އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ- 2 ވަނަބައި

134

އިންޑިއާ ގަބޫލުކުރަނީ އިންޑިއާ ކިޔާ ކަނޑަކީ އިންޑިއާގެ މިލްކެއް ކަމެވެ. މިފަދަ މާނަތައް ދޭހަވާ އިބާރާތްތައް ތަކުރާރު ކުރެއެވެ. މިފަދަ އިބާރާތްތަކާއި ވާހަކަތައް ނޫސްތަކުން ފެންނާނީ މަދެއްކޮށްެއް ނޫނެވެ. ލޯހުޅުވާލައިގެން، އަމިއްލަ ވިސްނުން ބޭނުން ކޮށްގެން އެ ލިޔުންތައް ކިޔާލާށެވެ!

އާދެ، މިފަދައިން ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވަކި ކަމަކަށް ރައްޔިތުން ތައްޔާރުކުރުމެވެ. ރާއްޖޭގައި އިންޑިޔާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް މަގު ފަހިކޮށް ރައްޔިތުން އެކަން ބަލައިގަންނާނޭ ގޮތަކަށް ރައްޔިތުން ދުރާލާ ތައްޔާރުކުރުމެވެ. މިއީ އާ ކަމެއް ނޫނެވެ. މިއީ، ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީގެ ރަތް ސާރިދޯޅު، އޭތީގެ އޭޖެންޓުން ލައްވައި، ނޫސްތަކާއި، ރޭޑިޔޯއާއި ޓީވީ ޗެނަލްތަކުގެ ޒަރިއްޔާއިން ފެތުރި ޕުރޮޕަގެންޑާ ވާހަކަތައް ފަދަ ވާހަކަތަކެވެ. ރައްޔިތުންގެ ‘ސިކުނޑި ދޮވުމުގެ’ ވާހަކަތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި އުތުރު އޮރެންޖު ހިންދީ ސާރިދޯޅުގެ އެޖެންޓުންނާއި އޭނާގެ އައުވާނުން ވެސް ކުރަމުން އެދަނީ ހަމަ އެފަދަ ޕުރޮޕަގަންޑާގެ މަސައްކަތެވެ. ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތެވެ. މީހުންގެ މޫނަށް ބަލައި، މީހުންނަށް ތާއިދުކުރާ، ހޭލުންތެރިނޫން ރައްޔިތެއް އޮތް ތަނެއްގައި، މިކަންވާނީ ވަރަށް ވެސް ފަސޭހަ ކަމަކަށެވެ. މީގެ އެންމެ ހެއްވާކަމަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ އޭޖެންޓުން، އެމީހުންގެ ޕުރޮޕަގެންޑާގެ ވާހަކަތައް ދައްކައި ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށް އެހީވެދޭ، މީހުން ވެސް ތިބޭ ކަމެވެ. އޭގެ އެއް ވާހަކަ ފަހުން ގެނެސްދޭނަމެވެ.

މިވާހަކަ އިއުލާނު ކުރި އިންޑިޔާގެ ބައެއް ނޫސްތަކުގައި އެހެން ޚަބަރެއް ވެސް ލިޔެފައި އޮތެވެ. އެއީ ރާއްޖޭގެ އަސްކަރިއްޔާއަށް ‘ބޮޑެތި ބޮޑެތި ބަދަލުތަކެއް ގެނެވޭ ވާހަކައެވެ’. މީގެ ވެސް ތަފްސީލެއް ނެތެވެ. އަނެއްކާވެސް މި ބޮޑެތި ބޮޑެތި ބަދަލުތަކާ ބެހޭ ގޮތުން ވެސް ލަފާތަކެއްކޮށް ވާހަކަ ދެއްކިދާނެއެވެ. މި ލަފާކުރުން ބިނާވަނީ ހުރިހާ އިލްމުގެ ވެރި، އަދި ހުރިހާ ކަމެއްގެ އެންމެ ފަހު ބަހުގެ ވެސް ވެރި، އެބޭފުޅެއްގެ މުއްޕުޅު ތެރަށް ހުރިހާ ބާރުތަކެއް ލެވިފައިވާ އިރުވެސް ހިއްޕުޅު ނުފުރޭ ފުރިހަ ޑިމޮކުރަސީގެ ލީޑަރު މަހާރާޖާގެ ބަސްފުޅުތަކުގެ މައްޗަށް ރިއާޔަތްކޮށެވެ. އެ މަނިކުފާނުގެ ގިނަ ބަސްފުޅުތަކުން ދޭހަވަނީ ރާއްޖޭގެ އަސްކަރީ ބާރުތަކާއި (ސިފައިންނާއި އަދި ފުލުހުންނާ) މެދު ވެސް އެމަނިކުފާނު ހިތްޕުޅާ ނުވާކަމެވެ. އެތަނުގެ ތަހުގީގުތައް ކަމުނުދާކަމާއި އެތަނުގެ ތެރޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުން އުޅޭކަމާއި އެތަނުން ސަރުކާރުގެ އެކި އެކި އިސް ބޭފުޅުންނަށް ފާރަލާކަމެވެ. އާދެ، ޚުލާސާއަކީ އަޅުގަޑުމެންގެ ހުރިހާ ކަމެއްގެ އިލްމު އެންމެ މޮޅަށް ލިބިވަޑައިގެން ހުންނެވި މަހާރާޖާ އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް އިތުބާރު ނުކުރައްވާ ކަމެވެ. މިބަސްފުޅަކީ މަހާރާޖާގެ ބަސްފުޅުކަމަށްވާ އިރު، މިއީ ތަހުގީގަކަށް ބޭނުންވާ ކަމެއް ނޫނެވެ. ހައްގު ބަސް ނޫން އެއްޗެއް އެ ދޫފުޅުން ނިކުތުމުގެ އެކަށޭނަކަން ނެތް މުގައްދަސު ދުލުން އެ އޮތީ ހައްގު ބަސްފުޅު ފާޅުވެފައެވެ. އެހެންވެ، ދެން، މިތަނަށް ގެނެވެން އޮންނާނެ  ހަމަ އެކަނި ބަދަލަކީ ކޮބާ ހެއްޔެވެ؟ އިންޑިޔާގެ ބާރުގެ ދަށަށް ދިވެހި އަސްކަރިއްޔާ ގެނައުމެވެ. އިންޑިޔާއިން ގާއިމުކުރާ އެކެޑެމީތަކުން އިންޑިޔާ ބޭނުން ކަހަލަ ދިވެހި އަސްކަރީ މީހުން ތައްޔާރު ކުރެވެންދެން ކަމަށް ވެސް ވެދާނެއެވެ. މިހެން މިބުނީ ފިނި ހަނގުރާމައިގެ ދުވަސްވަރު ރޫސީ ރަތް ސާރިދޯޅު ވެސް ކަންތައް ކުރީ ހަމަ މިފަދައިން ކަމަށްވާތީއެވެ. އެމީހުން ބޭނުންވާ ގޮތަށް ތައްޔާރުކުރެވޭ މީހުން އެމީހުންގެ ގޮޑިކޮއްކޮ ދައުލަތްތަކުގެ ވެރިކަމަށާއި އެތަންތަނުގެ އަސްކަރިއްޔާއަށް ގެނައިތީއެވެ. އެހެންވީމާ އުތުރު ކަރައިގެ ހިންދޫ އޮރެންޖު ސާރިދޯޅު ވެސް ހަމަ އެފަދައިން ކަންތައް ކުރުމަކީ ދުރުކަމެއް ނޫނެވެ.

