް އުއްމީދީ ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ. އެހެންކަމުން ރަޝިޔާގެ ހެލްތު މިނިސްޓަރުގެ ވާހަކަފުޅަކީ ތެދެއް ކަމަށް ވެއްޖެނަަމ މި ވެކްސިން ވެގެން ދާނީ މިހާތަނަށް ދުނިޔޭގައި އުފެއްދޭ ކޮރޯނާ ވައިރަހުން ދިފާޢު ވެވޭ ފުރަތަމަ ވެކްސިންއަށެވެ.