ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކުރުމަށް އެދި ހުކުރު ދުވަހު އެ ގައުމުގެ ޕާލަމެންޓަށް އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލް ބިޑެއް ހުށަހަޅައިފިއެވެ. އެކަމާ ގުޅޭ އަޑުއެހުންތަކާއި ތަހުގީގުތައް އަންނަ ހަފްތާއިން ފެށިގެން ކުރިއަށް ދާނެ ކަމަށް ޕާލިމެންޓުން ވަނީ މައުލޫމާތު ދީފައެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓުން ހަމާސް ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑަ އަޅައިފި ނަމަ އެ ޖަމާއަތުގައި ހިމެނޭ ހުރިހާ އެންމެންގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވުން އެކަށީގެންވެއެވެ.
އެކަމަށް ރައްދުދީ ހަމާސް ޖަމާއަތުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އިޒްރޭލުގެ ޒައެނިސްޓުން ފަލަސްތީނު ރައްޔިތުންގެ ގެދޮރު ނުހައްގުން ފޭރިގަންނަމުން ދާއިރު އެ ކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ހަމާސްގެ ބަޔާނުގައި ބުނެފައި ވަނީ އަނިޔާވެރި ކަމާއި ދެކޮޅަށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ތެދުވެ މަސައްކަތް ކުރަމުންދާ ބަޔަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރުމަކީ ބައިނަލްއަގްވާމީ މުޖްތަމައު ބަލައި ގަންނާނެ ކަމެއް ނޫންކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މި ނިންމުން ބާތިލު ކުރުމަށް ގޮވާލުމަށް އެ ޖަމާއަތުން ވަނީ ހުރިހާ މުސްލިމް ގައުމުތަކަށާއި ފަލަސްތީނަށް ސަޕޯޓުކުރާ އެންމެންނަށް ގޮވާލާފައެވެ.
ޕަޓޭލް ހުށަހަޅުއްވާފައިވާ ބިޑް ކާމިޔާބު ވެއްޖެ ނަމަ ހަމާސް ޖަމާއަތުގެ ދިދަ ވިހުރުވާލުމާއި، އެ ޖަމާއަތުގެ މީހަކާއި އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމާއި އެ ޖަމާއަތަށް ތާއިދު ކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ހިންގުން ގާނޫނީ ގޮތުން މަނާކަމަކަށް ވާނެއެވެ.