އުތުރު ކަރައިގެ ސާރިދޯޅު ބޭނުންވާ ގޮތަށް ކަންތައްތައް ފަހިވެގެން މިދަނީ ކީއްވެ ހެއްޔެވެ؟ މީގެ މައިގަނޑު އެއް ސަބަބަކީ ގައުމުގެ ވެރިން ހޮވުމުގައި އެމީހުންގެ ގާބިލުކަމުގެ މައްޗަށް ނުބެލުމުވެ. ކައިރި މާޒީއަށް ބަލާލާއިރު، މުޅިން ހެންވެސް ފެންނަނީ ވެރިން ހޮވާފައި ތިބީ ކޮންމެ ހެން ވެރިންނަކީ ގާބިލު މީހެއް ކަމަށް ބަލައިގެންނެއް ނޫނެވެ. ވެރިން ހޮވުމުގެ މައިގަނޑު ބޭނުމަކަށް އޮންނަނީ ވަކި މީހަކު ނުހޮވުމެވެ. އެހެންވީމާ މިވެނި މީހަކު ނުހޮވަން ވެގެން، ތަނެއް ދޮރެއް ނޭނގޭ މަންމަން ހިމާރެއް ވެސް ވެރިކަމަށް ގެނައުން އެންމެ ރަނގަޅުވަނީއެވެ!

ދެވަނަ މައްސަލައަކީ އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރުގެ މައްސަލައެވެ. އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު ދަށު ދަރަޖައަކަށް ވެއްޓިފައިވާކަމެވެ. މިތާ، ޚާއްސަ ގޮތެއްގައި މި އިޝާރަތް ކުރަނީ އަޅުގަނޑުމެންގެ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ފަސާދައިގެ އަމަލުތައް ފެތުރިފައިވާލެއް ބޮޑުކަމެވެ. އެހެންވީމާ، ފައިސާގެ ދަހިވެތިކަމުގައި މަބްދައެއް، އުސޫލެއް ނެތި، ތިމާމެންގެ އަބުރާއި ޒަމީރުވެސް، ދީނާއި ގައުމުވެސް، ވިއްކާލެވެނީއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖުލިހަށް މީހުން ހޮވިގެންދަނީ ވެސް، މީހުންގެ ގާބިލުކަމުގެ މައްޗަށް އިސްކަން ދެވިގެންނެއް ނޫނެވެ. މިހާރު، އެކަން ވެސް ކުރެވެނީ ވިޔަފާރީގެ އުސޫލުންނެވެ. އެކަން ކުރެވެނީ ވޯޓު ގަނެގެންނެވެ. ގައުމީ މަސްލަހަތު އެއްކިބާކޮށް، އަމިއްލަ މަސްލަހަތަށް އިސްކަން ދެވިގެންނެވެ. މެމްބަރުންގެ ވޯޓަކީ ގަނެ ވިއްކޭ އެއްޗަކަށް ވުމުން، ބޭރުގެ މަސްލަހަތުތައް ދިފާއުކުރަން ވޯޓު ވިއްކާލުމަކީ ތިމާކޮށްފައިވާ ހުވަޔާ އަދި ތިމާގެ ޒަމީރާ ފުށު އަރާކަމަކަށް ނުވަނީއެވެ.

މީގެ އިތުރުން، އެހެން ހުރިހާ ތަނެއްގައިހެން ވެސް ފަސާދައިގެ އަމަލުތައް އޮތީ ފެތުރިފައެވެ. ކޯޓުތަކުގައެވެ. ބޭންކުތަކުގައެވެ. މިސާލަކަށް ބޭންކުތަކުން ލޯނު ހަމަ ޖައްސަން ވެސް މަޖުލީހުގެ މެމްބަރެއް ނޫނީ ސަރުކާރުގެ ކޮންމެވެސް އެހެން އިސް މުވައްޒަފަކާ ގުޅަން ޖެހުމަކީ އާންމުކަމެކެވެ. ލޯނުގެ އަދަދުން ބައެއް، ލޯނު ހަމަޖައްސައިދޭން މެދުވެރިވާ މީހަކަށް ލިބޭ ގޮތް ހެދުމުން، ލޯނު ހަމަ ޖެހިދެއެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނާ ބައްދަލުކުރަން ވެސް ފީ ނެގެއެވެ. ޑޮލަރުން، ހާހުން ހާހުންނެވެ. އޮފީހަކުން ކަމެއް ކުރަން ވިޔަސް، އެކަން ފަސޭހައިން ކުރެވެން އޮންނަނީ ކޮންމެ ވެސް އަދަދަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެވިގެންނެވެ. އާދެ، މިދަރަޖައަށް ފަސާދައާއި ރިޝްވަތުގެ އަމަލުއޮތީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަންފައެވެ. ދެން މީގެ ތެރެއަށް ޑުރަގުގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކާއި އިއްފަތް ފޭރުމާއި ކުޑަކުދީންނާ ބެހުމުގެ މައްސަލަތައް އިތުރުކޮށްލާށެވެ. އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު އޮތީ ކިހާ ދަށު ދަރަޖައެއްގައިކަން ހިތަށް ގެނެވޭނެއެވެ.

