ހިދުމަތްތެރި ކެޔޮޅު އެވޯޑަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ހިދުމަތްތެރި ކެޔޮޅު އެވޯޑަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

 

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާލެ އަތޮޅުން ހޮވާ އެންމެ ހިދުމަތްތެރި ކެޔޮޅުގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ހިދުމަތްތެރި ކެޔޮޅަކަށް ވުމަށް އެދި ކުރިމަތި ލެވޭނީ މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ކަމަށެވެ.

އަދި އެމީހަކީ އުމުރުން 35 އަހަރުން ދަށް މީހެއްކަމަށް ވާންޖެހޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ހަފްލާގައި ދިނުމަށްހަމަޖައްސާފައިވާ މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

މި އެވޯޑަށް ކުރިމަތިލުމަށް މިދިޔަ އޮކްޓޯބަރުމަހުގެ 17ވަނަ ދުވަހު ހުޅުވާލިއިރު އެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނަ ދުވަހާ ހަމަވި އިރު އެކަށީގެން ވާ ވަރަށް މި އެވޯޑަށް އެދި ކުރިމަތި ލާފައި ނުވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކެޔޮޅު އެވޯޑަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި އަދި ކުރައިޓީރިއާ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އެވޯޑަށް އެދި ހުށަހަޅާ ފޯމް ހުށަހަޅަން ޖެހެނީ [email protected] އަށެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުން ދަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކ. ގާފަރުގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރަން ނިންމީ ދުވަސްވަރަށް ރިއާޔަތްކޮށް ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ސަރުކާރުން ކަނޑައަޅަނީ އާންމުކޮށް އެކަމަށް ހުޅުވާލުމުން ކުރިމަތިލާ ރަށްތަކެއް ބެލުމަށްފަހު އެވެ. ނަމަވެސް މިއަހަރު އެފަދަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.

މަސްވެރިންގެ ދުވަސް އެކި އަހަރުތަކުގައި އެކި ރަށްރަށުގައި ކުލަގަދަކޮށް ބާއްވާއިރު މި ދުވަސް ވެފައިވަނީ މަސްވެރިކަމާގުޅުން ހުރި ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އަގުވަޒަންކުރުންވެސް ފާހަގަކުރާ ދުވަހެއްގެ ގޮތުގައެވެ.

 

ފަހުގެ އަޕްޑޭޓް