ތިނަދޫން މީހުން ބޭލުމުގެ ތެރެއިން - 2

Facebook
Twitter
WhatsApp
ތިނަދޫން މީހުން ބޭލުމުގެ ތެރެއިން – 2

 

ބަލިހާލު ބޮޑުވެ އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުލިބި މި ދުނިޔެ ދޫކުރި “ރައްކޮޅާ”އަކީ އުފެދުމުގައި ވެސް އަންހެން މިޒާޖެއް ހުންނަ ޒުވާނެކެވެ. އެހެންކަމުން ގޭގެއަށް ގޮސް ހަވާދު ފުނޑައިދީ ހުނިގާނައިދީ ލަވަކިޔައިދީ އުޅުނު ޒުވާނެއްވެސް މެއެވެ. އެހެނަސް މަދު މީހަކު ފިޔަވައި އެހެން އެންމެންނަކީ އެއްފަހަރު ކާނެއެތިކޮޅެއް ނެތިގެން އުޅޭ މީހުންނެވެ.

ފަސްދުއަށް ހިޖުރަ ކުރި މީހުންނެކޭ އެރަށުގެ އުފަން ރައްޔިތުން ނެކޭ އުޅެމުން ދިޔައީ އެއްޙާލެއްގައެވެ. އެހެން ކަމުން ރައްކޮޅާއާ އަޅާލާނެ އެއްވެސް ފުދުންތެރިއަކު އަތްހިއްލާ ނުލިއެވެ. އެހެން ވުމުން ރައްކޮޅާ މަރުވެ ދިޔައީ ހައިހޫނު ފިލާވަރުގެ ކާއެތި ކޮޅެއް ދިއްކޮށްލާނޭ ފަރާތެއް ނެތި ހުއްޓައެވެ.

ރައްކޮޅާގެ އާއިލާގައި ވަރަށް އަންހެން ވަންތަ ޒުވާން އަންހެނަކު އުޅުނެވެ. މިއަންހެން ކުއްޖާ ވަނީ މީހަކާ އިނދެ ވަރިވެފައެވެ. އޭގެފަހުން މީހަކާ ނުއިނދެއެވެ. ވަރަށް ރީތި އަންހެނެކެވެ. ނަމަކީ ޢާބިދާއެވެ. ދުވަސްކޮޅަކުން ފެނުނީ ހިކި އަނަރޫފަވެ، ބޯވެސް ބާލާފައިހުއްޓައެވެ. ސަލާން ޖަހަނީ އެވެ. ބަނޑުފުރާނަ މުއްތި ކުރުމަށްޓަކާ އެނޫން ގޮތެއްނެތް މީހާ ސަލާންޖަހާނެތާއެވެ!

ބައެއްފަހަރު ގޮނޑު ހޮވައިގެން ކައިބޮއި ހަދާ މީހުން ވެސް ހިޖުރަ ކުރި މީހުންގެ ތެރޭގައި އުޅެއެވެ. ޢާބިދާ ވެސް އުޅެނީ މިހާލުގައެވެ.

ޢާބިދާގެ ހާލުވެސް ވަރަށް ސީރިއަސް އެވެ. އެ ޢާއިލާ އެރަށަށް ގެނައި މަހުޖަނު އަކީ އެއްވެސް އިހުސާން ތެރިކަމެއް ނެތް ވަރަށް އަނިޔާ ވެރި މީހެކެވެ. ކޮންމެއަކަސް ޢާބިދާގެ ބައްޕަ ފަރާތުގެ ތިމާގެ ބަޔަކު އައްޑޫގައި އުޅެއެވެ. އެޒަމާނަކީ ކޮމިޔުނިކޭޝަން ގެ ވަސީލަތެއް ނެތް ދުވަސް ވަރަކަށް ވުމުން ޢާބިދާގެ އައްޑޫ ޢާއިލާއަށް ޢާބިދާ ގެ ޙާލު އެނގުނީ ވަރަށް ދުވަސްވީ ފަހުންނެވެ. ކޮންމެވެސް ގޮތަކުން އެކަން އެނގުމާއެކު ޢާބިދާ ބަލައި އެ ޢާއިލާއިން ފަސްދު އަށް އައިސް ޢާބިދާ އަށްޑުއަށް ގެންދިޔަ އެވެ. އޭރު އައްޑޫގައި އިނގިރޭސީން އުޅުނެވެ. އެހެން ކަމުން ގަމުގައި ހުންނަ ހަސްފަތާލުން ފަރުވާ ކޮށް ޢާބިދާ ރަނގަޅުވިއެވެ. އޭރު ޢާބިދާ އަކީ ޖިންސީ ގުނަވަނުގެ ބޭނުން ކުރެވޭ އަންހެނެއް ނޫނެވެ. އެހެން ކަމުން ގަމު ހަސްފަތާލުގައި އޮޕްރޭޝަނެއް ކޮށް ޢާބިދާ ރަނގަޅު ވެގެން މީހަކާ އިނދެ ކުދިން ވިހައި އަރާމުގައި އުޅުމަށްފަހު 2000 ގެ ތެރޭގައި ވަނީ ދުނިޔެ ދޫކޮށްފައެވެ.

ޢާބިދާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން!

އަސްލު މި ވާހަކަ ބަޔާން ކުރަން ގަސްދު ކުރީ ފަސްދޫ މަހުޖަބުގެ އަނިޔާވެރިކަން ހާމަކުރުމުގެ ބޭނުމުގައެވެ. އަޅުގަނޑު ހަނދާން ވެސް ނުހުންނަ ޢުމުރުގައި ތިނަދުއަށް ބަޑިޖަހައި އެރަށުން މީހުން ބޭލި ދުވަހު އަޅުގަނޑުގެ ބައްޕަ އާއި ބޮޑު ބޭބެ ތިބީ ތިނަދޫގައެވެ.

ބަޑިޖަހައި އެރަށް ސަރުކާރުގެ ބާރުގެ ދަށަށް އައުމާއެކު އެރަށުން އެ ބަޣާވާތުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން ގޯލްޑަން ރޭ ގެ ނަމުން ނަންދެވިފައިވާ ބޯޓަކަށާއި އެހެން ބޯޓަކަށް ހިމަރޯނުން ބަދެފައި ފަލްކާގެ ތެރެއަށް އެމީހުން އަޅަން ފެށުނެވެ. އޭރު ބައްޕަމެން ރަށަށް ދާން ދޯނި ކައިރިއަށް އައިސް ތިއްބެވެ. އެމަންޒަރު ބަލަން ފަސްދޫ މަހުޖަނު ހުއްޓެވެ. މިދެންނެވި ފަސްދޫ މަހުޖަނު ސިފައިންގެ މީހުންނާއި ވާހަކަ ދެއްކުމަށްފަހު، ބައްޕައާ ބޮޑުބޭބެއަކީ ބަޣާވާތުގެ ބައިވެރިން ކަމަށް ބުނެ ބައްޕައާއި ބޮޑު ބޭބެ ހިމަރޯނުން ބަނދެ ޑިންގީއަށް އެރުވިއެވެ. އޭރު އަޅުގަނޑުގެ ޢުރުންވީ ދެ އަހަރާ ހަ މަހެވެ.

ގޭގައި ދިރިއުޅެނީ ދޮންކާފަ އާއި މާމަ އާއި މަންމަ އާއި އަޅުގަނޑެވެ. އޭގެ ދެއަހަރު ފަހުން ޖަލުގައި ތިބި ކުށްވެރިންގެ އަނބިދަރީން މާލެއައުމުގެ ހުއްދަ ސަރުކާރުން ދެއްވިއެވެ.

އިސްވެ ދެންނެވުނު ފަސްދޫ މަހުޖަނު އަޅުގަނޑުގެ ބައްޕަ ޖަލަށް ފޮނުވާލީ އަޅުގަނޑުގެ މަންމަގެ ބޭނުމުގައެވެ. މަންމަ ބުނިގޮތުގައި އެ މަހުޖަނުގެ އުނދަގޫ ބޮޑުވެ ދިރިއުޅެން ދަތިވިއެވެ. ކޮންމެއަކަސް އަޅުގަނޑުގެ ދެމައިން މާލެ އައިތަނާ ބައްޕަ އާއި ބޮޑުބޭބެ ޖަލުން މިނިވަން ވެ މާލެއިން ރަށަށް ނުދެވޭގޮތަށް، ރަށުބަންދު ކޮށް، ހުޅުލޭ ބޯޓު ޔާޑުގައި ކުޑަ މުސާރައެއް ދީފައި ބޯޓްފަހަރު ބަންނަން މާވަޑިއެއްގެ ގޮތުގައި ބެހެއްޓިއެވެ. ފަސްދޫ މަހުޖަނުގެ އަނިޔާވެރި ޢަމަލު ތަކުން މަންމަ ސަލާމަތްވީ އެ ހިސާބުންނެވެ.

ނުނިމޭ

 

One Response

  1. މަތީގައި އެވަނީ ތިނަދޫގެ އަތިރިމަތި ފެންނަ ފޮޓޯއެއްނޫން އެއީ ގައްދޫ.. އެވަނީ އޮޅިފައި.ތިނަދޫ އަތިރިމަތި އޭރު ރުއްތަކެއް
    ނުހުންނާނެ.

ފަހުގެ އަޕްޑޭޓް