އަޅުގަނޑުމެންގެ އަޚުލާގީ ފެންވަރު މިހާ ދަށު ދަރަޖައަކަށް ވެއްޓި، ފަސާދައާއި ރިޝްވަތު ދިނުމާއި ހިފުމުގެ ކަންތައްތައް މުޖުތަމައުގައި އަށަގަތުމުން، ބޭރު ބަޔަކަށް އެމީހުން ބޭނުންވާ ކަންތައްތައް ކުރުމަށް ފަސޭހަވެދެއެވެ. އެހެނީ، އެމީހުން ބޭނުންވާ ބަޔަކު ގަނެލުމަކީ އުނދަގޫ ކަމެއް ނޫނެވެ. މީޑިޔާގައި އެނބުރޭ ޚަބަރުތައް ތެދު ކުރާނަމަ، ސަރުކާރުގެ އިސް ސަފުގައި ތިބި އެތައް ބަޔަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ‘ޕޭ ރޯލް’ގައި ތިބި މީހުންނެވެ. މުވާސަލީ ބައެއް އިދާރާތްތަކުގައި ތިބީ އެ ސާރިދޯޅުގެ ދަރިންނެވެ. އެކިއެކި މީހުންނަށް ޖާސޫސޫކުރުމުގެ މަގު އެސާރިދޯޅުގެ އެޖެންޓުންނަށް ފަހިވެ، އެކަންކަން ކުރަމުން ގެންދެއެވެ. މިފަދަ ވަސީލަތްތައް ބޭނުންކޮށް، އުތުރު ކަރައިގެ ސާރިދޯޅު ބޭނުން ބައެއްގެ މައުލޫމާތު އެއްކޮށް، ޖަމާކޮށް، އެމީސް މީހުންގެ މިލަ ފަތިފުށްތައް ހޯދައި، އެ މިލަ ފަތިފުށްތައް ބޭނުންކޮށްގެން ބިރުގެންނެވޭނޭ ގޮތަކަށް ކަންތައްކުރަން މަގުފަހިވެފައެވެ. ފިނި ހަނގުރާމައިގެ ދުވަސް ވަރު، ރޫސީ ރަތް ސާރިދޯޅު ވެސް ކަންތައްކުރި ފަދައިންނެވެ. މިގޮތުންނާއި އަދި ފައިސާގެ ބާރުގައި ތަނުގެ އިސް ބައެއް މީސްމީހުން، އެސާރިދޯޅުގެ ބާރުގެ ދަށަށް ގެނެސް ގެންނެވެ.

މިބުނާ އިސް މީހުންގެ ދައުރަކަށް ވެފައި އޮންނަނީ ސާރިދޯޅު އަންގާ ގޮތަކަށް ކަންތައް ކުރުމެވެ. އަޅުގަނޑުމެންގެ ތެރޭގައި މިކަން ކުރެވޭ ގޮތުގެ ދެ ތިން މިސާލެއް ލިޔެލާނަމެވެ. އެންމެ ފުރަތަމަ ރޯ ބުހުތާން ދޮގު ހަދައި ކަންކަން އޮޅުވާލުމެވެ. ޑޯނިޔާ ބޯޓުގެ ވާހަކަތައް ފެންމަތިވުމުން، އެންމެ ފުރަތަމަ އެކަމަށް އިންކާރުކޮށް ދޮގު ހެދިއެވެ. ކުރިން ވެސް ބުނިހެން، ނޫސްތަކުން މިކަން ފެންނަން އޮންނާނެއެވެ. ރައީސް އޮފީހުގެ މިކަމާ ބެހޭ ދޮގު ބަޔާނެވެ. ދެން، މި ދޮގު ފޮރުވަން ތަފާތު ވާހަކަތައް ދެއްކުނެވެ. އެއީ އިންޑިޔާގެ އަސްކަރިއްޔާއާ ބެހޭ ބޯޓެއް ނޫންކަމަށް ދޭހަވާ ވާހަކަތަކެވެ. ނަމަވެސް މިކަމުގެ ހަގީގަތް އިންޑިޔާގެ ނޫސްތަކުގައި ލިޔެވިފައި އެ އޮތީއެވެ. ބަލަން ބޭނުންވާ މީހަކަށް ފެންނަ ގޮތަށެވެ. ދެން، އަނެއްކާ މި ދޮގު ފޮރުވަން ވެސް އިތުރު ދޮގެކެވެ. މި ކަމަކީ ކުރީ ސަރުކާރުންވެފައިވާ އެގުރީމެންޓެއްކަމުގެ ވާހަކަ މަހާރާޖާ އިއުލާނުކުރިއެވެ. އާދެ، ޚުދް އިންޑިޔާ ނޫސްތަކުގައި އެފެންނަނީ އެ ބުނާ ސޮއިކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދި ވާހަކައެވެ. އަދި ރާއްޖޭގެ ނޫސްތަކުގައި ވެސް މި ސޮޔެއް ކުރީ މީގެ ދެތިން މަސްދުވަސް ކުރިންކަން އެ އޮތީ ފެންނާށެވެ. މި ވާހަކަތަކުގެ އަސްލު ކުރިން ބަޔާން ކުރެވިފައި އެ އޮތީއެވެ. ދެގައުމުގެ ދޭތޭރޭ އަސްކަރީ އެއްބާރު ދިނުމުގެ ގޮތުންވީ އެއްބަސްވުމެއްގެ މުއްދަތު ހަމަވުމުން މިކަން އިތުރު ނުކުރުމުން އުތުރުގެ ސާރިދޯޅު ރުޅައައިކަމެވެ. އަދި، މިކަން ހަމައަކަށް އެޅުނީ ސަރުކާރު ބަދަލުވުމުންކަމެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ ވަކި ސަރުކާރެއް ރަނގަޅު ކުރުމެއް ނޫނެވެ. ނޫނީ ވަކި ސަރުކާރެއް ގޯސްކުރުމެއް ވެސް ނޫނެވެ. މި އަމަލަކީ، އާދެ، ރާއްޖޭގެ ސިޔާދަތާއި މިނިވަކަން ގެއްލޭ ގޮތަށް ކުރެވޭ އަމަލަކީ، ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް، ކުރީގެ ސަރުކާރަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އަދި މިއަދުގެ ސަރުކާރުން ކުރި ކަމެއް ކަމުގައި ވިޔަސް އެ އަމަލު ގޯސް ކުރުމެވެ. މިވާހަކަ ލިޔުމުގެ ބޭނުމަކީ ވަކި ސަރުކާރެއް ވައްޓާލައި، ނުވަތަ ވަކި މީހަކު ވެރިކަމުން ދުރުކޮށް، ވަކި ބައެއްގެ ސަރުކާރެއް ވެރިކަމަށް ގެނެސް، ވަކި މީހަކު ވެރިކަމަށް އިސްކުރަން އުޅުމެއް ނޫނެވެ. ރާއްޖޭގެ ސިޔާދަތު ގެއްލޭ ފަދަ ގޮތެއްގައި، ކަމެއް ކުރުމުން، އެ ކަން ގުޅެނީ އިންޑިޔާއާ ކަމުގައި ވިޔަސް، ނޫނީ ޗައިނާއާ ކަމުގައި ވިޔަސް، އެ އަމަލު ގޯސްކުރުމެވެ. މީގެ މާނައަކީ މިއިން އެއްބަޔަކާ ވެސް ގުޅުން ނުބާއްވަންވީ ވާހަކައެއް ނޫނެވެ. ގުޅުން ބާއްވަން ޖެހޭނެއެވެ. ގާތް ގުޅުން ބާއްވަން ޖެހޭނެއެވެ. އޭގެ މާނައަކީ ތިމާމެންގެ މިނިވަކަން އެމީހުންނަށް ވިއްކާލުމެއް ވެސް ނޫނެވެ. ތިމާގެ ގާތް ރަހުމަތްތެރިން ގެއަށް ގެނެސް އުޅުމަކީ ތިމާގެ އަނބި ދަރިން އެ ރަހުމަތްތެރިންނަށް ވިއްކާލުން ހެއްޔެވެ؟ އެ ރަހުމަތްތެރިންނަކީ މުއްސަނދި ބާރުގަދަ ބަޔެކޭ ކިޔާފައެވެ. ނޫނީ އެ ރަހުމަތްތެރިންގެ ދުޝްމަނުންނަކީ ތިމާގެ ދުޝްމަނުންކަމުގައި ބެލުން ހެއްޔެވެ؟ އިންޑިޔާގެ ދުޝްމަނުންނަކީ ރާއްޖޭގެ ދުޝްމަނުންނަށް ވާކަށް ނުޖެއެވެ. ޗައިނާއަކީ އިންޑިޔާގެ ދުޝްމަނަކަށް ވުމުން، އަދި، އިންޑިޔާއަށް ޗައިނާއާ، އިގުތިސާދީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ވެސް ސީދާ ކުރިމަތިލާން ނުކުޅެދިފައި ވުމުން، ޗައިނާގައިގައި ތަޅަން ގެންގުޅޭ އިންޑިޔާގެ ލަޓިބުރިއަކަށް ރާއްޖެވާކަށް ނުޖެހެއެވެ.

ދެން، އިތުރަށް އޮޅުވާލުމުގެ ގޮތުން އަބަދުހެން ނެގޭ ދެ ވާހަކައެއް އެބަ އޮތެވެ. މި ދެވާހަކަ ވެސް ތަކުރާރުކޮށް ލިޔެލަން ޖެހެއެވެ. ސަބަބަކީ، އޮޅުވާލުމުގެ ގޮތުން، ތަކުރާރުކޮށް މި ވާހަކަތައް ބަޔާންކުރެވޭތީއެވެ. އެއީ ޗައިނާގެ ވާހަކައެވެ. ޗައިނާއިން ރާއްޖެ ‘ގަނެލަން އުޅޭ ވާހަކައެވެ’. ޝައްކެއްނެތް ގޮތުގައި ރާއްޖެވަނީ ޗައިނާއިން ލޯނުތަކެއް ނަގާފައެވެ. އަދި ޝައްކެއްނެތް ގޮތުގައި މިއީ ބޮޑު މައްސަލައެކެވެ. ދަރަންޏަކީ، އޭގެ ތަބީއީ ހުދޫދުން ބޭރުވެއްޖެ ނަމަ، ފަރުދެއްގެ ވިޔަސް އަދި ގައުމެއްގެ ވިޔަސް، މިނިވަންކަމަށް ބުރޫ އަރާފާނެ ކަމެކެވެ. އާދެ، އަޅުގަނޑުމެން އެންމެންވެސް ދަންނަގޮތުގައި ނުފޯރާ ފޮތިން ފޫގަޅަން އުޅެގެން އޮރިޔާން ނިވައެއް ނުވާނެއެވެ. އެހެންވެ، ނުދެއްކޭ ވަރުގެ ބޮޑެތި ބޮޑެތި ދަރަނި ބޮލުގައި އެޅުމަކީ ފަހަރެއްގައި ވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. ދެން ސުއާލަކީ މިކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ އަދި ވެސް އިތުރަށް ލޯނު ނެގުން ހެއްޔެވެ؟ ލިބެން އޮތް ތަނަކުންނެވެ. އިންޑިޔާއިންނެވެ. އަދި ޚުދް ޗައިނާއިން ވެސް މެއެވެ. އަދި އެހެން ތަނަކުން ލޯނު ލިބެން އޮތްކަމަށް ވަންޏާ އެ ތަނަކުން ވެސް މެއެވެ. ދާދީ ފަހުން، ރާއްޖޭގެ ޚާރިޖީ ވުޒާރައިން ޗައިނާއިން ‘އެހީ’ ހޯދުމުގެ އެދުމުގެ ޚަބަރެއް ވެސް އިއުލާނުކުރެވުނެވެ. އަދި، މީގެ ދެ މަހެއްހާ ކުރިން، ޗައިނާގެ އިސް ބޭންކަކުން ވެސް ލޯނު ހޯދުމުގެ ވާހަކަ ދެކެވުނެވެ. އާދެ، ދަރަންޏަކީ، އަދި ވަކިން ޚާއްސަކޮށް ޗައިނާގެ ދަރަންޏަކީ، ބޮޑު މައްސަލައަކަށްވާ ނަމަ، ހައްލަކީ ލިބުނު ތަނަކުން އިތުރަށް ލޯނުތައް ނެގުން ހެއްޔެވެ؟ މީގެ އިތުރުން، ޚާއްސަ ގޮތެއްގައި، ކުރީ ސަރުކާރުގެ ގާނޫނާ ޚިލާފު، ފައިސާގެ މުއާމަލާތައް، ވަކި ބަޔަކު ކުށްވެރިވާ ގޮތަށް ބަލައިފައި، އެކަމުގައި ޝާމިލުވާ އެހެން މީހުން ދޫކުރުން ހެއްޔެވެ؟ ދާދި ފަހުން، ސަރުކާރުގެ ކަމާ ބެހޭ ފަރާތަކުން އިއުލާނުކުރީ ޚިޔާނަތުގެ ފައިސާ ލިބޭ ކޮންމެ މީހަކީ ކުށްވެރިވާނޭ މީހެއް ނޫންކަމެވެ! އަދިވެސް، ދާދި ފަހުން ފެން މަތިވެގެން ދިޔަ އެހެން ވާހަކައެކެވެ. ކުރީ ސަރުކާރުގެ ލޯނު ގެރެންޓީގެ އެހީގައި ލޯނު ހޯދައި އެ ނުދައްކާ ތިބި ބައެއް މީހުންގެ ވާހަކައެވެ. އެމީހުންނާ ދޭތެރޭ ފިޔަވަޅު ނޭޅެނީ ކީއްވެ ހެއްޔެވެ؟ އެ ލޯނު އަދާކުރުމާ ރައްޔިތުން ހަވާލުވާން ޖެހޭ ހެއްޔެވެ؟ މިފަދަ ޚިޔާނަތް ތެރި މީހުންގެ ފައިސާއާއި މުދާ ދައުލަތަށް ނަގައި އެމީހުންގެ ދަރަނި ޚަލާސް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ލޯނުތައް ނެގުން ހުއްޓުމާއި، ޚަރަދުކުޑަކުރުމާއި އަދި ދައުލަތައް ލިބެން ޖެހޭ ފައިސާ ހޯދުން މުހިއްމެއް ނޫން ހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ނުކޮށް ޗައިނާގެ ލޯނުގެ ވާހަކަ ދައްކާ ނަމަ، އެ ވާހަކަ އެ ދައްކަނީ ރަނގަޅު ނިޔަތެއްގައި ލޯނާއި މެދު ކަންބޮޑުވެގެން ކަމުގައި ގަބޫލުކުރެވިދާނެ ހެއްޔެވެ؟

އާދެ، ޗައިނާގެ ދަރަނީގެ ވާހަކަ ދައްކައި، އެކަން ހައްލުކުރުމުގެ ބަދަލުގައި އިތުރު ލޯނުތައް ނަގައި، ދައުލަތުގެ، ރައްޔިތުންގެ، ފައިސާއާއި މެދު އަމާނަތްތެރި ނުވުން، އަންގައި ދެނީ، މިވާހަކަތައް މި ދައްކަނީ އިޚުލާސްތެރި ނިޔަތެއްގައި ނޫންކަމެވެ. މިކަމުން ވެސް އެހެން ދެބޭނުމެއް އޮތް ކަމަށް ފެނެއެވެ. އެއްބޭނުމަކީ، ކުރިއެކޭ ވެސް އެއްފަދައިން، ހަގީގަތް އޮޅުވާލައި، ދައުލަތުގެ ޚަޒާނާއާ މެދު ހިތު ހުރި ގޮތަކަށް ކަންތައް ކުރުމެވެ. ދެވަނަ ސަބަބަކީ، އޮރެންޖު ސާރިދޯޅުގެ އަޅެއްގެ ބައި ކުޅުމެވެ. އެސާރިދޯޅު އޭތީގެ އަޅުގެ އަތަށް ދީފައި އޮތް ޗާބޫކުން، އޭތި ބޭނުންވާ މީހެއް ގައިގައި ތެޅުމެވެ. އާދެ، ރާއްޖެއިން އިންޑިޔާގެ ‘ވިޕިން ބޯއި’ އެއްގެ ބައި އަދާކުރުމެވެ. އަޅުގަނޑުމެންގެ މަހާރާޖާ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގައި ބައްދައިގެން އޮވެ، އިންޑިޔާގެ މި ވިޕިން ބޯއި’ގެ ދައުރު ވަރަށް ވެސް ރަނގަޅަށް އެބަ އަދާކުރެއެވެ

ދެން، ގުރާތަކެއްހެން، މި ވިޕިން ބޯއިގެ ވާހަކަ ތަކުރާރުކޮށް، އަޑުލައްވާ ބައެއް ވެސް އުޅެއެވެ. މިފަދަ ގުރާތަކުގެ ވާހަކަތައް ރައްޔިތުންގެ މަޖިލުހުގެ ތަޅުމުންނާއި އަދި އެ ތަޅުމުގެ ބޭރުން ވެސް އިވެއެވެ. މީގެ ވަރަށް ވެސް ހެއްވާ ވާހަކައެއް އިހަށް ދުވަހު އިވުނެވެ. އިންޑިޔާއަކީ ރާއްޖޭގެ ބަލަދުވެރިޔާ ކަމުގެ ވާހަކައެވެ! އަދި، ތިމާމެންގެ ދީން ވެސް އިސްކަންދޭން ޖެހޭނީ މިކަން ގަބޫލުކުރުމަށޯލައެވެ. އާދެ، ހަމަ އަޑެއް އިވުމުން އެއްވެސް ވިސްނާލުމަކާ ނުލާ، ގުރައެއް އެ އަޑުއިއްވާލައި، ބުނާ ފަދައިންނެވެ. އިންޑިޔާގެ ބަލަދުވެރިޔަކަށް ވާން، ރާއްޖެއަކީ ތަސައްރުފު ނުފުދޭ، އަމިއްލަ މިނިވަންކަމުގެ މަސްއޫލިއްޔަތު އުފުލަން ނޭނގޭ ވަރުގެ ކުޑަކުއްޖެއް ހެއްޔެވެ؟ އަމިއްލަ ބަސްބަހުގެ މަޖާޒީ އިބާރާތެއް، ހެޔޮ ގޮތުގައި ބޭނުންކުރަން ނޭނގުން އަންގައި ދެނީ ކޮން ކަމެއް ހެއްޔެވެ؟ ވިސްނުމުގައި ހުރި އުނިކަމެވެ. އަމިއްލަ ސިކުނޑީގެ ނުކުޅެދޭ ކަމެވެ. މިއީ ރަސްމީ ކިޔެވުމާ ގުޅޭ ކަމެއް ނޫނެވެ. މިއީ، މުޅި އުމުރު، މަގުމަތީ ކުޅެ ސަކަރާތް ޖަހަން އުޅެފައި، ދުވަހެއްގައި ވެސް، އެއްވެސް ކަހަލަ ގޮތަކަށް، ޒިހުނީ ސިފައެއްގައި (އިންޓަލެކްޓުއަލީ) ތިމާގެ ވިސްނުން ބޭނުން ނުކޮށް، ޓައިއެއް އަޅައި ގޮނޑިއެއްގައި، އާދެ، ޖާދޫގެ ގޮނޑީގައި، އިށީނުމުންވާ ގޮތެވެ. ޖާދޫގެ ގޮނޑީގައި އިށީނުމުން، މިފަދަ މީހުންނަށް ހީވަނީ ތިމަންމެން ކޮންމެ ފަދަ މޮޔައެއް ގޮވިޔަސް، އެވާނީ ހަމަ ހަމަޖެހޭ ވާހަކައަކަށެވެ. ދެން، ގަޑިއެއްގެ ތެރޭގައި ރާއްޖެ ހިފިދާނެ ކަމާއި، މިވެނި ބަޔަކު ވެސް އެކަން ކުރި ވާހަކަ ބުނާއިރަށް، އެކަމުގެ ހަގީގަތެއް ބެލުމެއް ނެތި، އެހެން އެންމެން އެކަން ގަބޫލުކުރަންވީއެވެ. މީގެ ހެއްކަކީ ކޮބައި ހެއްޔެވެ؟ އިރާގުން ކުވޭތަށް އަރައިގެން ވާހަކައެވެ. އެކަން މެދުވެރިވާން ދިމާވި ސަބަބު ކޮބާ ހެއްޔެވެ؟ އެއްކޮޅުން، އިރާގާއި އީރާނު ކުރި ހަނގުރާމައެވެ. މިކަމަށް ކުވޭތުން ކުރި ޚަރަދު ދޭން އިރާގަށް އެންގުމެވެ. އަދި މިކަމަކީ ކުވޭތާއި ސައުދީންގެ ހައްގުގައި އިރާގުން ކުރި ހަނގުރާމައެއް ކަމުގައި އިރާގުން ބުނުމެވެ. މީގެ އިތުރުން، ކުވޭތުން، އިރާގުގެ ތެޔޮ، ގަވާއިދާ ޚިލާފަށް ނެގި މައްސަލައެވެ. އިރާގާއި ކުވޭތާ ހަނގުރާމައަކަށް ދާން ޖެހުނީ މިމައްސަލަތަކުގެ ސަބަބުންނެވެ. މިމައްސަލަތައް ވާހަކަދައްކައިގެން ހައްލުނުކުރެވުމުންނެވެ. މީގެ އިތުރުން، ތާރީޚީ ގޮތުން އިރާގާއި ކުވޭތާއި އެއް ތަނެއްގެ ގޮތުގައި، ކޮންމެވެސް ދުވަސްވަރެއްގައި، އިރާގު ދުށް ގޮތުގައި، އޮތް ކަމެވެ. ދެން، މިކަމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އިރާގަށް ކުވޭތު ހިފައިގެން އޮވެވުނު ހެއްޔެވެ؟ މިކަމަކީ ޣައިރު ގާނޫނީ އަމަލަކަށްވުމުން، ގަދަކަމުން ކުވޭތުން އިރާގު ބާލައި، އެ މައްސަލައާ ވިދިގެން އިރާގު ބައިބައިވެ، ފުނޑުފުނޑު ވެސްވީއެވެ. އިންޑިޔާ ބޭނުންވި ހިނދެއްގައި، ތަނުގެ ޚާއިނުންގެ ބަޔެއްގެ ވާގި ނުލިބި، އިންޑިޔާއިން ރާއްޖެއަކަށް އަރައެއް ނުގަނެވޭނެއެވެ. އެއީ، އިންޑިޔާއިން ބަލަން ޖެހޭ އެހެން ކަންކަން ހުރީ މައެވެ. މިސާލަކަށް، ސައޫދީ އަރަބިއްޔާއާއި ގަލްފުގެ ރަށްތަކުން ދެކޮޅު ހަދާފާނެ ކަމެއް، އިންޑިޔާއިން ކުރުމަކީ ވަރަށް ވެސް ދުރުކަމެކެވެ. ސަބަބަކީ އިންޑިޔާގެ އިގުތިސާދު އެތަންތަނާ ގުޅިފައިވާ ކަމެވެ. މީގެ އިތުރުން، އިންޑިޔާގެ އެތައް އެތައް ލައްކަ މީހުން އެތަންތާގައި މަސައްކަތް ކުރަން އުޅުމެވެ. ކޮންމެ އަކަސް، މިކަންކަމަށް އިޝާރަތްކޮށް ވެސް، ޚުދް އިންޑިޔާގެ ނޫސްތަކުގައި ވެސް ލިޔެފިވައި އޮތެވެ.

ޣައިރު ގާނޫނީ ސިފައެއްގައި ތަނަކަށް އަރައި ގަތުމުގެ ނަތީޖާ ދައްކައިދޭ އެހެން މިސާލެއް ވެސް ލިޔެލާނަމެވެ. 1956ގައި، އިނިގިރޭސިންގެ އިސްނެގުމާއި އަދި އެދުމުގެ މަތިން، ސުއޭޒު އަތުލުމުގެ ބޭނުމުގައި، އުދުވާނީ ސިފައެއްގައި އިޒުރޭލުން މިސުރަށް ހަމަލާ ދިނެވެ. ދެން ކަންތައްވީ ކިހިނެއް ހެއްޔެވެ؟ އެމެރިކާއިންނާއި އ.ދ. އިންވެސް އެކަން ކުށްވެރިކުރިއެވެ. އަދި، އެންމެނަށް ޖެހުނީ މިސުރުން ފައިބާށެވެ. ދެން، ސުއޭޒު އަނބުރާ މިސުރަށް ލިބުނެވެ. ހަނގުރާމައިގައި މިސުރު ބަލިވިކަމުގައި ވިޔަސް ވެހެވެ. އިންޑިޔާއިން ބޭނުންވި ނަމަވެސް، އެމީހުން، އުދުވާނީ ސިފައެއްގައި، ޣައިރު ޤާނޫނީ ގޮތެއްގައި، ރާއްޖެއަކަށް ނާރާނެއެވެ. ރާއްޖެއަށް އެމީހުން އަރާނީ، ކުރިން ވެސް ބުނިހެން، ތަނުގައި ތިބި ‘ވިޕިން ބޯއި ފަދަ’ ގައުމުގެ މަސްލަހަތު އިސްނުކުރާ ޚިޔާނަތްތެރި ޣައްދާރުންގެ ސަބަބުންނެވެ. އެމީހުންގެ އެހީގައެވެ. އަދި، ގުރާ ކޮށީގެ ރައްޔިތުންގެ މަޖުލީހުގައި ތިބި، ތިމާމެންގެ ނޭފަތުކުރިއަށް ވުރެ ދުރު ނޫން އެހެން ތަނެއް ނުފެންނަ، ‘ވިޕިން ބޯއި’ ގޮވާހާ މޮޔައެއް ތަކުރާރުކުރާ ގުރާ މެމްބަރުންގެ ސަބަބުންނެވެ. އާދެ، އުތުރު ކަރައިން އަރައިގެން އަންނަ ރަންނަމާރިއެއް ފަދަ ނުރައްކާތެރި ހިންދީ އޮރެންޖު ސާރިދޯޅުގެ ވިހަ ވަކިތައް، ރާއްޖޭގެ މިނިވަން ހަށިގަނޑުގައި ހިއްޕާލާނީ މިފަދަ ޣަދަރުވެރި ޚާއިނުންގެ އެހީގައެވެ. ކުރިންވެސް ރާއްޖޭގެ މިނިވަންކަން ގެއްލިދިޔަ ފަދައިން، ވެރިކަމުގެ ދަހިވެތިކަމުގައި، ރާއްޖޭގެ ދެތިން މީހެއް، ރާއްޖެއަށް ޣަދަރުވެރިވެ ޚިޔާނަތްތެރިވުމުގެ ސަބަބުންނެވެ. މިފަހަރު އެކަން ކުރަން ނިކުމެ ތިބި ބަޔެއްގެ އިސް މީހަކަށް ހުރީ، ޗައިނާއާ މި ހިންދީ ސާރިދޯޅު ސީދާ ދިމާކުރުމުގެ ހިތްވަރު ނެތި، ފިނޑިވެފައި ވުމުން، ޗައިނާގައިގާ ތަޅަން ބޭނުންކުރާ ‘ވިޕިން ބޯއި’ އެކެވެ. އަދި، އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް، މި ވިޕިން ބޯއިގެ ހަގީގަތެއް ނެތް، އަދި ބައެއް ފަހަރު، މޮޔަ، ވާހަކަތައް، އެއްވެސް އަމިއްލަ ވިސްނުމެއް ބޭނުންނުކޮށް އެވާހަކަތައް ތަކުރާތުކުރަން ތިބި މައް ގުރާތަކެއްގެ ސަބަބުންނެވެ. ދެން، ސިޔާސީ ކުލަތަކާއި ތިމާމެން ބޭނުންވާ ވަކި މީހަކު ވެރިޔަކަށް ގެނައުމުގެ އަވައިގައި ޖެހިފައި ތިބި ރައްޔިތެއް ތަނުގައި އޮތުމުގެ ސަބަބުން، ރައްޔިތުން މިކަމަށް ހޭލުންތެރި ނުވުމުން ވެސް މެއެވެ.

މިކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ ފަހަރެއްގައި ވެސް ސަރުކާރާ ދެކޮޅުވެ، ބަޣާވަތް ކުރުމެއް ނޫނެވެ. ނުވަތަ ގަވާއިދާ ޚިލާފަށް މުޒާހަރާތައް ކުރުމެއް ވެސް ނޫނެވެ. މިކަމުގެ ހައްލު ގުޅެނީ ގައުމީ މައްސަލަތަކާ މެދު އާންމުންގެ ހޭލުންތެރިވުމާއެވެ. އަދި، މި ހޭލުންތެރިކަންމަތީގައި ތިބެ، އެންމެން އެކުވެ، ގައުމުގެ ދިފާއުގައި މަސައްކަތްކުރުމާއެވެ.  މިފަދަ ހޭލުންތެރިކަމެއް އުފެއްދޭނީ، މި ފަދަ މައްސަލަތައް، އަމިއްލައަށް، ރަނގަޅަށް ސާފުކޮށް، އަދި މިކަންކަމާ މެދު އަމިއްލައަށް ވިސްނައިގެންނެވެ. އެއަށްފަހު، ގައުމީ މަސްލަހަތާ ފުށުއަރާ، މަތީގައި ބަޔާންކުރެވުނު، ސަރުކާރުގެ މިފަދަ ސިޔާސަތްތަކާ ދެކޮޅު ހަދައިގެންނެވެ. ދިވެހި ދައުލަތަކީ، ދިވެހި ރާއްޖެއަކީ، ސަރުކާރުގެ ނުވަތަ ވަކި ބަޔެއްގެ މިލްކެއް، ހަރުމުދާގަނޑެއް، ނޫންކަން ހިތުގެ އަޑިން ގަބޫލުކުރެވިގެންނެވެ. އެއީ އެންމެންގެ އަތް މަތީގައި އޮތް ބޮޑު އަމާނާތެކެވެ. ސަރުކާރަކީ ރާއްޖޭގެ އެންމެންގެ ޖަމާއީ ކަންތައް ހެޔޮ ގޮތުގައި ހިންގުމައްޓަކައި އޮންނަ މުއައްސަސާއެކެވެ. ބޮޑު އަގެއް ދިން ބަޔަކަށް، ސީދާ ގޮތެއްގައި ވިޔަސް، ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް، ރާއްޖެ ވިއްކާލުމުގެ އިޚްތިޔާރު (އޮތޯރިޓީ)، އެއްވެސް ސަރުކާރަކަށް ވެސް، އަދި އެހެން ބަޔަކަށް ވެސް، ލިބިގެން ނުވެއެވެ. އެހެންވެ، މައްސަލަ ރަނގަޅަށް ސާފުކޮށް، އެންމެ ފުރަތަމަ، މިކަމަށް ރައްޔިތުން ހޭލުންތެރިވާން ޖެހެއެވެ. މިމައްސަލަ ރަނގަޅަށް ބަލައި ފަހުމްކޮށް، އެއަށް ފަހު، މިފަދަ ކަންކަމާ ދެކޮޅު ހަދައި، މިވާހަކަތައް، ބުއްދީގެ ހަމަތައް ބޭނުންކޮށްގެން، ޒިހުނީ ސިފައެއްގައި، ދައްކާން ޖެހެއެވެ. އެންމެ ފުރަތަމަ، ރައްޔިތުން ތަމްސީލުކުރަން ހޮވައިފައި ތިބި މެމްބަރުންގެ ގާތުގައެވެ. އެމީހުންނަށް ބޮޑެތި މުސާރަތައް ރައްޔިތުން ދީފައި އެތިބީ ރައްޔިތުންގެ އިހުސާސުތަކާއި ޝުއޫރުތައް ދެނެގަނެ، ގައުމީ މަސްލަހަތު އިސްކޮށްގެން، ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށް، ގައުމު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާށެވެ. ދެން އޮތީ، މިމެމްބަރުން ދައްކާ ވާހަކަތައް އަބަދުވެސް އަޑުއަހައި، އެއީ ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށްވާ ނަމަ، އެމީހުން ގާތު އެމީހުންގެ ވާހަކަ ހަމަނުޖެހޭ ކަމުގައި، ހެއްކާއެކު، ބުނުމެވެ. އެވާހަކަތަކަކީ ވަކި އަނގައަކުން ނިކުތް ވާހަކަތަކަކަށް ވުމުން، އެއަށް ވަހީގެ ދަރަޖަދީ، އެއީ އެއްވެސް ސުއާލެއް ނުކޮށް، ބަލައި ގަނެވޭ ވާހަކައަކަށް ނުހެދުމެވެ. އެންމެ ފަހުން، ޗައިނާއަށް، ސޯޅަ ރަށެއް ވިއްކާލައިފައިވާ ވާހަކަ، މަހާރާޖާ ވިދާޅުވުމުން، އެއީ ކޮންކޮން ރަށެއްތޯ ބަޔާންކޮށްދޭން އެދުމުން، އެންމެ ރަށެއްގެ ނަންވެސް ވިދާޅުވާން އެނގިވަޑައިގެންނެވި ހެއްޔެވެ؟ މިއިން އެފަދަ މީހުންގެ އެފަދަ ވާހަކައިތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަމާއި އޭގެ ހޮޅިކަން އެނގޭނެއެވެ. ދެން، ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްތައް މެދުވެރިކޮށް ވެސް، މިވާހަކަތައް ލިޔަންވީއެވެ. ޚަބަރު ފަތުރާ އިޖުތިމާއީ ވަސީލަތްތައް މެދުވެރިކޮށް ވެސް މިވާހަކަތައް ލިޔަންވީއެވެ. މިއީ ހައްތަހާ ވެސް، ކޮންމެ ފަރުދަކަށް ވެސް ކުރެވިދާނޭ ކަންކަމެވެ. މިފަދަ ގައުމީ މައްސަލަތަކުގައި އޭނާގެ އަމިއްލަ މަސްއޫލިއްޔަތު އުފުލުމުގެ ގޮތުންނެވެ. މީގެ އިތުރުން، ގަވާއިދު ތަންދޭ ގޮތެއްގެ މަތިން، ގަވާއިދު ތަންދޭ ވަގުތެއްގައި، މަދަނީ ސިފައެއްގައި، ސުލްހަވެރިކަމާއެކު، މުޒާހަރާތައް ވެސް ކުރެވިދާނެއެވެ. ނަމަވެސް އެކަމުގެ ވެސް އަމާޒަކަށްވާން ޖެހޭނީ ސަރުކާރު ވައްޓާލުމެއް ނޫނެވެ. ސަރުކާރުގެ ހަމަނުޖެހޭ، އަދި ރާއްޖޭގެ ގައުމީ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމެވެ. ސިޔާސީ ކުލަތަކަކީ، ގައުމީ މަސްލަހަތަށް އިސްކަން ދޭންޖެހޭ ވަގުތުތަކުގައި، މީސްތަކުން ބައިބައި ކުރާ އެއްޗަކަށް ނުހަދަންވީއެވެ. އެފަދަ ވަގުތުތަކުގައި، ސިޔާސީ ކުލަތައް އެއްފަރާތްކޮށް، އެންމެން އެކުގައި ގައުމުގެ މަސްލަހަތު ދިފާއުކުރަން ދަސްކުރަންވީއެވެ. އާންމުންގެ މަދަނީ ބާރުގެ ވަރުގަދަކަން ދެނެގަންނަންވީއެވެ. މިއީ އެއްވެސް ބަޔަކަށް އެބާރަކާ ދޭތެރޭ އަބަދު އަޅާނުލާ ނޯވެވޭނޭ ބާރެކެވެ. މިކަމުގެ ވަރުގަދަ ހެކި، އާދެ، މަދަނީ ބާރުގެ ވަރުގަދަ ހެކި، ރޫސީ ރަތް ސާރިދޯޅުގެ ވަކިތަކުން ޕޯލެންޑާއި ޗެކޮސްލަވޭކިޔާ މިނިވަންކުރުމުގައި، ޕޯލަންޑުގެ ‘ސޮލިޑަރިޓީ’ގެ ހަރަކާތްތަކާއި ޗެކޮސްލެވޭކިޔާގެ ‘ވެލްވެޓު ރެވޮލޫޝަން’ގެ ހަރަކާތްތަކުން ފެނިގެންދެއެވެ.  ޚުދް، އިނގިރޭސީންގެ އިސްތިއުމާރާ ދެކޮޅަށް، އިންޑިޔާގައި ވެސް، ގާނދީގެ މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުންވެސް އާންމުން އެއްބައިވެގެން އުފައްދާ މަދަނީ ބާރުގެ ވަރުގަދަކަން ފެނިގެން ދިޔައެވެ. އެއްވެސް ބަޑިއެއްގެ ބޭނުން ނުކޮށް، މި މަދަނީ ބާރުގެ އެހީގައި ބާރުގަދަ ބޮޑު އެމްޕަޔަރެއް ބަލިކުރިއެވެ. އާދެ، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރެވޭނީ ހޭލުންތެރިވެ ތިބެ، މިގޮތުގައި، އެންމެން އެކުވެ، އެކުގައި މަސައްކަތްކޮށްގެންނެވެ. މިގޮތަށް، އެންމެން އެކުވެ، އެކުގައި މަސައްކަތްކުރެވިއްޖެ ނަމަ، އުތުރު ކަރައިގެ ހިންދީ އޮރެންޖު ސާރީދޯޅުގެ ވަކިތައް ދިވެހި ރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަމުގެ ހަށިގަނޑުގައި، ހިއްޕާލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

2 ހިޔާލުތައް

  1. ބަލަމާ ހިނގާ ދިވެހިން ބޮޑުވަރިހަމައިގާ ނުތިބެ އެބައިމީހުންގެ ކަންކަމާއި ވިސްނާ ފިކުރުކޮށް ޢަމަލީ ސިފައެއްގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި މިލިބިފައިވާ ބޮޑު ނިޢުމަތް އިސްލާމް ދީނުގެ ހިދާޔަތުގައި ތިބުމަށް ގަދައަޅާ މަސައްކަތްކުރާނެ ކަމަށް. މިޒަމާނަކީ ކުޑަކުޑަ އަގެއްގައި ނަފުސު ވިއްކާޒަމާން!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